ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމަށް މާދަމާ ފުރުސަތު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދެވަނަ ބުރުގެ ވޯޓު ނެގުމާއި، ގުނުމުގެ ކަންތައްތައް އޮބްޒާވު ކުރުމަށާއި، މޮނިޓާ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށާއި، ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި، ކެންޑިޑޭޓުންގެ ފަރާތުން ފޯމު ހުށަހެޅުމަށް މިމަހުގެ 14 ވާ ބުރާސްފަތި ދުވަހުން ފެށިގެން، 17 ވާ އާދިއްތަ ދުވަހުގެ 15:00 އާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށެވެ.

އޮބްޒާވަރުންނާއި މޮނީޓަރުންނަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވުމާއެކު ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒު ކުރެވެމުންދާ މީހެއް ކަމުގައި ނުވުން ހިމެނެއެވެ. އަދި އިންތިހާބާ ބެހޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުމާއި އީސީން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑު ކިޔައި, އަމަލުކުރަން އިގުރާރުވާ މީހަކަށް ވުމާއެކު ފާއިތުވި 5 އަހަރު ތެރޭގައި ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަޅާއިފައިވާ މީހަކަށް ނުވުން ވެސް އޮބްޒާވަރުންނާއި މޮނީޓަރުންގެ ޝަރުތުތަކުގައި ހިމެނެއެވެ.

އޮބްޒާވަރުންގެ ހުންނަން ޖެހޭ އިތުރު ޝަރުތު:

  • ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާއަތަކުން ނުވަތަ އަމިއްލަ ގޮތުން އޮބްޒާވަރަކަށް ވުމަށް ހުށަހަޅާ ފަރާތެއް ނަމަ ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހަކު ކަމުގައި ނުވުން.
  • ރަޖިސްޓަރީ ކޮށްފައިވާ ރޭޑިއޯ، ޓީވީ ސްޓޭޝަނެއް، ނުވަތަ ނޫސް މަޖައްލާއެއްގައި މަސައްކަތް ކުރާ މީހެއްކަން އީސީއަށް ކަށަވަރުވާ މީހެއް ކަމުގައިވުން.

އޮބްޒާވަރުން ނުވަތަ މޮނީޓަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ފޯމާއި އައިޑީކާޑު އަދި އިގުރާރުގެ އިތުރުން ފޮޓޯއެއް ހުށަހަޅަން ޖެހެއެވެ. އަދި މޮނިޓަރަކަށް ވުމަށް އެދި ހުށަހަޅާ ފޯމާއެކު ރޭޑިއޯ، ޓީވީ ސްޓޭޝަން ނުވަތަ ނޫސް މަޖައްލާއެއްގެ ރަޖިސްޓަރީ ކޮޕީ ހުށަހަޅަން ޖެހެއެވެ.

ދެވަނަ ބުރުގައި އޮބްޒާވަރުންނާއި މޮނިޓަރުންނަށްވުމަށް މާދަމާ ފުރުސަތު ހުޅުވާލާނެ ކަމަށް އީސީން ބުނެފައިވާއިރު ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓު ލުން ކުރިއަށް ދިޔަ އިރު، އިންތިހާބުގެ މިންގަނޑުތަކާ ހިލާފުވި މަންދޫބަކާއި އޮބްޒާވަރެއް ވަނީ ސަސްޕެންޑް ކޮށްފައެވެ.

އީސީން ބުނީ، މިދިޔަ ހޮނިހިރު ދުވަހު އިލެކްޝަންސް ކޮމިޝަނުގެ ދައުވަތަށް އައި ބައެއް އިންޓަނޭޝަނަލް އޮބްޒާވަރުންނަށް ވަނީ މި އިންތިހާބުގައި މަސައްކަތް ކުރި ދިވެހި އޮބްޒާވަރަކާއި މަންދޫބެއް ފުރައްސާރަ ކޮށްފައި ކަމަށެވެ. އެއީ ސިޔާސީ ޕާޓީއެއް ތަމްސީލް ކުރި ދެމީހުން ކަމަށް އީސީން ބުނި ނަމަވެސް އެއީ ސީދާ ކޮން ޕާޓީއެއް، ނުވަތަ ކެންޑިޑޭޓެއް ތަމްސީލު ކުރި ބައެއް ކަން ހާމަކޮށްފައެއް ނުވެއެވެ.

އިންތިހާބުގެ ސުލޫކީ މިންގަނޑާ އެ ދެމީހުން ހިލާފު ވެފައި ވާތީ، މި އިންތިހާބުގެ ދެވަނަ ބުރާއި، ކުރިޔަށް އޮތް ބޮޑު ދެ އިންތިހާބުގައި އޮބްޒާވަރެއް، މޮނިޓަރެއް، ކެންޑިޓޭޓެއްގެ މަންދޫބެއް އަދި އިލެކްޝަންގެ އޮފިޝަލެއްގެ ގޮތުން އެ މީހުންނަށް ހަރަކާތްތެރި ނުވެވޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށް އީސީން ބުނެއެވެ.

އީސީން މިއީ ކޮން ޕާޓީއަކަށް ނިސްބަތްވާ އޮބްޒާވަރަކާއި މަންދޫބެއް ކަން ހާމަ ނުކުރި ނަމަވެސް އެއީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މަންދޫބަކާއި އޮބްޒާވަރެއް ކަން 'ދަ ޕްރެސް' އަށް ވަނީ އެނގިފައެވެ. އެ މަރުކަޒަށް ދިޔަ އިންޓަނޭޝަނަލް އޮބްޒާވަރުންގެ ތެރެއިން އިންޑިއާ މޮނިޓަރުންނަށް އެ މީހުން ފުރައްސާރަ ކުރާ ވީޑިއޯ ސޯޝަލްމީޑިއާގައި ދައުރުވެފައި ވެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ޑރ. މުހައްމަދު މުއިއްޒު އަށް 101،635 (46.06 ޕަސެންޓް) ވޯޓު ލިބިވަަަޑައިގެންފައި ވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ލިބިވަޑައިގެންފައި ވަނީ 86،161 (39.05 ޕަސެންޓް) ވޯޓެވެ.

މިހާރު މި ދެބޭފުޅުން ވެސް އަންނަނީ ދެވަނަ ބުރަށް ތައްޔާރު ވުމުގެ ގޮތުން ކެމްޕެއިން ހަރަކާތް ހިންގަމުންނެވެ. ދެވަނަ ބުރުގެ ވޯޓު ލުން ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.