ދޮށީ އުމުރުގެ މީހުންނަށް ސަރުކާރުން އެލަވަންސް ދޭން ނިންމާފައިވާ އުމުރަކީ 70 އަހަަރު ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާނު މުހައްމަދު ތޮލާލް ވިދާޅުވުމުން އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ރައްދު ދެއްވައިފިއެވެ.

މާރީޔާ ރައްދު ދެއްވީ ދާދި ދެންމެ އަކު ތޮލާލް ދެއްވި ޕްރެސްއެއްގައި ދެއްކެވި ވާހަކައަށެވެ. ތޮލާލް ވިދާޅުވީ، ދޮށީ އުމުރުގެ މީހުންގެ އެލަވަންސް އިންތިހާބުގެ ދެވަނަ ބުރާ ގާތް ކޮށް ބޮޑު ކުރިކަމަށް ސަރުކާރުން އިއުލާން ކޮށްފައި ވަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށެވެ. އެ ދައްކާ ދޮގު ވާހަކަތަކަށް ނުބަލައި ދެވަނަ ބުރުގައި މި ސަރުކާރު ބާލަން މުއިއްޒަށް ވޯޓު ދިނުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

ދޮށީ އުމުރުގެ މީހުންނަށް ދޭ އެލަވަންސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޮޑު ކުރެއްވި އިރު، ވަޒީފާއިން މުސްކުޅިވާ އުމުރު ވަނީ 65 އަހަރުން 70 އަހަރަށް ބަދަލު ކުރައްވާފައެވެ. އެކަމަށް ރިއާޔަތް ކުރައްވާ ތޮލާލް ވިދާޅުވީ، ރިޓަޔާވާ އުމުރު 70 އަށް ބަދަލުކޮށް ދެން ދޮށީ އުމުރުގެ އެލަވަންސް ދޭން އެ ނިންމަނީ 70 އަހަރުން ވުމުން ކަމަށެވެ. 65 އަހަރު ވުމުން ދޭ އެލަވަންސް އެ ބަދަލުކޮށްލީ 70 އަހަރުވުމުން ދޭ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ވާހަކަތަކަށް ރައްދު ދެއްވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ސްޕޯކްސްޕާސަން މާރިޔާ ވިދާޅުވީ، އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަަކެއް ކަމަށެވެ. ރައީސް ސޯލިހް ނިންމެވި ދޮށީ އުމުރުގެ މީހުންނަށް ދޭ އެލަވަންސް 5000 ރުފިޔާއިން 7000 ރުފިޔާ އަށް ބޮޑުކުރުމުން އެ އެލަވަންސް 65 އަހަރު ވުމުން ލިބޭނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ރައީސް މި ނިންމެވިކަން ހާމަކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާވެޔޮ މަގުގައި ހުންނަ ޖަގަހައިގައި ވާހަކަފުޅު ދައްކަވަމުންނެވެ. 65 އަހަރުވުމުން ދޭ އެލަވަންސް 7000 ރުފިޔާއަށް ބޮޑު ކުރައްވަން ނިންމެވި ކަމަށާއި ވަޒީފާއިން މުސްކުޅިވާ އުމުރު 65 އަހަރުން 70 އަށް ބަދަލު ކުރައްވަން ނިންމަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވަޒީފާއިން 65 އަހަރުވެގެން ރިޓަޔާވާ ފަރާތްތަކަށް ވެސް 7000 ރުފިޔާގެ އެލަވަންސް ލިބޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.