ގައުމުގެ މިސްރާބު ހަމަމަގަށް އަޅުވަން ބޭނުންވާ ނަމަ ވެރިކަމުގެ މި ދައުރުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރަންޖެހޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރޭ ވިދާޅުވެއްޖެއެވެ.

މާފަންނުގައި ރޭ އެމްޑީޕީން ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ, ރައީސް މުއިއްޒު އަޒުލުކުރަން އެބަ ޖެހޭ ކަމަށާއި އެއީ މިއަދު ދިވެހިރައްޔިތުން ބޭނުންވާ ގޮތް ކަމާއި އެކަން ކުރަން ޖެހޭ ކަމަށް ރައްޔިތުން ގަބޫލު ކުރާ ކަމަށެވެ. އެ ގޮތުން ކެމްޕެއިނަށް އަތޮޅުތެރެއަށް ކުރަމުން އަންނަ ދަތުރުތަކުގައި ވެސް ރައްޔިތުންގެ ފަރާތުން ރައީސް މުއިއްޒު އަޒުލްކުރަންޖެހޭ ކަމަށް ރައްޔިތުން ގަބޫލު ކުރާ މަންޒަރުތައް ފެނިވަޑައިގަންނަވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

"ހަތަރު މަހާ ދިހައެއް ނުވޭ. އެ ވަރު ވެސް ކެތްނުވި. ދަމަން ފެށީ ޖަލުގެ ތޭރިތަކަށް. އަނިޔާވެރިކަން އިންތިހާއަށް ހިނގައްޖެ. ބިރުވެރިކަން ފަތުރައިފި. ވަޒީފާގެ ބިރުވެރިކަން އެ ނޫން ބިރުވެރިކަން އެބައޮތް, އާސަންދަ ލިބޭނެ އެއްވެސް ގޮތެއް ނެތް,"
މާރިޔާ އަހްމަދު ދީދީ

މީގެ ކުރިން ވެސް އެމްޑީޕީގެ އިސް ބޭފުޅުން އަނިޔާވެރި ކަމާއި ޖަލުގެ ތޭރިތައް ދެކެފައިވާ ކަމަށާއި ނަމަވެސް މިހާ އަވަހަށް އަނިޔާވެރިކަން ދެއްކި ސަރުކާރެއް އަދި ނާންނަ ކަމަށް މާރިޔާ ވިދާޅުވިއެވެ. މި ސަރުކާރަށް ހަތަރު މަހެއްހާ ދުވަސް ވީއިރު, އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ފުލުހަށް ހާޒިރުކުރުމަކީ އޭގެ އެއް މިސާލުގެ ގޮތުގައި މާރިޔާ ސިފަކުރެއްވިއެވެ. މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގައުމު މި އޮތީ ބިރުވެރިކަމަކަށް ވެއްޓިފައި ކަމަށް މާރިޔާ ވިދާޅުވިއެވެ.

މި ސަރުކާރު ކުރިއަށް މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އަނިޔާވެރިކަން ފެންނަން ފަށައިފި ކަމަށާއި، ވަޒީފާގެ ބިރުވެސް ދައްކަމުން އަންނަ ކަމަށް މާރީޔާ ވިދާޅުވިއެވެ. މީގެ އިތުރުން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އާސަންދަ ލިބޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ވިދާޅުވެ މާރިޔާ ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ހުރިހާ ރައްޔިތުން ވެސް އަދި ހުރިހާ ސިޔާސީ ޕާޓީއެއް ވެސް އެދޭނީ ރާއްޖޭގެ ލާބަޔާ މަންފާ ކަމަށާއި އެ ގތަށް އެދޭ ނަމަ ރައީސް މުއިއްޒު އަޒުލުކޮށް, މި ދައުރު ތެރޭގައި ވީހާ ވެސް އަވަހަކަށް މަގާމުން އެމަނިކުފާނު ވަކިކުރަން ޖެހޭ ކަމަށް މާރިޔާ ވިދާޅުވިއެވެ. ގައުމުގެ މިސްރާބު ހަމަހަމަމަގަަށް އެޅުވެން އޮތީ އެ މަގުން ކުރިއަށް ގޮސްގެން ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.