އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި ހުންނަ އެ ގައުމުގެ ގައުމީ ދިފާއީ ޔުނިވާސިޓީގެ އެންމެ މަތީ ޝަރަފު، ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލަށް އަރުވައިފިއެވެ.

އެ ޔުނިވާސިޓީގެ އެންމެ މަތީ ޝަރަފު ކަމަށްވާ "އިންޓަނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް" ގައި ހިމެނުމުގެ ޝަރަފު ޝަމާލަށް އަރުވާފައި ވަނީ ސިޑްނީ ޝެރެޓަން ގްރޭންޑް ހޮޓެލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެގޮތުން އެ ޝަރަފު ޝަމާލަށް ލިބިވަޑައިގެންނެވިކަމުގެ ލިޔުމާއި މެމެންޓޯ އޭނާ އަށް ހަވާލުކޮށްދެއްވާފައި ވަނީ ގައުމީ ދިފާއީ ޔުނިވާސިޓީގެ ރައީސް، ލެފްޓިނެންޓް ޖެނެރަލް މައިކް ޕްލެއިނެވެ.

އިންޓަނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމްގެ ޝަރަފު އަރުވަނީ:

  • އެމެރިކާގެ ގައުމީ ދިފާއީ ޔުނިވާސިޓީން ރަންވަނަތައް ހޯދައި، މަތީ ފެންވަރުގައި ދަސްވެނިވުމަށް ފަހު އަސްކަރިއްޔާތަކުގެ ޗީފުންގެ މަޤާމަށް ޢައްޔަނުކުރެވޭ ފަރާތްތަކަށް
  • ސަރުކާރުގެ މިފަދަ އިސް މަގާމުތަކާއި، ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ އިސް މަގާމުތައް އަދާކުރައްވާ ފަރާތްތަކުގެ ތެރެއިން ބައިނަލްއަގުވާމީ ސުލްހަ އަށް ފާހަގަކުރެވޭ ފަދަ މަސައްކަތްތަކެއް ކޮށްފައިވާ ފަރާތްތަކަށް

މިއީ ދިވެއްސަކަށް އެ ޝަރަފު އެރުވި ފުރަތަމަ ފަހަރެވެ.

އެމެރިކާގެ ދިފާއީ ޔުނިވާސިޓީން 2012 ވަނަ އަހަރު ދަސްވެނިވެ ވަޑައިގެންފައިވާ ޝަމާލް ވަނީ 2011 އިން 2012 އަށް އެ ޔުނިވާސިޓީގައި ހިންގި މާސްޓާ އޮފް އާޓްސް އިން ސްޓްރެޓީޖިކް ސެކިއުރިޓީ ސްޓަޑީސް ޕްރޮގްރާމުގައި ރަން ވަނަތަކެއް ހާސިލްކުރައްވައިފައެވެ. އެގޮތުން، އެ ކޯހުގެ ހުރިހާ މާއްދާ އަކުން އޭ ޕްލަސް ހޯއްދަވައި، އޭނާ ވަނީ އެ ކޯހުގެ "ޑިސްޓިންގިޝްޑް އޮނާ ގްރެޖުއޭޓް"ގެ މަޤާމު ޙާސިލު ކުރައްވައިފައެވެ.

ޝަމާލްގެ އިތުރުން، އިތުރު ހަތަރު ގައުމެއްގެ ހަތަރު ބޭފުޅަކަށް ވެސް މި ޝަރަފު ވަނީ އިއްޔެ އަރުވައިފައެވެ.