އުތުރުގެ ތިން އަތޮޅު ހއ، ހދ އަދި ށ އަތޮޅުގައި އިންޓަގްރޭޓަޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އާ ގުޅޭގޮތުން ހެދި ސޯސިއޯ އިކޮނޮމިކް ސްޓަޑީގެ ނަތީޖާއިން، އާރްޓީއެލް ފެރީގެ ހިދުމަތް އެންމެ ގިނައިން މީހުން ހޯދާފައި ވަނީ ސިއްހީ ހިދުމަތް ހޯދަން ކަމަށް ދައްކައިފިއެވެ.

ޕްލޭނިން މިނިސްޓްރީން އެފްޖޭއެސް ކޮންސަލްޓިން އާ ހަވާލުކޮށްގެން ހެދި ދިރާސާގައި އުތުރުގައި މީހުން ދިރިއުޅޭ 41 ރަށުގެ ތެރެއިން މި ދިރާސާގައި ވަނީ 16 ރަށުން މައުލޫމާތު އެއްކޮށްފައެވެ. ހުރިހާ އުމުރަކުން ވެސް ދެ ޖިންސުގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ބައިވެރިވެފައިވާ މި ސާވޭގައި ޕަބްލިކް ސެކްޓާއިން 787 މީހުން އަދި ވިޔަފާރީގެ ނަޒަރުން ބެލުމަށް 106 ވިޔަފާރިއެއްގެ ފަރާތުން މައުލޫމާތު ހޯދާފައި ވެއެވެ.

ފުނަދޫގައި ދިރިއުޅޭ އާއިލާއެއް ހަވީރު ބަނދަރަށް ނިކުމެ ވައި ޖައްސާލަނީ / ފޮޓޯ: އާއިޝަތު ޝާޒްލީން - ދަ ޕްރެސް

ވޭތުވެދިޔަ ތިން މަހުގައި އުތުރުގެ ރަށްތަކުގައި ދަތުރުކުރުމަށް އާރްޓީއެލް ބޭނުންކޮށްފައި ވަނީ 83 ޕަސެންޓް މީހުން ކަމަށް އެ ދިރާސާއިން ބުނެއެވެ. އޭގެތެރެއިން 74 ޕަސެންޓް މީހުން ދަތުރުކޮށްފައި ވަނީ ހދ.ކުޅުފުއްޓަށް ކަމަށާއި ކުޅުދުއްފުށީގެ އިތުރުން ދެން އެންމެ ގިނައިން މީހުން ދަތުރު ކުރަނީ އަތޮޅުގެ ވެރިކަން ކުރާ ރަށް ރަށާއި އެއާޕޯޓް ހުންނަ ރަށްތަކަށް ކަމަށް އެ ދިރާސާއިން ބުނެއެވެ.

އޭގެތެރެއިން ތިންބައި ކުޅަ ދެބައި މީހުން ދަތުރުކޮށްފައި ވަނީ ސިއްހީ ބޭނުންތަކަށް ކަމަށް އެ ދިރާސާއިން ބުނެއެވެ. އެއީ ޑޮކްޓަރަށް ދެއްކުމަށާއި، ހާއްސަ ސިއްހީ ބޭނުންތަކަށާއި، ލެބޯޓްރީގެ ހިދުމަތް ހޯދުމަށެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން ދަތުރުކޮށްފައި ވަނީ އެއާޕޯޓަށް ދިއުމަށާއި އާއިލާ ރައްޓެހިންނަށް ޒިޔާރަތް ކުރުމަށް ކަމަށް އެ ދިރާސާއިން ދައްކައެވެ.

ބަލިމީހުންނާއި އާއިލާތަކަށް ލިބުނު ފައިދާ

  • ދިގު މުއްދަތައް ބޭސްފަރުވާ ބޭނުންވާ ފަރާތްތަކާއި ބޮޑެތި ބަލިތައް ތަހައްމަލުކުރާ ރައްޔިތުންނަށް ގަވާއިދުން ސްޕެޝަލިސްޓުންނަށް ދެއްކުމާއި ލެބޯޓަރީ ޓެސްޓްތައް ހެދުމަށް ފުރުސަތު ލިބުން އިތުރުވުން
  • ހާލަތު ގޯސްވުމުގެ ކުރިން ސިއްހީ ފަރުވާ އަދި ޑެންޓަލް ހިދުމަތް ހޯދުމަށް ސަރުކާރުގެ ހޮސްޕިޓަލްތަކާއި ޕްރައިވެޓް ކްލިނިކްތަކަށް ދަތުރުކުރުން އިތުރުވުން
  • ފެރީ ޝެޑިއުލްތައް ކަނޑައަޅާފައިވާ ގޮތުން އެދުވަހުން އެދުވަހަށް ޑޮކްޓަރަށް ދެއްކުމާއި ޓެސްޓްތައް ހެދުމާއި ރިޕޯޓް ދެއްކުން ފަދަ ކަންކަމުގެ ފުރުސަތު ގިނަ ފަރާތްތަކަށް ލިބުން
  • ބޭހާއި އެހެނިހެން ފާމަސޫޓިކަލްތައް ރީޖަންގެ ތެރޭގައި ހިމެނޭ ސިއްހީ މަރުކަޒުތަކަށާއި ހޮސްޕިޓަލްތަކަށް ފޯރުކޮށްދިނުމުގައި ލުއިފަސޭވެގެން ދިއުން
  • ސްޕެޝަލިސްޓުންނާއި އިތުރަށް ހަދަން ޖެހޭ ޓެސްޓްތަކަށް ދެވޭ ރެފެރަލްތައް ސިއްހީ މަރުކަޒުތަކަށާއި ހޮސްޕިޓަލްތަކުގެ މެދުގައި ކޯޑިނޭޓްކުރުމުގައި ފަސޭހަވުން
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި އޮޕަރޭޝަން ކުރިއަށް ދަނީ

ހަމައެއާއެކު ވެސް މި ހިދުމަތުގެ ސަބަބުން ސިއްހީ މަރުކަޒުތަކަށާއި ހޮސްޕިޓަލްތަކަށާއި ތައުލީމީ ނިޒާމަށްވެސް ފައިދާ ލިބުނު ކަމަށް ސާވޭއިން ދައްކައެވެ. އެގޮތުން އެމްޓީސީސީ، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް އަދި ހދ އަތޮޅުގެ ސިއްހީ މަރުކަޒުތަކާއެކު ވެފައިވާ ޓްރައިޕާޓީ އެއްބަސްވުމުގެ ސަބަބުން މޮބައިލް ލެބޯޓަރީ ހިދުމަތްތަކުގެ އޮޕަރޭޝަން ފަސޭހައިން ކުރިއަށް ދިއުމާއެކު ހޮސްޕިޓަލްތަކުގެ ހަރަދު ކުޑަވެގެން ދާ ކަމަށް އެ ދިރާސާ އިން ބުނެއެވެ. މީގެ އިތުރުން ތައުލީމީ ފުރުސަތުތައް ލިބިގަތުމަށް ކުރާ އަސަރަށް ބަލާއިރު، އެކަށީގެންވާ އަގެއްގައި ދަތުރުކުރުމުގެ ފުރުސަތު އެހެން ރަށްރަށުގެ ދަރިވަރުނަން އޮތުމުން އެމްއެންޔޫ އަދި އެހެނިހެން ކޮލެޖްތަކުގެ ބްލޮކްމޯޑް ކްލާސްތަކަށް ޑިމާންޑް އިތުރުވެގެން ދާ ކަމަށް ވެސް އެ ސާވޭގެ ނަތީޖާއިން ދައްކައެވެ.

އެ ސާވޭއިން ދައްކާ ގޮތުގައި އެ އާރްޓީއެލް ފެރީގެ ހިދުމަތް ފެށިގެން ދިއުމުން އެ ސަރަހއްދުގައި އިގްތިސޯޑީ ގޮތުން ވެސް ވަރަށް ބޮޑެތި ހެޔޮ ބަދަލުތައް ވަނީ އައިސްފައެވެ. އެގޮތުން އާރްޓީއެލްގެ ސަބަބުން 86 ޕަސެންޓް ގޭބިސީތަކުން ދަތުރުފަތުރަށް ކުރާ ހަރަދު ވަނީ ކުޑަވެފައި ކަމަށާއި ޑައިރެކްޓް އަދި އިންޑައިރެކްޓް ވަޒީފާގެ ފުރުސަތު ވަނީ އުފެދިފައިވާ ކަމަށް ސާވޭއިން ދައްކައެވެ. ހަމައެއާއެކު ވަޒީފާގެ ބޭނުމުގައި ނުވަތަ އެހެން ބޭނުމެއްގައި ވެސް އެހެން ރަށްތަކަށް ދަތުރުކުރުމަށް ފުރުސަތު މަދުކަމާއި، ދަތުރު މަތިގައި ހޭދަވާ ވަގުތު ކުޑަވެ އޭގެ ސަބަބުން އިގްތިސޯދި ގޮތުން ކުރިއަރައި އަދި ދިރިއުޅުމުގެ ހާލަތު ކުރިއަރައިގެންދާކަން ފާހަގަ ވެފައިވާ ކަމަށް ވެސް އެ ސާވޭއިން ދައްކައެވެ.