ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އައި ފަހުން މަޖިލިސް އިންތިހާބާ ދިމާކޮށް ދޫކުރި ކުށްވެރިންގެ އަދަދު ހާމަކުރުމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ގޮވާލައްވައިފިއެވެ.

މާރިޔާ މިހެން ވިދާޅުވެފައި ވަނީ، ފުލުހުންގެ ތަރުަޖަމާނު އަހްމަދު ޝިފާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ. މާރިޔާ ވިދާޅުވީ، ތަކުރާރުކޮށް ކުށްކުރާ މީހުންގެ އާދަކާދަ ދިރާސާތަކުން ދައްކާ ގޮތުގައި ކުށުގެ ވެށިން ދޫކުރާ މީހުން އަލުން ކުށްކުރުމަށް މުއްދަތެއް އޮންނަ ކަމަކަށް ނުދައްކާ ކަމަށެވެ. އަދި މި ސަރުކާރު އައިފަހުން ކުށްތަކުގައި ބަންދުގައި ބައިތިއްބާފައި ތިބި މީހުން ދޫކުރި އަދަދު ހާމަކުރުމަށް މާރިޔާ ވަނީ ގޮވާލައްވާފައެވެ.

މާރިޔާ މިހެން ވިދާޅުވި އިރު، ޝިފާން ވަނީ ވޭތުވެ ދިޔަ 10 ވަރަކަށް މަސް ކުރިން 434 ކުށްވެރިން މުޖުތަމައުއަށް ދޫކޮށްލާފައިވާ ކަމަށް ވިދާޅުވެފައެެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކަންކޮށްފައިވާ ގޮތަށް ފާޑުކިޔުން އަމާޒު ކުރައްވަމުން ޝިފާން ވިދާޅުވެފައި ވަނީ، ތަންފީޒީ އިދާރާތައް ތަރައްގީކޮށް ހަރުދަނާ ކުރުމަށްޓަކައި ރަނގަޅަށް ޕްލޭން ކޮށްގެން މަޝްރޫއުތައް ހިންގާފައި ނެތުމުން އެކަން ހައްލުކުރުމަށް މިހާރު ދަތިވާ ކަމަށެވެ.

މިދިޔަ ސަރުކާރުން އެތައް ކުށްވެރިންނެއް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފައި ވާއިރު، މާލޭގައި ވައްކަމާއި ފޭރުން ފަދަ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށް ފުލުހުން ވަނީ ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައެވެ. ފުލުހުން އާންމުކުރާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މެއި މަހުގެ ތެރޭގައި ވައްކަމުގެ 244 މައްސަަލަ އަދި އޭޕްރީލް މަހުގެ ތެރޭގައި ވައްކަމުގެ 285 މައްސަލަ އެ އިދާރާއަށް ވަނީ ހުށަހަޅާފައެވެ.

ނިމިދިޔަ މާޗު މަހު އެންމެ ގިނައިން ހުށައަޅާފައި ވަނީ ވައްކަމުގެ މައްސަލަަތައް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި މާޗު މަހު ޖުމްލަ 1127 މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވާއިރު އޭގެތެރެއިން 321 މައްސަލައަކީ ވައްކަމުގެ މައްސަލައެވެ. މާޗް މަހުގެ ތެރޭގައި ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ޓްރެފިކް އެކްސިޑެންޓް މައްސަލަތަކެވެ. އެގޮތުން ޓްރެފިކް އެކްސިޑެންޓްތަކުގެ 295 މައްސަލަ ހުށަހަޅާފައި ވާއިރު މަސްތުވާތަކެތީގެ މައްސަލަތަކުގެ ގޮތުގައި 130 މައްސަލަ ހުށަހަޅާފައި ވެއެވެ.