ސުޕްރީމް ކޯޓަށް ގޮސް އިންތިހާބު ބާތިލް ކުރެވޭ ވަރަށް މި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލީ ވޯޓުތައް ބާތިލް ކޮށްފައި ހުރި ކަމަށް ވިދާޅުވެ، ރައީސްގެ ކެމްޕެއިން ސްޕޯކްސްޕާސަން އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އިލެކްޝަންސް ކޮމިޝަނަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރައްވައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރު ނިމި ވޯޓު ގުނި ވަގުތު ބައެއް ފޮށިތަކަށް ލާފައި ހުރި ވޯޓުތައް ގުނި ވަގުތު، އެ ފޮށިތަކާ ހަވާލުވެހުރި އިލެކްޝަންސް ކޮމިޝަންގެ ބައެއް އޮފިޝަލުން ވޯޓު ގުނި އިރު، އިލެކްޝަންސްގެ މިންގަނޑުތަކާ އެއްގޮތަށް ފާހަގަ ޖަހާފައި ހުރި ބައެއް ވޯޓުތަކަކީ ބާތިލް ވޯޓުތަކެއްގެ ގޮތުގައި އޮފިޝަލުން ކަނޑައަޅާފައިވެއެވެ. އެކަމާ ހިތްހަމަނުޖެހި، ވޯޓުލާ މަރުކަޒުތަކުގައި ތިބި ބައެއް މަންދޫބުން ވެސް ނުރުހުން ފާޅުކޮށްފައިވެއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ވޯޓު ކަރުދާހުގައި ފާހަގަ މަތީ ތަކުރާރުކޮށް ނުކުރަހަން އިރުޝާދު ދެއްވީ ވޯޓުގެ ސިއްރުކަން ގެއްލިދާނެތީ ކަމަށެވެ. ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވީ، ވޯޓުގެ ސައްހަކަމާއި ބާތިލުކަން ކަނޑައަޅާނީ ވޯޓުލާ ފޮށިތަކާ ހަވާލުވެ ތިބި ވެރިން ކަމަށެވެ.

ރޭ އެމްޑީޕީން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންނަށް ވޯޓު ލެވެނީ ކޮން ގޮތަކަށް ކަން ޔަގީންކުރުމަށްޓަކައި ފާހަގަ މަތީގައި ފާހަގަ ޖެހުމުން އެ ވޯޓު ބާތިލްކޮށްފައިވާ ކަމަށެވެ.

"ބައްލަވާ، މުސްކުޅިއެއްގެ އަތުން މި ޖެހުނުކަން ލޮލަށް ރަނގަޅަށް ނޭނގޭތީ ޔަގީންކޮށްލަން ދެވަނަ ފަހަރު އޭގެ މަތީ އަޅާލާފަ އޮތަސް ހަމަ ސީދާ ކަނޑައެޅިގެން އެ ހެޔޮ ފާހަގަކަން އިނގޭ އިރު ވެސް ތިމަންނަމެންގެ ގަވައިދު ތަން ނުދެ އޭ ކިޔާފަ ވޯޓު ބާތިލްކޮށްފަ އެބަހުއްޓޭ، ބައްލަވާ، އިލެކްޝަން ކޮމިޝަނުގެ މެންބަރު އިންނަވަންވީނުންތޯ އެތާނގަ ތި މޮޅު ފާހަގަ ޖައްސަވަން؟ އަޅުގަނޑުމެންގެ ދުވަސްވީ މީހުންނަކަށް އެ ފާހަގަ ޖަހާކަށް ނޭނގެއޭ، ކޮން ކަހަލަ އިންތިޒާމުތަކެއްތޯ އެތާ ހަދާފަ ހުރީ؟"
މާރިޔާ އަހްމަދު ދީދީ

މާރިޔާ ވިދާޅުވީ، އިންތިހާބުގެ އިންތިޒާމުތައް ވެސް ގޯސް ކަމަށެވެ.

"ދުވަސްވީ މީހުންނަށް ވީލްޗެއާގަނޑެއް ވެސް ނެތް، އިށީންނާނެ ތަންކޮޅެއް ނެތް، ކުރީގަ އިލެކްޝަންތަކުގަ 65 އަހަރުންމަތީ މީހުންނަށް އަވަހަށް ވޯޓުލައިދޭ ގޮތް ހަދައިދޭން ކިތައް ފަހަރުތޯ ކިޑްނީ ބަލި ނޭވާ ހިއްލާ މީހުން ތިން ގަޑި އިރާ ބައި ވަންދެން ކިޔޫތަކުގަ ތިބެފަ ނުލެވިގެން ގެއަށް ދާން ޖެހުނީ؟" އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ މާރިޔާ ވިދާޅުވިއެވެ.

އެހެންވިޔަސް ވެސް ސުޕްރީމް ކޯޓަށް އެމްޑީޕީގެ ފަރާތުން ނުދާ ކަމަށާއި، ސުޕްރީމް ކޯޓަށް ގޮސް އިންތިހާބުކުރާ ވަރަށް ބާތިލް ވޯޓު އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީން މަސައްކަތްކުރާނީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކުރުމަށް ކަމަށެވެ.