ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ހުށަހަޅާފައިވާ ގަރާރު މިހާރު އޮތް ގޮތަށް ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރަށް މުޅި މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، އިލްޔާސްގެ ގަރާރަކީ ގާނޫނުއަސާސީގެ 261 ވަނަ މާއްދާ އާއި 262 ވަނަ މާއްދާގައި ބަޔާންކުރާ މައްސަލައާ ގުޅުންހުރި ގަރާރެއް ކަމަށެވެ. ގާނޫނުއަސާސީގެ 261 ވަނަ މާއްދާ އާއި 262 ވަނަ މާއްދާގައިވާ ގޮތުން:
- ގާނޫނުއަސާސީ އަށް އިސްލާހު ގެނެވޭނީ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި މެންބަރުންގެ އަޣުލަބިއްޔަތުން
- ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް ފާސްކުރާ ބިލު ގާނޫނަކަށް ވާނީ ރައީސް އެ ބިލެއް ތަސްދީގުކުރުމުން
- ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އުމުރާއި، ރައީސް އިންތިހާބުކުރެވޭ ގޮތަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ފަހު ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފަހު، ރައްޔިތުން ފެންނަ ކަމަށް ވޯޓު ދީފި ނަމަ
ގާނޫނުއަސާސީ އާ ހަވާލާދެއްވައި ޝަރީފް ވިދާޅުވީ، މަޖިލީހުން ފާސްކުރާ ފާސްކުރުން ރައްޔިތުން ބަލައިނުގެންފި ނަމަ، އެ ނިންމުމެއް ބާތިލުވާނެ ކަމަށެވެ.
"އެހެންވީމާ މިހާރު މި އޮތް ގަރާރު ޕަބްލިކް ރިފްރެންޑަމަކަށް ފޮނުވިދާނެ ކަމަކަށެއް ގަބޫލެއްނުކުރެވޭ،" ޝަރީފް ވިދާޅުވިއެވެ.
"އެއީ ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ ށ ގެ ހަވަނަ ނަންބަރުގައި ބަޔާންކުރާ ފަދަ މައްސަލައެއް ނޫން މީކީ އެއް، ގާނޫނުއަސާސީގެ އަސާސީ ސިފަތަކަށް، ވެރިކަމުގެ ނިޒާމަށް، ރައީސުލްޖުމްހޫރިއްޔާގެ އިންތިހާބަށް، އިންތިހާބުކުރާ ގޮތަށް، އަދި ދައުރަށް އަދި މަޖިލިސް އިންތިހާބުކުރާ ގޮތަށް އަދި މަޖިލިސްގެ ދައުރަށް ބަދަލު އަންނަ ގޮތަށް ބަރުލަމާނީ ނިޒާމެއްގަ ހިމެނެނީ،"
ގާނޫނުއަސާސީގެ 70 ވަނަ މާއްދާގައިވާ ގޮތުން، ރާއްޖޭގައި ގާނޫނު ހެދުމުގެ ބާރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބާރު
- އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތުގެ މަތިން ގާނޫނުތައް ހަދައި، ބަދަލު ގެނެސް ނުވަތަ ގާނޫނުތައް ބާތިލްކުރުމުގެ ބާރު
- ވެރިކަން ހިންގުމުގެ ބާރުން ކުރާ ކަންކަން ހިނގާ ނުހިނގާ ގޮތް ބަލައި ޖަވާބުދާރީކުރުވުމުގެ ބާރު
- ދައުލަތުގެ ބަޖެޓު ފާސްކުރުމުގެ ބާރު
- މުސްތަގިއްލު ކޮމިޝަންތަކާއި މަގާމުތަކާ ބެހޭ ގޮތުން ނިންމަން ޖެހޭ ކަންކަން ނިންމުމުމުގެ ބާރު
- އާންމުންނާ ގުޅޭ މުހިންމު ކަންކަމުގައި ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ބާރު