ޔޫކްރެއިންގެ އަސްކަރީ ޑްރޯންތަކަށް އިންޓަނެޓް ފޯރުކޮށްދޭ ސްޓާލިންކް ވިއުގަ ލަސްކުރުމުގެ ފަހަތުގައި ވަނީ އެމެރިކާ ސަރުކާރު ކަމަށް ވެދާނެ ކަމަށް ސްޕޭސްއެކްސްގެ ވެރިޔާ އީލޮން މަސްކް ބުނެފިއެވެ.

އަންގާރަ ދުވަހުގެ ރޭ ސްޓާލިންކްގެ ސްޕީޑް ގަޑިއަކު 160 ކިލޯމީޓަރަށް (100 މޭލަށް) ދަށްކުރުމާ ގުޅިގެން، އެއަށް ވުރެ ބާރަށް ދަތުރުކުރާ ހަތިޔާރުތަކުގެ ކަނެކްޝަން ވަނީ ކެނޑިފައެވެ. ޔޫކްރެއިނުން މި ވިއުގަ ބޭނުންކުރަނީ ރަޝިޔާގެ އަމާޒުތަކަށް ޑްރޯން ފޮނުވުމަށާއި އެ ގައުމުގެ ވައިގެ ސަރަހައްދު ދިފާއުކުރުމަށެވެ. ނަމަވެސް ބުދަ ދުވަހުގެ ހަވީރާ ހަމައަށް އައިއިރު ކަނެކްޝަންގެ ބޮޑު ބައެއް އިއާދަކޮށްފައިވާ ކަމަށް ޔޫކްރެއިންގެ ކުރީގެ ޑިފެންސް މިނިސްޓަރު މިހައިލޯ ފެޑޮރޯވް ވިދާޅުވިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި މަސްކް ބުނީ، ސްޓާލިންކްގެ އަސްކަރީ ހިދުމަތް ކަމަށްވާ 'ސްޓާޝީލްޑް' ކޮންޓްރޯލްކުރަނީ އެމެރިކާ ސަރުކާރުން ކަމަށެވެ. އަދި އޭގެ ސްޕީޑާއި ބޭނުންކުރާނެ ގޮތުގެ ހުދޫދުތައް ކަނޑައަޅާނީ އެމެރިކާގެ އަސްކަރިއްޔާއާއި އެމެރިކާގެ ރައީސް ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން، ސްޓާލިންކަކީ މަދަނީ އަދި ދިފާއީ ބޭނުންތަކަށް ހާއްސަ ވިއުގައެއް ކަމަށާއި، އުދުވާނީ އަސްކަރީ ހަމަލާތަކަށް އެ ބޭނުން ނުކުރެވޭނެ ކަމަށް ވެސް މަސްކް ފާހަގަކުރިއެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީގެ މުޝީރު ސަރްހީ ބެސްކްރެސްޓްނޯވް ޓެލެގްރާމްގައި ވިދާޅުވި ގޮތުގައި، މިއީ އިއްތިފާގަކަށް ނުވާނެއެވެ. އޭނާ ވިދާޅުވީ މިއީ ކީވްއާއި ވޮޝިންޓަނާ ދެމެދު އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމާ ގުޅުންހުރި ކަމެއް ކަމަށެވެ. ރަޝިޔާގެ ހަކަތައިގެ މަރުކަޒުތަކަށް ޔޫކްރެއިނުން ދެމުންދާ ހަމަލާތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.

ޔޫކްރެއިނަށް އާ ލީޑަރެއް ހޯދަންޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވި ވިދާޅުވުމަށް ތާއީދުކޮށް، މަސްކް ވަނީ ޒެލެންސްކީ މަގާމުން ދުރަށް ވަޑައިގަންނަވަން ޖެހޭ ކަމަށް ބުނެފައެވެ. ނަމަވެސް 2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިނަށް އެރި ފަހުން އެ ގައުމުގައި އޮތީ މާޝަލް ލޯ އިއުލާންކޮށްފައެވެ. އެހެންކަމުން އިންތިހާބުތައް ވަނީ މެދުކަނޑާލާފައެވެ.

ރަޝިޔާއިން 3 ލައްކަ ޓަނުގެ ޑީސަލް އެތެރެކުރުމަށް އެމެރިކާއިން ހެދި އެއްބަސްވުމާ ގުޅިގެން ބޭވަފާތެރިކަން އިހުސާސްކުރެއްވުނު ކަމަށް، ބުދަ ދުވަހު ލަންޑަނަށް ކުރެއްވި ދަތުރުފުޅެއްގައި ޒެލެންސްކީ ވިދާޅުވިއެވެ. މި ދަތުރުފުޅުގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެންޑީ ބަރންހަމްއާއި ރަސްގެފާނު ޗާލްސްއާ އޭނާ ބައްދަލުކުރެއްވިއެވެ. ޒެލެންސްކީގެ މި ދަތުރުފުޅާ ދިމާކޮށް، ރަޝިޔާގެ ޑްރޯންތައް ވައްޓާލުމަށް ބޭނުންކުރާ ލުއި މިސައިލްތައް ޔޫކްރެއިނަށް ފޯރުކޮށްދިނުން އަވަސްކުރާނެ ކަމަށް އިނގިރޭސި ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.

މި ކަންކަން ހިނގަމުންދާ ދަނޑިވަޅުގައި ރަޝިޔާއިން ވަނީ ޔޫކްރެއިނަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އަންގާރަ ދުވަހުގެ ރޭ ކީވްއަށް ދިން ހަމަލާތަކުގައި ބަޔަކު މަރުވެ، އަސްކަރިއްޔާއިން ބޭނުންކުރާ މުވާސަލާތީ އަދި ހަކަތައިގެ މަރުކަޒުތަކަށް ވަނީ ގެއްލުންވެފައެވެ. މީގެ ސަބަބުން ޔޫކްރެއިންގެ 6 ލައްކަ މީހުން ކަރަންޓާ ނުލައި ތިބެން ޖެހުނެވެ. އަދި ބުރާސްފަތި ދުވަހުގެ ފަތިހު ޑްނީޕްރޯޕެޓްރޮވްސްކް ސަރަހައްދަށް ދިން ހަމަލާތަކުގައި ދެ މީހަކު މަރުވެފައިވާ ކަމަށް އެ ސަރަހައްދުގެ ގަވަރުނަރު އޮލެކްސެންޑަރ ހަންޒާ ވިދާޅުވިއެވެ.