ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ އިންވަކިކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހައުސިން މިނިސްޓްރީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ބިންވެރިޔާ ސްކީމްގެދަށުން، ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ސާފުކޮށް، އިންވަކިކުރުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ.

ގުޅިފަޅުގެ ލޭންޑްޔޫސް ޕްލޭންގެ ގެނައި ބަދަލާ ގުޅިގެން ގޯތީގެ ލޮކޭޝަން ބަދަލުވި މީހުންނަށް އާ ރަޖިސްޓްރީއާ ހަވާލުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީއިން އަންނަނީ ކުރަމުންނެވެ.

އެގޮތުން މިހާތަނަށް 1260 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވެއެވެ. އާ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީއިން ކުރިއަށް ގެންދަނީ އެ މިނިސްޓްރީ ކުރިން ހިންގި އިމާރާތް ހުރި ބިމުގައެވެ.

ގޯތި ލިބިފައިވާ ފަރާތްތައް ރަޖިސްޓްރީއާ ހަވާލުވުމަށް އަންނައިރު، ގޯތި ލިބިފައިވާ ފަރާތް ނުވަތަ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންދަން ޖެހެއެވެ. އަދި ބަދަލުގައި އެހެން ފަރާތެއް އަންނަ ނަމަ، ޕަވަ އޮފް އެޓާނީގެ އަސްލު އަދި ޕަވަ އޮފް އެޓާނީ ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު ގެންދަން ޖެހެއެވެ.

މީގެއިތުރުން ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމާއި، ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ"ގެ އަސްލު ވެސް ގެންދަން ޖެހެއެވެ.