ޔޫކްރެއިންގެ ޒަޕޮރީޒިއާ ސަރަހައްދުގައި އިންސާނީ އެހީ ބަހާ މަރުކަޒަކަށް ރަޝިއާގެ ސިފައިން ވައިގެ މަގުން ބޮން އަޅައި ހަމަލާދީފިއެވެ. ޔޫކްރެއިންގެ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާއިން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާގައި މަދުވެގެން 26 މީހުން ވަނީ މަރުވެފައެވެ. މި ހަމަލާ ދީފައި މިވަނީ، އަންނަ ނޮވެންބަރު 10 އަދި 11 ގައި ސުލްހައިގެ އާ މަޝްވަރާތަކެއް ބޭއްވުމަށް ރާވާފައިވާކަން އެމެރިކާއިން އިއުލާންކޮށްފައި ވަނިކޮށެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ ހަވާލާދީ އެ ނޫހުން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަމަލާ އަމާޒުވި އެހީ ބަހާ މަރުކަޒަކީ ޒަޕޮރީޒިއާ ސަރަހައްދުގެ ކޮމިޝުވަހާ އަވަށުގެ ސްކޫލެއްގައި ގާއިމުކޮށްފައިވާ ތަނެކެވެ. ހަނގުރާމައިގެ ކުރީ ސަފާ އެ އަވަށް މާ ބޮޑަށް ކައިރިވުމުގެ ސަބަބުން، ކިޔަވައިދިނުމަށް އެ ސްކޫލް ބަންދުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ބަދަލުގައި އެ ތަން ބޭނުންކުރަމުން ދިޔައީ ރައްކާތެރިކަން ހޯދާ ހިޔާވަހިކަމެއްގެ ގޮތުގައާއި، އެ އަވަށުގައި ބާކީ ތިބި އާންމުން ކޮންމެ ހަފުތާއަކު އެއްފަހަރު އިންސާނީ އެހީގެ ޕެކޭޖުތައް ނެގުމަށް ދާ މަރުކަޒެއްގެ ގޮތުގައި ކަމަށް ވެސް ރައީސް ޒެލެންސްކީ ވިދާޅުވިއެވެ.

ރައީސް ޒެލެންސްކީ ރޭގަނޑު ދެއްވި ތަގުރީރެއްގައި ވިދާޅުވި ގޮތުގައި، ރަޝިއާއިން ފުރަތަމަ ހަމަލާ ދިނީ އެހީ ހޯދުމަށް އާންމުން އެ ތަނަށް ޖަމާވަމުން ދިޔަ ވަގުތު ވައިގެ މަގުން އެޅި ބޮންތަކަކުންނެވެ. އަދި އޭގެ ފަހުން ދެވަނަ ހަމަލާއެއް ދިން ކަމަށާއި، އިތުރު ބޮންތަކެއް ބޭނުންކޮށްގެން ދިން އެ ހަމަލާ އަމާޒުކޮށްފައިވަނީ ސީދާ މީހުން ހިޔާވަހިކަން ހޯދައިގެން ތިބި ތަނަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއީ ނުބައި ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވައި ޒެލެންސްކީ ވިދާޅުވީ، ކޮމިޝުވަހާގައި ބާކީ ތިބި ރައްޔިތުން ކޮންމެ ހަފުތާއަކު ވެސް އިންސާނީ އެހީގެ ޕެކޭޖުތައް ނެގުމަށް އެ ތަނަށް އެއްވާކަން ރަޝިއާ ސިފައިންނަށް ނޭނގި ނުދާނެ ކަމަށެވެ.

ޔޫކްރެއިންގެ ކުއްލި ނުރައްކަލުގެ ހިދުމަތްތަކާ ބެހޭ އިދާރާއިން ބުނި ގޮތުގައި، މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ޓީމެއްގެ ދެ މެންބަރުންނާއި ހަތަރު ފުލުހުން ހިމެނެއެވެ. މީގެ އިތުރުން، މީހުން ސަލާމަތްކުރާ ދެ މީހަކު ހިމެނޭހެން ޒަހަމްވި ފަސް މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ޒަޕޮރީޒިއާ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ރެޖީނާ ހަރްޗެންކޯ ވިދާޅުވީ، މި ހާދިސާއަށް ފަހު 27 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ. އަދި ވެއްޓިފައިވާ އިމާރާތުގެ ބައިތަކުގެ ދަށުގައި ތާށިވެފައި ތިބި ކަމަށް ބެލެވޭ އާންމުން ސަލާމަތްކޮށް، އެ މީހުންނާ ހަމައަށް ވާސިލުވުމަށް ފުލުހުންނާއި ސަލާމަތީ ޓީމުތަކުން މަސައްކަތްކުރަމުންދާ ކަމަށް އެ ސަރަހައްދުގެ ފުލުހުން ވަނީ ބުނެފައެވެ.

މި ހަމަލާއާ ގުޅިގެން ރަޝިއާއިން ވަގުތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ކޮންމެ ހަފުތާއަކު އެހީ ބެހުމަށް ބާއްވާ އެއްވުންތަކުގެ މައުލޫމާތު ރަޝިއާ ސިފައިންނަށް އެނގޭނެކަން ތަކުރާރުކުރައްވައި ޒެލެންސްކީ ވިދާޅުވީ، މިއީ މަސްރަހު ފިނިކުރުމަށް ނުވަތަ ހަގީގީ އިންސާފަކަށް ރަޝިއާއިން އެއްވެސް ވަރަކަށް ބޭނުން ނުވާކަމުގެ އިތުރު ހެއްކެއް ކަމަށެވެ.

ރައީސް ޒެލެންސްކީ ފާހަގަކުރެއްވި ގޮތުގައި، ރަޝިއާއިން ހިފާފައިވާ ދެކުނުގެ ސިޓީއެއް ކަމަށްވާ އޮލެޝްކީގައި އެމެރިކާގެ ފަސްޓް ލޭޑީ މެލާނިއާ ޓްރަމްޕް މެދުވެރިވެވަޑައިގެން ކުރިއަށްގެންދިޔަ އިންސާނީ އެހީގެ މިޝަނަކުން ހުޅުވުނު ފުރުސަތު މޮސްކޯއިން ވަނީ ނަގާލާފައެވެ. ރަޝިއާއިން ހަގީގަތުގައި ވެސް މަސްރަހު ފިނިކުރަން ބޭނުންވާ ނަމަ، އޮލެޝްކީގެ ހާލަތަށް ފަހު އިންސާނީ އެހީގެ ފިޔަވަޅުތައް އިތުރަށް ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތް ކަމަށާއި، ޔޫކްރެއިނުން އެކަން ހުށަހެޅި ނަމަވެސް ރަޝިއާއިން އަދިވެސް ދަނީ މީހުން މަރަމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މިއަދު އެމެރިކާގައި ބާއްވާ މިޑްޓާމް އިންތިހާބާ ދިމާކޮށް، ޔޫކްރެއިންގެ ހަކަތައާއި ލޮޖިސްޓިކްސް ވިއުގަތަކަށް އަމާޒުކޮށް ވަރުގަދަ އާ ހަމަލާއެއް ދިނުމަށް ރަޝިއާއިން ތައްޔާރުވަމުންދާ ކަމުގެ އިންޒާރު ޔޫކްރެއިންގެ އިންޓެލިޖެންސުން ދީފައިވާ ކަމަށް ވެސް ޒެލެންސްކީ ވިދާޅުވިއެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، ދުނިޔޭގެ ސަމާލުކަން އެހެން ދިމާއަކަށް ހުއްޓިފައި އޮންނާނެ ކަމަށް ބަލައި، ވައިގެ ދިފާއީ ނިޒާމުތަކާއި ޕެޓްރިއޮޓް މިސައިލް ހޯދުމުގައި ޔޫކްރެއިނަށް ކުރިމަތިވެފައިވާ ދަތިތަކަށް ސަމާލުކަން ނުލިބި ދާނެ ކަމަށް މޮސްކޯއިން އުންމީދުކުރާ ކަމަށެވެ. އަދި ހަނގުރާމަ ހުއްޓާލުން ނޫން އެހެން އެއްވެސް ގޮތެއް ރަޝިއާއަށް ނޯންނާނެ ފަދަ ގޮތަކަށް އެ ގައުމަށް ފިއްތުންތައް ކުރިމަތިކުރުމަށް އެމަނިކުފާނު އެމެރިކާއަށް ގޮވާލެއްވިއެވެ.

މި ހަމަލާ ދިންތާ ގަޑިއިރުތަކެއް ފަހުން، އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ވިދާޅުވީ، އަންނަ ނޮވެންބަރު 10 އަދި 11 ގައި އެކުވެރި އަރަބި އިމާރާތް (ޔުނައިޓެޑް އަރަބް އެމިރޭޓްސް - ޔޫއޭއީ) ގެ އަބޫދާބީގައި ޔޫކްރެއިނާއި ރަޝިއާގެ ވަފުދުތަކުން ބައްދަލުކުރާނެ ކަމަށެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިޓްކޮފް ވިދާޅުވި ގޮތުގައި، މި މަޝްވަރާތަކުގައި އަލިއަޅުވާލާނީ ހަނގުރާމައަށް ފަހު ގާއިމުކުރާނެ ސަލާމަތީ އެއްބަސްވުންތަކަށާއި، ހަމަނުޖެހުންތައް ކުޑަކުރުމަށާއި، އިންސާނީ އެހީގެ ފިޔަވަޅުތަކުގެ އިތުރުން ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މައްސަލަތަކަށެވެ.

ތިން ފަރާތް ހިމެނޭ މި އާ ބުރުގެ މަޝްވަރާތަކަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އެއްބަސްވެވަޑައިގަތީ، އޮކްޓޫބަރު 21 ވަނަ ދުވަހު ސެއިންޓް ޕީޓާސްބާގްގައި ވިޓްކޮފްއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމަކަށް ފަހުގައެވެ. މި މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައި މިވަނީ، ހަނގުރާމައަށް ފަސްވަނަ އަހަރު ގުނަމުންދާއިރު، ފިނި މޫސުން އައުމުގެ ކުރިން ކުރިއެރުމެއް ހޯދުމަށް އެމެރިކާގެ މެދުވެރިން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ. އެމެރިކާ މެދުވެރިވެގެން އެންމެ ފަހުން މިފަދަ މަޝްވަރާތަކެއް ބާއްވާފައިވަނީ، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން ފެބުރުއަރީ މަހުގެ ތެރޭގައެވެ.