ރީ ރަޖިސްޓްރޭޝަނާ ގުޅޭ ގޮތުން އިދިކޮޅުން ވާހަކަތައް ދައްކަނީ ބަލިވާނެކަން ޔަގީންވާތީ ކަމަށް އެމްޑީޕީއިން ބުނެފިއެވެ.

އެމްޑީޕީއިން މިފަދައިން ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު އާންމުކުރެއްވި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ދެވަނަ ފަހަރަށް ރީރަޖިސްޓްރޭޝަނަށް ހުޅުވާލި ފުރުސަތުގައި މިދިޔަ ދެ ދުވަހުގެ ތެރޭ 25،493 މީހަކު ރީރަޖިސްޓްރީ ވުމަށް ފޯމު ހުށަހަޅާފައި ވާތީ އެކަމާ އިދިކޮޅުން ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން އެމްޑީޕީއިން ވަނީ ރީ ރަޖިސްޓްރީވުމުގެ މަސައްކަތުގައި އިތުރު ޖޯޝާއެކު ކުރިއަށް ގެންގޮސް މިއަދު ހަވީރު 4 އާ ހަމައަށް ރީ ރަޖިސްޓްރީ ކުރަންޖެހޭ ހުރިހާ ރައްޔިތުން ރީ ރަޖިސްޓްރީ ކުރުމަށް ހުރިހާ ރައްޔިތުންނަށް ގޮވާލާފައެވެ.

އެމްޑީޕީއިން ބުނީ އިދިކޮޅު ސިޔާސީ ފަރާތްތަކުން އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ ރައްޔިތުން އޮޅުވާލައިގެން ދުރު ސަރަހައްދުތަކަށް ރީ ރަޖިސްޓަރީ ކުރުމުންދާކަމުގެ މައުލޫމާތު ލިބެމުންދާތީ ކޮންމެ މީހަކުވެސް އެ މީހަކު ވޯޓުލުމަށް ހަމަޖެހިފައިވަނީ ރަނގަޅު ފޮށްޓަށްކަން ކަށަވަރު ކުރެއްވުމަކީ އެ ޕާޓީތަކުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން މަސައްކަތަށް ނޭދެވޭ ނުފޫޒު ފޯރުވާ ކަމަށް އިދިކޮޅު ފަރާތްތަކުން އަޑު ފަތުރަނީ ރިޔާސީ އިންތިހާބުން ބަލިވާނެކަން އެ ފަރާތްތަކަށް ޔަގީންވާތީ އިންތިހާބު ގަޑުބަޑުކޮށްލުމުގެ ބޭނުމުގައި ކަމަށް ވެސް އެމްޑީޕީއިން ބުނެއެވެ.