ރާއްޖޭގައި ދިވެހި ސިފައިންގެ ބާރު ނުހިނގާ ތަންތަން ހުރިކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަށް ޗީފް އޮފް ޑިފެންސްް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ރައްދު ދެއްވައިފިއެވެ.

ޕީއެސްއެމް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ޝަމާލް ވިދާޅުވީ، ދިވެހި ސިފައިންގެ ބާރު ނުހިނގާ އެއްވެސް އަސްކަރީ މަރުކަޒެއް ނުހުންނާނެ ކަމަށާއި ކުރިމަގުގައި ވެސް އެ ފުރުސަތު އެއްވެސް ބަޔަކު ނުދޭނެ ކަމަށެވެ. ދިވެހި ސިފައިންނަކީ އަބަދުވެސް ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލާއި ސިޔާދަތު ނެގެހެއްޓުމުގައި ސާބިތުކަންމަތީގައި މަސައްކަތް ކުރާ ބައެއް ކަމަށާއި އެއީ ސިފައިންގެ ސީދާ މައިގަނޑު މިޝަން ކަމަށް ވެސް ޝަމާލް ވިދާޅުވިއެވެ.

އެހެންވީމަ އެގޮތުގައި އަބަދުވެސް ދިވެހި ސިފައިން ދެމިތިބޭނެ ކަމަށާއި އަދި ދިވެހިރާއްޖޭގެ މިނިވަންކަމާއި، އިސްތިގްލާލާއި ސިޔާދަތަށް ބުރޫ އަރާ ފަދަ ކަމެއް ކުރަން ސިފައިންގެ އެއްވެސް މީހަކަށް އެ ފުރުސަތު ނުދެއްވާނެ ކަމަށާއި ދީގެން ވެސް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން ތާރީހުގައި ވެސް ދިވެހި ސިފައިން ދައްކުވައި ދީފައި އޮތް ކަން ފާހަގަ ކުރައްވަމުން ޝަމާލް ވިދާޅުވީ މިހާރު ވެސް ކުރިމަގުގައި ވެސް ކަން ކުރައްވާނީ އެގޮތަށް ކަމަށެވެ.

"ބޭރު ގައުމެއްގެ އަސަކަރީ ބޭސްއެއް ނުވަތަ ފެސިލިޓީއެއް ނުވަތަ ބޭރު ގައުމުގެ ބަޔަކު ސިފައިންގެ ކޮންޓްރޯލެއް ނެތި އޮޕަރޭތް ކުރާ ފެސިލިޓީއެއް ރާއްޖޭގައި ނުހުންނާނެ"
ޗީފް އޮފް ޑިފެންސްް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް

އެ އިންޓަވިއުގައި ޝަމާލް ވަނީ އުތުރުތިލަފަޅުގައި ގާއިމްކުރާ އެކަތަ ހާބަރާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކަވާފައެވެ.

އެތަނާ ބެހޭ ގޮތުން މީޑިއާއަށާއި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ވެސް މައުލޫމާތު ހިއްސާ ކުރެއްވި ކަން ފާހަގަ ކުރައްވަމުން ޝަމާލް ވިދާޅުވީ، އެކަތަ ހާބަރު ފެސިލިޓީއާ ބެހޭ ހުރިހާ މައުލޫމާތެއް ވެސް ވާނީ ހާމަކުރައްވާފައި ވާ ކަމަށެވެ. ޔޫޓީއެފް އުތުރު ތިލަފަޅުގައި ހަދަމުންދާ އެކަތަ ހާބަރަކީ އުޅަނދުފަހަރު އަޅާނެ ފެސިލިޓީއެއް ކަމަށާއި ދެން އޮތީ ރިޕެއާ ފެސިލިޓީއެއް ކަމަށެވެ.

އެތަނުގައި ވެސް ސިފައިންގެ ޓީމެއް ސެކިއުރިޓީ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވަމުންދާ ކަމަށާއި އަދި އާންމު ފަރާތްތަކުން އެތަނުގައި ބައެއް މަސައްކަތްތައް މިހާރު ވެސް ކުރިއަށް ގެންދާ ކަމަށް ޝަމާލް ފާހަގަ ކުރެއްވިއެވެ. އެތަނާ ބެހޭ ގޮތުން ބައެއް ފަރާތްތަކުން އެއީ އިންޑިއާ އަސްކަރިއްޔާގެ ބާރު ހިނގާ ތަނެއް ގޮތުގައި ބުނަމުންދާ ވާހަކަތައް ދޮގު ކުރައްވައި ޝަމާލް ވިދާޅުވީ، އެތަނަކީ ދިވެހި ދައުލަތުގެ ފެސިލިޓީއެއް ކަމަށާއި އެތަނުގައި ބޭނުން ކުރާ ހުރިހާ ސާމާނެއް ވެސް ވެގެންދާނީ ދިވެހި ދައުލަތުގެ ތަކެއްޗަށް ކަމަށެވެ.

"އިންޑިއާކީ އަޅުގަނޑުމެންނާ އެކީ ވަރަށް ޒަމާނުއްުރެ ފެށިގެން ވަރަށް ގާތް ގައުމެއް. ވަކިން ހާއްސަކޮށް އަސްކަރީ އެކިއެކި ހަރަކާތްތަކުގައި ސިފައިންނާ އެހީތެރިވަމުންދާ ފަރާތެއް. އޭގެތެރޭގައި މީހުން ތަމްރީން ކުރުމާއި އެކިއެކި ވަސީލަތްތަކުގެ އެހީއާއި. ދެން އިންޑިއާ އެކަންޏެއް ނޫން އަޅުގަނޑުމެންނަށް ވަރަށް ގިނަ އެހެން ގައުމުތަކުން ވެސް އަސްކަރީ އެހީތެރިކަން ލިބޭ."
ޗީފް އޮފް ޑިފެންސްް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް

މީގެ އިތުރުން އިންޑިއާ ސިފައިންނާއި އެމެރިކާ ސިފައިންނާއި އަދި އެހެނިހެން ގައުމުތަކުގެ ސިފައިންނާ އެކީގައި ވެސް ގިނަ އަދަދަކަށް އަހަރުތެރޭގައި ތަމްރީން ޕްރޮގްރާމްތައް ހިންގަމުންދާ ކަމަށް ޝަމާލް ފާހަގަ ކުރެއްވިއެވެ. ބޭރުގެ އެކި ގައުމުތަކާ އެކީގައި ވަރަަށް ގިނަ ހަރަކާތްތައް ހިންގާ ކަމަށާއި އޭރަކު އޮންނަ ސަރުކާރެއްގެ ހާރިޖީ ސިޔާސަތާއި ދިފާއީ ސިޔާސަތުގެ ތެރެއިން ބޭރުގެ އަސްކަރިއްޔާތަކާ އެކީގައި އެފަދަ ހަރަކާތް ހިންގަމުންދާ ކަމަށް ޝަމާލް ވިދާޅުވިއެވެ. އޭގެތެރޭގައި ޓްރެއިނިންގެ ހަރަކާތްތަކާއި އެކިއެކި އޮޕަރޭޝަންސް ހަރަކާތްތައް ހިންގާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ދިވެހި އަސްކަރިއްޔާގެ އޮޕަރޭޝަނަލް ގާބިލް ކަމާއި އެހެނިހެން ގާބިލް ކަން އިތުރު ކުރުމަށް ވެސް މަސައްކަތްތައް ކުރަމުންދާ ކަމަށް ޝަމާލް ވިދާޅުވިއެވެ.

އިންޑިއާ އަސްކަރިއްޔާއާ އެކުގައި އޮންނަ ގުޅުމާ ބެހޭ ގޮތުން އިތުރު ތަފްސީލް ދެއްވަމުން ޝަމާލް ވިދާޅުވީ، 2011 ވަނަ ފުރަތަމަ ހެލިކަޕްޓަރު ގެނައީ އިންޑިއާއިން ކަމަށާއި އެ ހެލިކަޕްޓަރު އޮޕަރޭޓް ކުރަނީ ލ. ގަމުގައި ކަމަށެވެ. އެއަށް ފަހު 2016 ގައި އިންޑިއަން ނޭވީގެ ހެލިކަޕްޓަރެއް ރައްޖެއަށް ގެނައި ކަމަށާއި އެ އޮޕަރޭޓް ކުރަނީ ލ. ކައްދޫގައި ކަމަށާއި އެއަށްފަހު 2019 ގައި ޑޯނިއާ މަތިން ބޯޓެއް ދިން ކަމަށް ޝަމާލް ފާހަގަ ކުރެއްވިއެވެ.

އެ އުޅަނދުތައް ބޭނުން ކޮށްގެން ކުރާ މައިގަނޑު މަސައްކަތަކީ ބަލި މީހުން އުފުލުމަށާއި ސާޗް އެންޑް ރެސްކިއު މިޝަންތަކުގައި މީހުން ހޯދުމާއި ސަލާމަތް ކުރުން ކަމަށް ވިދާޅުވެއެވެ. އޭގެ އިތުރުން ވެސް ކަނޑުގެ ވަސީލަތްތަކާއި އުޅަނދުފަހަރު ދީފައި އެބަހުރި ކަން ފާހަގަ ކުރައްވަމުން ޝަމާލް ވިދާޅުވީ، އޭގެތެރޭގައި ކޯސްޓްގާޑް ޕެޓްރޯލް ވެސެލްސް ވެސް ހިމެނޭ ކަމަށާއި އެކި އަހަރުތަކުގެ މަތިން ތިން އުޅަނދެއް އިންޑިއާއިން ހަދިޔާ ކޮށްފައިވާ ކަމަށެވެ.