އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

މިއަދު ދޫނިދޫގައި ނައްތާލާފައި ވަނީ ދިވެހި ފުލުހުންނަށް ހުށަހަޅާފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން، ޑްރަގް އެންފޯސްމަންޓުގެ ބެލުމުގެ ދަށުގައި ހުރި މައްސަލަތަކުގައި ހިމެނޭ ބަނގުރަލާ، ޓޫރިސްޓް ޕޮލިސް، ހުޅުމާލެ ޕޮލިސް އަދި ޑްރަގް އެންފޯސްމަންޓުގެ ބެލުމުގެ ދަށަށް ތުހުމަތު ކުރެވޭ ފަރާތެއް ނެތް ގޮތަށް ގެނެވިފައިވާ އިންސިޑެންޓުތަކުގައި ހިމެނޭ ބަނގުރަލެވެ.

މިއަދު ފުލުހުން ނައްތާލާފައިވާ ތަކެތީގެ ތެރޭގައި ބްރޭންޑެޑް 4100 ފުޅި، 743 ޕެޓް ފުޅި، 4421 ދަޅު އަދި 19 ޕެކެޓް ބަނގުރާ ހިމެނެއެވެ. މީގެ އިތުރުން އެހެނިހެން ތަކެތީގެ ގޮތުގައި 79 އައިޓަމެއް ވަނީ ނައްތާލަފައެވެ. މި ގޮތުން ފުލުހުން ނައްތާލާފައިވާ އެހެނިހެން ތަކެތީގެ ތެރޭގައި ކޮތަޅު، ނޫސް ކަރުދާސް، ކަރުދާސް ފޮށިގަނޑު އަދި ދަބަސް ފަދަ ތަކެތި ހިމެނެއެވެ.

މިތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާ ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.