ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސްގެ ހެޑްގެ މަގާމުގައި ކުރިން ހުރި ހައިލަމް މުހައްމަދުގެ މައްޗަށް ރިޝްވަތާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރިކަން ސާބިތުވުމުން ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ ޑީޖޭއޭގެ އިސް މަގާމެއްގައި ހުރެ ރިޝްވަތާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރިކަން ސާބިތުވުމުން، މުޖުތަމައުއަށް ހިދުމަތް ކުރުމަށާއި ބޮޑު އަދަދަކުން ޖޫރިމަނާކޮށް އަދި ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ދޭން އަންގާފައެވެ.

ހައިލަމް ގެ މައްޗަށް ރިޝްވަތާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރިކަމުގެ 3 ދައުވާއެއް ވަނީ އުފުލާފައެވެ. އެގޮތުން މި ދައުވާތައް އުފުލާފައިވަނީ 2019 ވަނަ އަހަރު ޑީޖޭއޭއަށް ބައެއް ތަކެއްޗާއި ހިދުމަތްތައް ހޯދުމުގައި އޭނާއާ ގުޅުން އޮންނަ ވިޔަފާރިތަކަކުން ކޯޓޭޝަން ހޯދައި، އެތަނުން އެއް ކުންފުންޏަކާ ހަވާލު ކުރުމުން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދި ކަމަށް ބުނެއެވެ.

ކްރިމިނަލް ކޯޓުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު 40 ގަޑިއިރު މުޖުތަމައުއަށް ހިދުމަތް ކުރުމަށާއި 56،200ރ. ގެ ޖޫރިމަނާގެ އަދަބެއް ކަނޑައަޅާފައެވެ.

ހައިލަމް މި ތިން ދައުވާއަށް ވެސް ކޯޓުގައި އިއުތިރާފްވެފައިވާއިރު، މި ތިން ދައުވާއަށް އަދަބު ކަނޑައަޅާފައިވަނީ ވަކިވަކިން ނެވެ. އެގޮތުން ޖުމްލަ 120 ގަޑިއިރު މުޖުތައުއަށް ހިދުމަތް ކުރުމާއި 82،200 ރުފިޔާ އިން ޖޫރިމަނާ ކުރުމެވެ. އަދި ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 241،244 ރުފިޔާ ދައްކަން ވެސް އޭނާގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.

މިއާއެކު ޖުމްލަ ހައިލަމްގެ މައްޗަށް 379،644 ރުފިޔާ ދައުލަތަށް ދެއްކުމަށް ވަނީ ހުކުމް ކޮށްފައެވެ.