ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޓެމްޕްލޭޓް ބޭނުން ކޮށްގެން ލޯފަން 45 މީހަކު ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ބުނެފިއެވެ.

ވޯޓުލުމުގެ ހައްގު ލިބިގެންވާ 282،395 މީހުންގެ ތެރެއިން، މި އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލާފައި ވަނީ 79.6 ޕަސެންޓު މީހުންނެވެ. އެއީ 224،786 މީހުންނެވެ. އޭގެ ތެރެއިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އިންތިހާބުގެ ފުރަތަމަ ބުރުގައި ޓެމްޕްލޭޓް ބޭނުން ކޮށްގެން ވޯޓުލާފައި ވަނީ 45 މީހުން ކަމަށް އީސީން ބުނެއެވެ.

އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ލޯފަން މީހުންނަށް ވޯޓު ލެވޭނެ ގޮތް ހެދުމަށް، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ.

ލޯފަން މީހުން ވޯޓުލާން ބޭނުންކުރާ ޓެމްޕްލޭޓު ހުންނަން ވާނީ އޭގެ ތެރެއަށް ވޯޓު ކަރުދާސް ލުމުން، އެ ނުގުޑާނެ ފަދަ ގޮތަކަށް ކޮންމެ ކެންޑިޑޭޓެއްގެ ނަންބަރު އެނގޭނެ ފަދަ ގޮތަކަށް ޓެކްޓައިލްކޮށްފައި ކަމަށާއި، ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށްޓަކައި ފާހަގަ ޖަހަން ޖެހޭ ގޮޅިއާ ދިމާލުގައި ފާހަގަ ޖެހޭ ގޮތަށް ޓެމްޕްލޭޓުގައި ކެނޑުމެއް ހުންނަން ޖެހޭ ކަމަށް ވެސް އެ އިސްލާހުގައި ވެއެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ބަލާއިރު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑރ. މުހައްމަދު މުއިއްޒު ވަނީ 101،635 ވޯޓުން ކުރި ހޯއްދަވާފައެވެ. މިއީ ވޯޓުލީ މީހުންގެ ނިސްބަތުން 46.06 ޕަސެންޓެވެ. މި އިންތިހާބުގައި ދެވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ 86،161 ވޯޓު ކާމިޔާބު ކުރައްވާފައެވެ. އެއީ ވޯޓުލީ މީހުންގެ 39.05 ޕަސެންޓެވެ.

މި އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ މަތިން ވޯޓުލިބިފައި ނުވާއިރު، އިންތިހާބުގެ ދެވަނަ ބުރަށް އެމްޑީޕީ އާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި އެމްޑީޕީން ދަނީ މަސައްކަތް ކުރަމުންނެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ލުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.