ރާއްޖޭގައި ވެރިކަން ކުރާ ނިޒާމު ކަނޑައެޅުން އަވަސްކުރުމަށްޓަކައި ގާނޫނުއަސާސީގެ ބައެއް މާއްދާތަކަށް ގެންނަ ބަދަލު ތަސްދީގުކުރަން ރައީސަށް ފޮނުވައި، އާންމުންގެ ފެންނަ ނުފެންނަ ވޯޓަކަށް ހުޅުވާލަން ނުޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރުމުގެ ވިސްނުމެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާކަން ހާމަކުރައްވައިފިއެވެ.
ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގޮވާލައްވައި، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރަށް މުޅި މަޖިލީހުގެ ކޮމިޓީގައި މިއަދު ވަނީ ބަހުސްކޮށްފައެވެ.
އެ ގަރާރަށް ވާހަކަ ދައްކަވަމުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ، މިހާރު އޮތް ގޮތަށް އެ ގަރާރު ފާސްކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، ސަބަބަކީ އެ ގަރާރަކީ ގާނޫނުއަސާސީގެ 261 ވަނަ މާއްދާ އާއި 262 ވަނަ މާއްދާގައި ބަޔާންކުރާ މައްސަލައާ ގުޅުންހުރި ގަރާރަކަށް ވާތީ ކަމަށެވެ. އެ ދެ މާއްދާގައި ހިމެނޭ ކަންކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، މަޖިލީހުން އެ ގަރާރު ފާސްކުރި ނަމަވެސް، ރައްޔިތުން އެ ގަރާރު ބަލައިނުގެންފި ނަމަ ގަރާރު ބާތިލުވާނެ ކަމަށެވެ.
ޝަރީފްގެ ވާހަކަ ނިމުމުން ނަޝީދު ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމަށްޓަކައި ބަދަލުކުރާ މާއްދާތައް އެކަމުން އިސްތިސްނާވާ ގޮތަށް ގާނޫނުއަސާސީގެ 262 ވަނަ މާއްދާ އިސްލާހުކުރެވޭނެ ކަމަށެވެ.
"އަޅުގަނޑު ހިތުން ވިސްނުމަކަށް ވެދާނެ ފުރަތަމަ [ގާނޫނުއަސާސީގެ] 262 ވަނަ މާއްދާ އިސްލާހުކުރުން، 262 [ވަނަ މާއްދާ] އިސްލާހުކުރާއިރު [އެ މާއްދާގެ] ށ ގަ އެ ބުނާ އެއްވެސް ބިލެއްގެ ބަދަލުގައި 70 [ވަނަ މާއްދާ] ގެ ދަށުން ހިޔާލު ހޯދާފައި އެކުލަވާލާފައިވާ ބިލެއް ނަމަ ދެން އަނެއްކާ ރައީސުލްޖުމްހޫރިއްޔާ އަށް އެ ބިލު ތަސްދީގުކުރައްވަން ދާން ޖެހިވަޑައިނުގަންނަވާ ގޮތަށް 262 [ވަނަ މާއްދާ] އިސްލާހުކުރެވިދާނެ،" ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު އެ ވިދާޅުވި ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށްފި ނަމަ، ގާނޫނުއަސާސީގެ 70 ވަނަ މާއްދާ އިން މަޖިލީހަށް ލިބިދީފައިވާ ބާރުގެ ދަށުން ނަގާ ފެންނަ ނުފެންނަ ވޯޓު ބަރުލަމާނީ ނިޒާމާ އެއްކޮޅަށް ނިމިއްޖެ ނަމަ، ގާނޫނުއަސާސީ އަށް ގެންނަ އިސްލާހުތަކަށް އާންމުންގެ ވޯޓެއް ނަގަން ނުޖެހޭނެއެވެ.