ރާއްޖޭގައި އުޅޭ ބިދޭސީންނަށް ހަމަލާދިނުމަށް ރާވަމުންދާ ކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައި ވަނީ، ދިވެހި ސަރުކާރުން ރާވައިގެން ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި ބައެއް ފަރާތްތަކާއި ދިވެހިރާއްޖޭގައި އުޅޭ ބިދޭސީންނަށް ހަމަލާދިނުމަށް ރާވަމުން ދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާ އަދި އޮންލައިން ނޫހެއްގައި ޝައިއު ކޮށްފައިވާ ހަބަރާ ގުޅިގެންނެވެ.

ފުލުހުން ބުނީ، ސަރުކާރުގެ ނުވަތަ ދައުލަތުގެ މުވައްޒަފުންނާއި ރާއްޖޭގައި އުޅޭ ބޭރު ގައުމުތަކުގެ ރައްޔިތުންނަށް ޓާގެޓް ކޮށްގެން ހަމަލާ ދިނުމަށް އެއްވެސް ފަރާތަކުން ރާވައިފައި ވާކަމުގެ އެއްވެސް މައުލޫމާތެއް ފުލުހުން ނުވަތަ އެނޫންވެސް ސަލާމަތީ ހިދުމަތަކަށް ލިބިފައި ނުވާ ކަމަށެވެ.

މި މައުލޫމާތު ސޯޝަލް މީޑިޔާގައި އާންމުކުރި ފަރާތުން މިއީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ފެތުރި މައުލޫމާތެއްތޯ ސާފުކުރުމަށް ސުވާލު ކުރުމުން މިފަދަ މައުލޫމާތެއް ލިބިފައި ވާކަމަށް ބުނުން ފިޔަވައި މިއީ ސައްހަ އަސާސެއްގެ މައްޗަށް ބިނާކޮށް ފެތުރި މައުލޫމަތެއް ކަމަށް ބުރަވެވޭފަދަ އެއްވެސް ހަރުދަނާ ސަބަބެއް ބަޔާން ކޮށްފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މިމައުލޫމާތު ލިބުނު ފަރާތެއް ހިއްސާކުރުމަށް އުޒުރުވެރިވެފައިވާ ކަމަށާއި އެހެންކަމުން މިމައުލޫމާތު ފެތުރި ގޮތާއި ސަލާމަތީ ހިދުމަތްތަކުގެ މައުލޫމާތާއި އިންޓެލިޖެންސްއަށް ބަލާއިރު މިއީ އެއްވެސް އަސާސެއް ނެތި ރައްޔިތުންގެ ތެރޭގައި ހާސްކަމާއި ބިރުވެރިކަން އުފައްދައި ސިޔާސީ މަގްސަދެއް ހާސިލް ކުރުމަށްޓަކައި ފެތުރި އަސްލެއް ނެތް ވާހަކައެއް ކަމަށް ބެލެވޭ ކަމަށެވެ.

މި ބާވަތުގެ ދޮގު ހަބަރުތައް ފަތުރައި ރައްޔިތުންގެ ތެރޭވައި ބިރުވެރިކަމާއި ނުތަނަވަސްކަން ނުފެތުރުމަށާއި ގައުމީ މަސްލަތަހަަތަށް އުނިކަން ލިބޭ ފަދަ ކަންކަން ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.