އެމްޑީޕީގެ ވެރިކަން އޮތްއިރު އައި އަދަދަށް ވުރެ މިހާރު މާ ގިނައިން ފަތުރުވެރިން ރާއްޖެ އަންނަ ކަމަށާއި، މި ސަރުކާރަށް އާމްދަނީ މެނޭޖު ނުކުރެވޭ ސަބަބާ މެދު ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ސުވާލު އުފައްދަވައިފިއެވެ.

އިދިކޮޅު އެމްޑީޕީން ސިލްސިލާކޮށް ގެނެސްދެމުންދާ "ހަވަރު ބެރު ޕެނަލް ޑިސްކަޝަން" ގައި މާރިޔާ ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެ ގޮތުން މި ސަރުކާރުގެ އިގްތިސާދީ ސިޔާސަތަށް ފާޑުވިދާޅުވަމުން މާރިޔާ ވަނީ ރާއްޖޭގެ އިގުތިސާދު ހަމަޔަކަށް ނޭޅުވިގެން އުޅެނީ ބޭކާރު ހަރަދުތައް ގިނަވެ، އިސްރާފު ބޮޑުވެގެން ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ ވެރިކަމުގެ ފަހު އަހަރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޓޫރިޒަމްގެ ދާއިރާ އިން ލިބޭ ޓެކްސް ނުވަތަ ޓީޖީއެސްޓީ 8 ޕަސެންޓުން 16 ޕަސެންޓަށް ބަދަލުކޮށްފައިވާއިރު، މާރިޔާ ވިދާޅުވީ އޭގެ ހަގީގީ މަންފާ ލިބޭނީ މިހާރުގެ ސަރުކާރަށް ކަމަށެވެ. ބޮޑުކުރި ޓެކްސްއާ އެކު ޓޫރިޒަމުން ސަރުކާރަށް ލިބޭ އާމްދަނީ ވެސް މިހާރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާކަން ފާހަގަ ކުރައްވަމުން މާރިޔާ ވިދާޅުވީ އެއާއި އެކުވެސް މި ސަރުކާރަށް މެނޭޖު ނުކުރެވިގެން އުޅޭ ކަމަށެވެ.

ސަރުކާރުގެ ބައެއް ކުންފުނިތައް އެއްކޮށް އަދި ވަކިކޮށް ހަދަމުން އަންނައިރު، އެއީ ވެސް ވަރަށް ބޮޑު ހަރަދެއް ހިނގާނެ ކަންތައްތަކެއް ކަން މާރިޔާ ވަނީ ފާހަގަ ކުރައްވާފައެވެ.

އިގުތިސާދު ހަމަޔަކަށް އަޅުވަން ހުރިހާ ގައުމަކުން ފެހި ސިގްނަލް ލިބިފައި އޮތް ކަމަށް ސަރުކާރުން ބުންޏަސް، އަދިވެސް އޭގެ ނަތީޖާއެއް ނުފެންނަކަން ފާހަގަކޮށް މާރިޔާ ވިދާޅުވީ 10 މަސް ދުވަހުގެ ތެރޭގައި ރާއްޖެ 'ހާލުގައި' ޖެހިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އެއްވެސް ތަނެއްގައި މިހާރު އެއްވެސް މަޝްރޫއެއް ކުރިއަށް ނުދާކަން ފާހަގަކޮށް މާރިޔާ ވިދާޅުވީ މްޑީޕީގެ ސަރުކާރުގައި ކޮވިޑްގެ ދަތި ދުވަސްވަރު ވެސް ޕްރޮޖެކްޓުތައް ހުއްޓާނުލައި ކުރިއަށް ގެންދިޔަ ކަމަށެވެ.