ޔޫކްރައިން ހަނގުރާމައިގައި ސުލްހައާއި ހަމަޖެހުން އޮތް ހަމަ އެކަނި ގޮތަކީ ރަޝިއާ ބަލިކުރުން ކަމަށް ޕޮލަންޑްގެ ރައީސް އެންޑްރޭޖް ޑޫޑާ ވިދާޅުވެއްޖެއެވެ.

އދ ގެ ޖެނެރަލް އެސެމްބްލީ މިހާރު ހިނގަމުން ދާ އިރު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ޕޮލަންޑަކީ ޔޫކްރައިން އާއެކު ދިގު ބޯޑަރެއް ހިއްސާ ކުރާ ގައުމެއް ކަމަށާއި، ރަޝިއާ ބަލިކުރުމަށް ޔޫކްރައިންގެ ބައިވެރިން ދޭ މަދަދު އަވަސްކޮށް ހަރަކާތްތައް އިތުރު ކުރަން ޖެހޭ ކަމަށެވެ. އަދި ރަޝިއާއިން އެގައުމުގެ ބޯޑަރު އިތުރުރަށް ފުޅާ ކުރިޔަ ނުދޭން ހުރިހާ ފަރާތްތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށާއި، ޔޫކްރައިން މައްސަލައިގައި ސުލްހައާއި ހަމަޖެހުން އޮތީ ހަމައެކަނި ރަޝިއާ ބަލިކުރެވިގެން ކަމަށެވެ.

"މިއީ ސުލްހަ މަސަލަސްކަން މުސްތަގުބަލަށް ޔަގީން ކުރެވޭނެ ގޮތް، އަދި އެމެރިކާގެ މުސްތަގުބަލަށް ވެސް"

ޑުޑާ އިތުރަށް ވިދާޅުވީ، އިއްޔެވެސް ޕޮލަންޑާއި ޔޫކްރައިންގެ ބޯޑަރުގައި ބާރަށް ހަނގުރާމަ ހިނގާފައި ވާ ކަމަށާއި ރަޝިއާގެ ޑްރޯން ތަކުން ޔޫކްރައިންގެ ލަވީވްގައި ހުރި ވެއާހައުސްތަކަށް ހަމަލާދީފައި ވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީވެސް ވިދާޅުޥާ ގޮތަށް، ގޮތް ދޫކޮށް ވަކިގޮތަކަށް އެއްބަސްވެވޭނެ ހާލަތެއް މިހާރު ނެތް ކަމަށާއި ރަޝިއާ ހުއްޓުވޭނެ ހަމައެކަނި ގޮތަކީ އެގައުމު ބަލިކޮށްލައިގެން ކަމަށެވެ. އަދި އެކަން ވާނީ، ރަޝިއާއިން ހިފާފައި ވާ ބިންތަކުގައި ތިބި އެގައުމުގެ ސިފައިން ފަހާލައިގެން ކަމަށާއި އެމެރިކާ އާއި ހުޅަނގުން ދެމުން ގެންދާ މަދަދާއި އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

ޔޫކްރައިން ހަނގުރާމަ ފެށީއްސުރެ ޕޮލަންޑަކީ ޔޫކްރައިންގެ ބައިވެރިއެކެވެ. ޔޫކްރައިން ދޫކޮށް ދާ އެތައް މިލިއަން ބަޔަކަށް ބޯހިޔާވަހިކަން މިހާރުވެސް ފޯރުކޮށްދޭ އެއް ގައުމަކީ ޕޮަލަންޑެވެ. އެގައުމުން ގެންދަނީ، ނޭޓޯގެ އަސްކަރީ ބާރު އެ ސަރަހައްދުގައި ފުޅާ ކުރުމަށް ވެސް ގޮވާލަމުންނެވެ.

ޔޫކްރައިން އަށް އެތައް ގޮތަކުން މަދަދުވެރިވަމުން ދާ ޕޮލަންޑަކީ އެންމެ ފުރަތަމަ ފައިޓާ ޖެޓްތަކާއި އަސްކަރީ ޓޭންކްތައް ޔޫކްރައިން އަށް ފޮނުވި ގައުމުވެސް މެއެވެ.

ހުޅަނގާއި އެމެރިކާއިންވެސް އެތައް ބިލިއަން ޑޮލަރެއްގެ އަސްކަރީ އެހީ ލޯނުގެ ގޮތުގައި ޔޫކްރައިން އަށް ފޯރުކޮށްދޭ އިރު، އެމެރިކާއިން ދޭ އެމް1 އަބްރަމްސް ޓޭންކްގެ 31 ޓޭންކް ކުރިއަށް މިއޮތް ހަފްތާތަކުގައި ޔޫކްރައިން އަށް ދާނެއެވެ. އެ ޓޭންކްތަކާއެކު ޔޫރޭނިއަމް ދަގުއިން މުއްސަނދި ކޮށްފައި ވާ ހަތިޔާރާއި އުންޑަވެސް ދޭން އެމެރިކާ ނިންމާފައި ވާ އިރު، އެ ޓޭންކްތައް ބޭނުންކޮށްގެން ދޭ ހަމަލާތަކަކީ ގެރެންޓީ ހަމަލާތަކަކަށް ވާނެ ކަމަށް އަސްކަރީ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ނިއުކްލިއާ ދަގުއިން މުއްސަނދި ކޮށްފައި ވާ އުންޑައަކީ، އޭގެ ބާރުވެސް ގަދަ އަމާޒުވާ ތަނެއް ފޫއަޅުވާލައި ވަދެ އެތެރޭގައި އޮވެ ގޮވާ ބޮޑު ގެއްލުމެއް ދޭ ގޮތަށް ފަރުމާ ކޮށްފައި ހުންނަ އުންޑަތަކެކެވެ. މި ބާވަތުގެ އުންޑަ ބޭނުން ކުރުމާމެދު އދ ގެ ނިއުކްލިއާ ހަކަތައާ ބެހޭ އިދާރާއިން ކަންބޮޑުވުން އުފައްދާފައި ވީ ނަމަވެސް އެއީ ހަނގުރާމަތަކުގައި ބޭނުން ކުރުން މަނާ އެއްޗެއް ނޫނެވެ.

އެމެރިކާގެ މި ޝިޕްމަންޓާ ގުޅިގެން ރަޝިއާއިން ބުނެފައި ވަނީ، އެމެރިކާގެ ހަމައެކަނި ބޭނުމަކީ ހަނގުރާމަ އިތުރަށް ދިގުދަންމާ ހަތިޔާރު ވިއްކުން ކަމަށާއި، ރަޝިއާ ފޫއަޅުވާލެވޭ ވަރުގެ ބާރެއް ނެތް ކަމަށެވެ. އެއާއެކު ރަޝިއާއިން ވަނީ، އެގައުމުން އުފެއްދި އެޑްވާންސް ސްރްމަޓް އިންތަކޮންޓިނެންޓަލް މިސައިލް ހިދުމަތަށް ނެރެފައެވެ. މިއީ ދުނިޔޭގެ ކޮންމެ ތަނަކަށް ވެސް ފޯރާ ވަރަށް އަދި ނިއުކްލިއާ ވޯހެޑްގެ 10-15 އެތި އުފުލޭ ގޮތަށް ރަޝިއާއިން ފަރުމާ ކޮށްފައި ވާ މިސައިލެކެވެ.

ރަޝިއާއިން ސައުތު ޕޯލަށް ދުރުމިން ބަލާއިރު ހުންނަނީ 16،000 ކިލޯ މީޓަރެވެ. އެމެރިކާ އަށް 5000 ކިލޯ މީޓަރެވެ. ރާއްޖެއަށް 7000 ކިލޯ މީޓަރެވެ.

މި މިސައިލަކީ އޭތި އުދުއްސާލަށް އެހެން މިސައިލްތަކާ އަޅާ ބަލާއިރު ކުޑަވަގުތުކޮޅެއް ނަގާ މިސައިލެއް ކަމުން މިސައިލުން ދިފާއުވާ ނިޒާމުތަކަށް ވެސް މި މިސައިލް ދެނެގަތުމުގައި ގޮންޖެހުންތަކާ ކުރިމަތިވާ އެޑްވާންސް މިސައިލެކެވެ.

މި މިސައިލް ހިދުމަތަށް ނެރޭނެކަން މީގެ ކުރިން އިއުލާން ކުރައްވަމުން ރަޝިއާގެ ރައީސް ވްލަޑިމިއަ ޕުޓިން ވިދާޅުވެފައި ވަނީ، ސަރްމަޓް އަކީ ރަޝިއާގެ މިނިވަންކަން ޔަގީންކޮށްދޭނެ ހަތިޔާރެއް ކަމަށާއި، ރަޝިއާ އަށް އަމާޒުވާ ހަމަލާތަކަށް ދޭނެ ވަރުގަދަ ރައްދެއް ކަމަށެވެ. އަދި އެއާއެކު އޭނާ ވަނީ ރަޝިއާ އަށް ބިރުދައްކަން އުޅޭ މީހުން ދެފަހަރަށް ވިސްނާލަން ޖެހޭނެ ކަމަށްވެސް ވިދާޅުވެ އިންޒާރު ދެއްވާފައެވެ.