ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ދިފާއީ ވަޒީރު ރަޖްނާތު ސިންހް ރާއްޖެ ވަޑައިގެންފިއެވެ.

އިންޑިއާގެ ދިފާއީ ވަޒީރަށް ވެލާނާ އެއާޕޯޓުން މަރުހަބާ ވިދާޅުވީ، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްގެ އިތުރުން، އިންޑިއާގެ ސަފީރު މުނޫ މަހާވަރެވެ.

މި ދަތުރުފުޅުގައި އިންޑިއާގެ ދިފާއީ ވަޒީރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މާރިޔާ އާއި ބައްދަލުކުރައްވާނެއެވެ.

އޭގެ އިތުރުން، ރަޖްނާތު ސިންހްގެ މި ދަތުރުފުޅުގައި، ކޯސްޓްގާޑުން ބޭނުންކުރަމުން ދިޔަ އަސްކަރީ އުޅަނދު "ހުރަވީ"ގެ ބަދަލުގައި އިންޑިއާ އިން ހަދިޔާކުރި އުޅަނދު ރަސްމީކޮށް ސިފައިންނަށް ހަވާލުކުރުމާއި، އެ ގައުމުން ރާއްޖެ އަށް ހަދިޔާކުރާ ލޭންޑިކްރާފްޓެއް ހަވާލުކުރުން އޮންނާނެއެވެ.

އިންޑިއާ އިން ރާއްޖެ އަށް އަލަށް ހަދިޔާކުރާ އުޅަނދު ގެނައީ މިދިޔަ މަހުގެ 15 ގައެވެ. އެ އުޅަނދު މާލެ އަށް ގެނައުމުގައި ހަރަކާތްތެރިވި އިންޑިއާ ސިފައިން ވަނީ އެ އުޅަނދުގައި މަސައްކަތް ކުރާނެ ދިވެހި ސިފައިން ތަމްރީނުކުރުމަށް ދެ ހަފްތާގެ ޕްރޮގްރާމެއް ހިންގައިފައެވެ.

އެ އާ އުޅަނދު ރަސްމީކޮށް ސިފައިންނަށް ހަދިޔާކުރުމުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، މީގެ 17 އަހަރު ކުރިން އިންޑިއާ އިން ހަދިޔާކުރި "ހުރަވީ" ބޯޓު ބޭނުންކުރުން ހުއްޓާލާނެއެވެ. އެމްއެންޑީއެފުން ބުނީ، ހުރަވީގެ ބަދަލުގައި އިންޑިއާ އިން ހަދިޔާކުރާ އުޅަނދަކީ ހުރަވީ އަށް ވުރެ ބޮޑު، އަދި ގާބިލް، ފަހުގެ އުޅަނދެއް ކަމަށެވެ.