ހދ. ހަނިމާދޫގައި ގާއިމްކުރާ އުތުރުގެ ސިފައިންގެ އެންމެ ބޮޑު މަރުކަޒު ކަމަށްވާ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އާ ހެޑްކުއާޓަރުގެ ބިންގާ އަޅައިފިއެވެ.

އެމްއެންޑީއެފުން ބުނީ ނޮދަން އޭރިއާ ކޮމާންޑްގެ އާ ހެޑްކުއާޓާރު ގާއިމް ކުރުމަށްޓަކައި، އެރަށުން ހަތަރު ލައްކަ އަކަފޫޓަށް ވުރެ ބޮޑު ބިމެއް ސަރުކާރުން ހަމަޖައްސައިދީފައި ވާ ކަމަށެވެ. ދެ ފޭސްއަކަށް ބަހާލައިގެން އެތަން ހެދުމުގެ މަސައްކަތްތައް ކުރުމަށް ރާވާފައި ވާއިރު ފޭސް އެކެއްގެ މަސައްކަތް ފަށާތާ އަށް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސް ވެފައެވެ. އަދި އެތަން އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި ހިމަނައިގެންނެވެ.

ނޮދަން އޭރިއާ ކޮމާންޑްގެ ހެޑްކުއާޓާރުގެ ދާއިމީ މަރުކަޒަކަށް މި މަރުކަޒު ބަދަލު ކުރުމުން އަސްކަރީ ގާބިލްކަށް މިހާރަށްވުރެ އިތުރުވެގެން ދާނެ ކަަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. މި މަޝްރޫއަކީ ސަރުކާރު ބަޖެޓުން 35 މިލިއަން ރުފިޔާ ހަރަދުކޮށްގެން އުތުރުގައި ގާއިމްކުރާ ސިފައިންގެ އެންމެ ބޮޑު މަރުކަޒެވެ.

އެމްއެންޑީއެފްއިން ބުނީ އޭރިއާ ކޮމާންޑްތަކުގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމުގެ އިތުރުން އާލާތްތަކާއި ވަސީލަތްތައް ގާއިމު ކުރުމުގެ މަސައްކަތްތައް ބާރަށް ކުރަމުންދާ ކަމަށާއި މިހާރު ވެސް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ހަ ރަށެއްގައި ސިފައިންގެ ހަތް މަރުކަޒު ގާއިމްކޮށް، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދެމުން ދާ ކަަމަށެވެ.

މިއަދު ހަނިމާދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނަރަލް އަބްދުﷲ ޝަމާލެވެ.