މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް މުސާރައިގެ 50 ޕަސެންޓް އަނެއްކާ ވެސް ޑޮލަރުން ދޭން ނިންމައިފިއެވެ.

އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ ދެބައިކުޅަ އެއްބައި ޑޮލަރުން ދޭން ފެށީ އިންޑިއާގެ ޖީއެމްއާރުން އެއާޕޯޓް ހިންގިއިރުއެވެ. އޭގެ ފަހުން އެމްއޭސީއެލް އިންވެސް މުސާރަ ދެމުން ދިޔައީ ޑޮލަރުން ނަމަވެސް ކޮވިޑުގެ އާލަމީ ވަބާއާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ ދިވެހި ރުފިޔާއިން ދޭން ފަށާފައި ވެއެވެ.

އެ ކުންފުނީގެ ބޯޑުން އެކަން ނިންމާ މުސާރައިގެ ދެބައިކުޅަ އެއްބައި ޑޮލަރުން އަނެއްކާވެސް ދޭން ފަށާފައިވާކަން މުވައްޒަފުންނަށް އަންގާފައި ވަނީ މިއަދު ފޮނުވި އިންޓާނަލް މެމޯއެއްގައެވެ. އެގޮތުން މި މަހުން ފެށިގެން އަނެއްކާވެސް އެ އުސޫލުން މުސާރަ ދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އެ މެމޯގައި ބުނެފައި ވެއެވެ.

ރާއްޖޭގެ ވައިގެ މައި ބަނދަރު އޮޕަރޭޓް ކުރަމުން އަންނަ އެމްއޭސީއެލްގައި 4000 ހާ މުވައްޒަފުން މަސައްކަތް ކުރަމުންދެއެވެ.

ދެ އަހަރުގެ މެދު ކެނޑުމަކަށްފަހު އެ ކުންފުނީގެ މުވައްޒަފުންނަށް އަހަރީ ބޯނަސްވެސް ދޭން ފަށާފައިވާއިރު ފާއިތުވި ދެ އަހަރުގެ ބޯނަސްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 25،000 ރުފިޔާ ދީފައި ވެއެވެ.