ދިވެހިންގެ ދާހިލީ އަދި ހާރިޖީ މިނިވަންކަމުގެ މައްޗަށް ބަސް ކިޔައި ގޮތް ނިންމޭނެ އެހެން ބަޔަކު ނުތިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން ރައީސް ވިދާޅުވީ ދިވެހި ގައުމިއްޔަތުގެ ބިންގަލަކީ ދިވެހިންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ، މާތްވެގެންވާ އިސްލާމް ދީނުގެ ހިދާޔަތް ކަމަށެވެ. އަދި ދިވެހިންގެ ގައުމީ ވަހުދަތަކީ ދިވެހިންގެ މާދަރީ ބަހާއި އަދަބިއްޔާތާއި ދިވެހިންގެ ތާރީހާއި ސަގާފަތުގެ އެއްގޮތްކަން ކަމަށެެވެ.

ދިވެހި ގައުމިއްޔަތުގެ ކުރިބޯއްޓަކީ، ދިވެހިންގެ ސިޔާދަތީ މިނިވަންކަމާ، އެ މިނިވަންކަންމަތީގައި ދަމަހައްޓަމުން އަންނަ ސުލްހަ މަސްލަސްކަން ކަމުގައި ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ކޮންމެ ދިވެއްސެއްގެ ހިތުގައި ސާބިތުކަމާއެކު ކަނޑައަޅާފައިވާ އެންމެ ވަރުގަދަ އަޒުމަކީ، ދިވެހި ގައުމިއްޔަތުގެ މި އަސާސްތަކަށް ކުޑަވެސް ގުޑުމެއް އެރިޔަނުދީ ހިމާޔަތްކޮށް ރައްކާތެރި ކުރުން ކަމަށެވެ.

"ގައުމެއްގެ ނިސްބަތުގައި، އެ ގައުމަކަށް އިރު އަރައި އޮއްސޭ ކޮންމެ ދުވަހަކީ ގައުމީ ދުވަހެއް. މި ޖަޒީރާތަކުގައި މީހުން ވަޒަންވެރިވި ހިނދުން ފެށިގެން ގައުމެއްގެ ސިފަ ޖެހިގެން ދިޔުމާ ހަމައަށް، އަދި އޭގެ ފަހުން މިއަދާ ހަމައަށް ގައުމެއްގެ ގޮތުގައި މިރާއްޖެ ދެމިއޮތުމުގެ ސަބަބުތަކަކާއި ސިއްރުތަކެއްވޭ. އެއީ، އެހެން ބައެއްގެ އަޅުވެތިކަމުގެ ދަށުގައި ނުވުމަށް ދިވެހިން ކަނޑައެޅި އަޒުމެއް. އަދި އެ އަޒުމުގެ މަތީގައި ދެމިތިބުމަށްޓަކައި، ދިވެހިން ކުރި މަސައްކަތާ ވި ގުރުބާނީ"
ރައީސް ސޯލިހް

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލުގެ މައްޗަށް އިސްކުރާނެ އެހެން މަސްލަހަތެއް ނެތް ކަމަށެވެ. ބައިނަލްއަގުވާމީ މުޖުތަމައުގައި އިތުބާރު ކުރެވޭ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ނަން މިއަދުވެސް ލިޔެވިފައި ވަނީ، އެންމެ ފުރިހަމަ މާނައިގެ މިނިވަން ގައުމެއްގެ ގޮތުގައިކަމަށް ރައީސް ވިދާޅުވިއެވެ. ސިޔާސީ އަދި އިގްތިސާދީ މިނިވަންކަން ފުރިހަމައަށް ލިބިފައިވާ ފަދައިން، ދާހިލީ އަދި ހާރިޖީ މިނިވަންކަމުގައި ދިވެހިންގެ މައްޗަށް ބަސް ކިޔައި ގޮތް ނިންމޭނެ އެހެން ބަޔަކު ނެތްކަމަށް ރައީސް ސޯލިހް ވިދާޅުވިއެެވެ.

އިތުރަށް ރައީސް ސޯލިހް ވިދާޅުވީ ދިވެހި ސަރުކާރުގެ އެންމެ އިސް ވާޖިބަކީ، އުތީމު މަހާރަދުންގެ ހިތްވަރާއި ފަންވަރުން ދިވެހިންނަށް ހޯއްދަވައިދެއްވި ދިވެހި ގައުމިއްޔަތާއި އަދި ދިވެހިންގެ މިނިވަންކަން ދިފާއުކޮށް ރައްކާތެރި ކުރުން ކަމަށެވެ.