އިނގިރޭސި ވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސަފީރުގެ ނައިބުގެ މަގާމުން ނައުޝާދު ވަހީދު ހަސަން މަނިކު ވަކިކޮށްފިއެވެ.

މަގާމުން ނައުޝާދުވަކި ކުރުމަށްފަހު ފޮނުވި ސިޓީގައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ)އިން ރައީސްއަށް ލިބިދޭ ބާރުގެ ދަށުން، އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސަފީރުގެ ނައިބުގެ މަގާމުން، ނައުޝާދު މިއަދު ވަކިކުރައްވައިފި ކަމުގައި ދަންނަވަން ރައީސް ވިދާޅުވި ކަމަށެވެ.

މިއަދު ނައުޝާދު މަގާމުން ވަކިކުރައްވާފައިވާއިރު އޭނާ ވަނީ އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ފަރަހަނާޒު ފައިސަލަށް މީގެ 2 ދުވަަސް ކުރިން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އޭނާ ވަނީ ތައުރީފު ކުރައްވާފައެވެ.

ނަޝީދަށް ތައުރީފްކުރައްވާ ނައުޝާދު ވިދާޅުވެފައި ވަނީ ރާއްޖޭގެ ޑިމޮކްރަސީގެ ބާނީ އަކީ ނަޝީދު ކަމަށެވެ. އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެ ޕާޓީ ދެކަފިވެގެން ދިޔައިރު ނައުޝާދު ނެންގެވީ ވެސް ނަޝީދުގެ ފަޅިއެވެ. އެގޮތުން އޭރު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ވެސް ނައުޝާދު ތާއީދު ކުރައްވާފައި ވަނީ ނަޝީދަށެވެ.