ޑިމޮކްރެޓުންގެ ފަރާތުން ހުށަހަޅާފައިވާ ޝަރުތުތަކަށް އެއްބަސްނުވާ ނަމަ، ނުވަތަ ދީފައިވާ ސުންގަޑީގެ ކުރިން އެމްޑީޕީންނާއި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮތެއް ނުނިންމާ ނަމަ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވަކިކޮޅަކަށް ނާރަން އެ ޕާޓީން މިރޭ ފާސްކޮށްފިއެވެ.

މި މަހުގެ 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއި އެމްޑީޕީ އާ ޑިމޮކްރެޓުން ވަނީ ބައްދަލުކޮށްފައެވެ. މިރޭގެ ކައުންސިލް ބައްދަލުވުމާ ހަމައަށް ދެ ޕާޓީގެ ތެރެއިން އެއްވެސް ޕާޓީއަކުން ޑިމޮކްރެޓުންގެ ހުށަހެޅުންތަކަށް އެއްބަސްވުމަކަށް ނާދެވެއެވެ.

ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވި ޑިމޮކްރެޓުންގެ ކައުންސިލް ބައްދަލުވުމުގައި އެ ޕާޓީގެ ވަގުތީ ކައުންސިލް މެންބަރު އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒު ވަނީ ގަރާރެއް ހުށަހަޅުއްވައިފައެވެ. އެ ގަރާރުގައި ހުށަހެޅުއްވި ކަންކަމަކީ:

  • ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން މި މަހުގެ 28 ގައި ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް (އެމްޑީޕީ އަށް)
  • ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސަރުކާރުގައި ޑިމޮކްރެޓުން ހިމެނޭނެ މިންވަރާއި އެ ޕާޓީގެ ސިޔާސަތުތައް ހިމެނޭނެ މިންވަރު ބަޔާންކުރާ ލިޔުމެއްގައި ސޮއިކުރުމަށް (ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް)

ބުދަ ދުވަހުގެ ކުރިން ދެ ޕާޓީން ކުޅަ ޕާޓީއަކުން މި ކަންކަމަށް އެއްބަސްނުވާ ނަމަ އެއްވެސް ޕާޓީއަކަށް ދެވަނަ ބުރުގައި ތާއީދުނުކުރަން ނިންމުމަށް ވެސް ޝިފާޒުގެ ގަރާރުގައި ހުށަހަޅުއްވާފައިވެއެވެ.

ޝިފާޒްގެ ގަރާރަށް ބަހުސްކުރުމަށް ފަހު ނެގި ފެންނަ ނުފެންނަ ވޯޓުގައި، ޑިމޮކްރެޓުންގެ ކައުންސިލް ބައްދަލުވުމަށް ހާޒިރުވި 64 މެންބަރުންގެ ތެރެއިން 50 މެންބަރުންގެ އިއްތިފާގުން ވަނީ ޝިފާޒްގެ ގަރާރު ބަލައިގަންނަން ފެންނަ ކަމަށް ފާސްކޮށްފައެވެ.

މިރޭގެ ބައްދަލުވުމުގެ ކުރިން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފޯނުން ވާހަކަ ދައްކަވައިފައެވެ. މީޑިއާ އާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ނަޝީދާ ވާހަކަފުޅު ދެއްކެވީ ނިޒާމީ ވޯޓާ ގުޅޭގޮތުން ކަމަށާއި، އެގޮތުން ނިޒާމީ ވޯޓެއް ނެގުމަށް އެމްޑީޕީން އެއްބަސްވި ނަމަވެސް، އެ ވޯޓު ނެގުމަށް ހުށަހެޅުއްވީ ރިޔާސީ އިންތިހާބަށް ފަހު ކަމަށެވެ.

ރައީސާ ބައްދަލުކުރެއްވުމުގެ ކުރިން ނަޝީދު ވަނީ ނިޒާމީ ވޯޓާ ގުޅޭގޮތުން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނާ ބައްދަލުކުރައްވަން މަސައްކަތްކުރައްވައިފައެވެ. ނަމަވެސް ޔާމީން ދެކޮޅު ހެއްދެވުމުން ނަޝީދަށް ޔާމީނާ ބައްދަލުކުރެއްވޭ ގޮތެއް ނުވިއެވެ.

ހަމަ އެއާއެކު އިދިކޮޅު ކޯލިޝަނާ ޑިމޮކްރެޓުން މަޝްވަރާކުރި ކަމަށާއި، ނަމަވެސް އެއްބަސްވުމެއްގައި ސޮއިކުރަން އިދިކޮޅުން ބޭނުންނުވި ކަމަށް ކުރެވުނު މަޝްވަރާތަކުން ފާހަގަކުރެވުނު ކަމަށް، ޑިމޮކްރެޓުންގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ދާދިފަހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވިއެވެ.