ހުޅުމާލޭގެ މަގުމަތީގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ހުޅުމާލެ އުނިގަސް މަގުގައި މީހަކު ވެއްޓިފައި އޮތް ކަމަށް މިއަދު ހެނދުނު 8:02 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ މީހާއަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާކަން ފާހަގަކުރަމުން ފުލުހުން ބުނީ އެއީ ބިދޭސީ ފިރިހެން ކަމަށެވެ.

އެ މީހާއަކީ ދުވަން ނިކުމެ އުޅުނު މީހެއް ކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށެވެ.