ހުޅުމާލޭގެ މަގުމަތީގައި މަރުވެފައި އޮއްވާ ފެނުނީ ސިންގަޕޫރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ އުނިގަސް މަގުގައި މީހަކު ވެއްޓިފައި އޮތް ކަމަށް މިއަދު ހެނދުނު 8:02 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެ މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ ކުރިން ފުލުހުން ވަނީ އެއީ ބިދޭސީ ފިރިހެނެއްކަން ފާހަގަކޮށް އެ މީހާއަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށް ބުނެފައެވެ. އެ މީހާއަކީ ދުވަން ނިކުމެ އުޅުނު މީހެއް ކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ދާދި ދެންމެއަކު ބުނީ އެ މީހާ މިހާރު ދެނެގަނެވިފައިވާ ކަމަށާއި އެއީ ސިންގަޕޫރުގެ 68 އަހަރުގެ މީހެއް ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށެވެ.