ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެކޮޅު ހައްދަވައިފިއެވެ.

ރައީސް ޔާމީން ދެކޮޅު ހައްދަވާފައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމުގައި ރައީސް ޔާމީން ދެކެވަޑައިގަންނަވާ ގޮތް ސާފުކުރައްވަން ރައީސް ނަޝީދު ޖަލަށް ވަޑައިގަތުމަށް ނިންމަވާ އެކަމަށް އެދިވަޑައިގެންފައި ވަނިކޮށެވެ.

އެކަން ކަށަވަރު ކޮށްދެއްވާ ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހުމަދު "ދަ ޕްރެސް" ވިދާޅުވީ ނަޝީދާ ބައްދަލު ކުރުމަށް ރައީސް ޔާމީން އިއުތިރާޒް ކުރެއްވުމުން އެކަން ލިޔުމުން މަޖިލީހަށް އަންގާފައިވާ ކަމަށެވެ.

ޑިމޮކްރެޓްސްގެ ސަޕޯޓަރުންނާ "ދޮން މަނިކު ސްކައި ވިއު" ގައި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު އިއްޔެ ވިދާޅުވީ މިއަދު ހުއްޓިގެން މި [ޑިމޮކްރެޓުސް] ތިބީ ފަސޭހަ ހަތަރުއަނގޮޅިއެއްގެ ކަންމަތީގައި ނޫން ކަމަށާއި ގައުމު މިހާރު އޮތް ހާލަތުން އަނެއް ހާލަތަށް ބަދަލުވާ ދަނޑިވަޅުތަކެއް އަންނާނެ ކަމަށް އަބަދުވެސް އެމަނިކުފާނު ހިތްޕުޅަށް އަރާވަޑައިގަންނާ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީއާއެކު މަޝްވަރާތަކެއް ކުރިއަށް ދާ ކަމަށާއި، އެ މަޝްވަރާތައް ކޮޅެއްގައި ޖެއްސުމަށް ވަގުތެއް [ޑެޑްލައިނެއް] ކަނޑައެޅުމަކީވެސް މުހިންމު ކަމެއް ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް އަޣުލަބިއްޔަތު ނުލިބޭތީ ކޮންމެ ފަހަރަކު އިއްތިހާދެއް އުފައްދަން ސިޔާސީ ޕާޓީތަކަށް މަޖުބޫރުވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އިއްތިހާދަކީ ގާނޫނުއަސާސީއާ ބީރައްޓެހި އަދި ގާނޫނު ދަންނަ އެއްޗެއް ނޫން ކަމަށާއި އެ އިއްތިހާދު ރޫޅުނަސް އަމަލު ކުރާނެ ގޮތެއް، އެއްވެސް ތަނެއްގައި ބަޔާން ކޮށްފައި ނުވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނަ އިރުގައި ކުރީގެ ރައީސް ޔާމީން އާ ވެސް މަޝްވަރާކުރުން ބޭނުންތެރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިވަގުތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ދެވަނަ ބުރު ކާމިޔާބު ކުރައްވަން މަސައްކަތްޕުޅު ކުރެއްވުމުގެ ބަދަލުގައި ނިޒާމް ބަދަލު ކުރުމުގެ މަގަށް އަމަލު ކުރެއްވުމަށް ނަޝީދު ވަނީ ގޮވާލައްވާފައެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ނިޒާމު ބަދަލު ކުރުމުގައި ނަޝީދު، ޔާމީންގެ ތާއީދު ހޯއްދަވަން މަސައްކަތް ކުރައްވާ އިރު ބަރުލަމާނީ ނިޒާމަކަށް ދިއުމަށް 2007 ވަނަ އަހަރު ވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާފައެވެ. އޭރު ނަޝީދުއާއި އެމްޑީޕީން ވެސް ތާއީދު ކުރަމުން ދިޔައީ ބަރުލަމާނީ ނިޒާމަކަށެވެ. އަދި ޔާމީންވެސް އޭރު ތާއީދު ކުރެއްވީ ބަރުލަމާނީ ނިޒާމަކަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ދިޔަ އެމްޑީޕީއާއި ޕީޕީއެމްއަށް ވެސް ޑިމޮކްރަޓްސް އިން ހުށަހެޅި ހުށަހެޅުމަކީ ނިޒާމު ބަދަލު ކުރުމަށެވެ. ނަމަވެސް މި އެދުމަށް އެއްވެސް ޕާޓީއަކުން އާނބަސް ބުނެފައި ނުވާއިރު ރައީސް ނަޝީދު އަދިވެސް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ނިޒާމު ބަދަލު ކުރެއްވުމަށެވެ. ރައީސް ސޯލިހުއާއި ނަޝީދުއާ ދެމެދު އުފެދުނު ހިޔާލުތަފާތު ވުމަކީވެސް ބަރުލަމާނީ ނިޒާމުގެ މައްސަލައެވެ. އަބަދުވެސް ބޮޑުވަޒީރުކަން ބޭނުންފުޅުވެ ވަޑައިގެން އެވާހަކަ ދައްކަވާ ނަޝީދު ހުންނެވީ ނިޒާމު ބަދަލުކުރަން އެއްވެސް ބަޔަކު އެއްބަސް ނުވާނަމަ 2 ވަނަ ބުރުގައި އެބަޔަކާއެކު ކުރިއަށް ވަޑައިގަންނަވާ ގޮތަކަށް ނޫނެވެ.