ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ގެންދަން ނިންމައި، އެ މައްސަލަ ބޭރުކުރުމަށް ބޭނުންވާ އިދާރީ ކަންކަން ފުރިހަމަކުރުމަށްޓަކައި އެމްޑީޕީގެ މެންބަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން ޖަލްސާ ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލައިފިއެވެ.
މިދިޔަ ޖޫން މަހުގެ ހަތަރުވަނަ ދުވަހު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ 54 މެންބަރުންގެ ސޮޔާ އެކު ނަޝީދުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދައިފައެވެ. ނަޝީދުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް އެމްޑީޕީން ވެއްދީ މަޖިލީހުގެ ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް އެމަނިކުފާނު ތަކުރާރުކޮށް އަމަލުކުރައްވަމުން ދާތީ ކަމަށް ބުނެއެވެ.
މިއަދުގެ ޖަލްސާ ފެއްޓެވުމުގެ ކުރިން ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއިކުރެއްވި މެންބަރުންގެ ތެރެއިން 54 މެންބަރަކު ނަން އަނބުރާ ނަންގަވާފައިވާ ކަމަށާއި، ނަމަވެސް އިތުރު އަށް މެންބަރަކު ސޮއި ނުނަންގަވާތީ، މައްސަލަ ކުރިއަށް ގެންދަން ބޭނުންވާ 22 މެންބަރުންގެ ސޮއި އަދިވެސް އޮތުމާ އެކު މައްސަލަ ކުރިއަށް ދާނެ ކަމަށެވެ. މިހެން ވިދާޅުވުމަށް ފަހު، ނަޝީދު ވަނީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފަށް ރިޔާސަތު ހަވާލުކުރައްވައި މަޖިލީހުގެ ތަޅުން ދޫކުރައްވައި ވަޑައިގެންފައެވެ.
ރިޔާސަތުގައި އިންނަވައި އަފީފް ދެއްވި ފުރުސަތުގައި ވާހަކަ ދައްކަވަމުން މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ގެންދަން ނިންމާފައި ކަމަށާއި، އެ މައްސަލަ އަނބުރާ ގެންދިއުމަށް ސޮއި ވެސް ހަމަވެފައިވާ ކަމަށެވެ. އެހެންކަމުން މި މައްސަލައަށް އިތުރަށް ބަހުސްކުރަން ނުފެންނަ ކަމަށާއި، މިހާރު ސޮއި އަނބުރާ ގެންދަވާފައިވާ 25 މެންބަރުންގެ އިތުރުން އެހެން މެންބަރުންގެ ސޮއި އަނބުރާ ނަގަން ޖެހޭ ނަމަ އެއްބާރުލުން ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އަފީފް ވިދާޅުވީ، ޝަރީފް ހުށަހެޅުއްވި ގޮތަށް ކުރިއަށް ގެންދެވެން ނެތް ކަމަށާއި، ސަބަބަކީ މައްސަލަ ހުށަހެޅި، ސޮއި ވެސް ހަމަވެފައި ވާތީ ކަމަށެވެ. އެހެންކަމުން ޖަލްސާ ކުރިއަށް ގެންދާނެ ގޮތެއް މެންބަރުން ނިންމަވަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލައިގައި ވާހަކަ ދައްކަވަމުން މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ، ނަޝީދުގެ މައްސަލަ ދިގުލައިގެން ހިނގައްޖެ ކަމާއި މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލެވިފައި ނެތް ކަން ފާހަގަކުރައްވައިފައެވެ. އެހެންވެ އާޒިމް ހުށަހެޅުއްވީ މުޅި މަޖިލިސް ކޮމިޓީއަކަށް ގޮސް، އާންމު ކޮމިޓީން ކަން ކުރާ އުސޫލުން ކަންތައްތައް ކުރުމަށެވެ. އެގޮތުން ނަޝީދު ދިފާއުގައި ވާހަކަފުޅު ދައްކަވާނެ ވަގުތު ކަނޑައެޅުމަށާއި، މެންބަރުން ބަހުސްކުރަން ވަގުތު ކަނޑައެޅުމަށް އާޒިމް ހުށަހެޅުއްވިއެވެ.
އެއަށްފަހު އަފީފް ވިދާޅުވީ، ނަޝީދުގެ މައްސަލަ އަނބުރާ ނެގުމާ މެދު ގޮތެއް ނިންމުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ހުސް ވަގުތުކޮޅަކަށް އެދޭ ކަމަށާއި، ސަބަބަކީ މި މައްސަލައިގައި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ގޮތެއް ނިންމާފައިވާތީ ކަމަށެވެ. ޝަރީފް ފުރުސަތެއް ހޯއްދަވައި ވިދާޅުވީ، ނަޝީދުގެ މައްސަލައިގައި ސޮއި އަނބުރާ ގެންދިއުމަށް ބޭނުންވާ މެންބަރުން ހަމަކުރުމަށް އެމްޑީޕީގެ މެންބަރުންނަށް ވަގުތުކޮޅެއް ބޭނުންވާ ކަމަށެވެ. އެހެންވެ އޭނާ އެދިވަޑައިގަތީ ކުޑަ ވަގުތުކޮޅަކަށް މަޖިލީހުގެ ޖަލްސާ މެދުކަނޑާލުމަށެވެ.
އާޒިމް ވަނީ އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ޖަލްސާ 15 މިނެޓަށް މެދުކަނޑާލަން އެދޭނަމަ، އެކަމަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އެހެންކަމުން، އަފީފް ނިންމެވީ އެމްޑީޕީ އަށް ހުސްވަގުތުކޮޅެއް ދިނުމަށްޓަކައި ކުޑަ ވަގުތުކޮޅަކަށް ޖަލްސާ މެދުކަނޑާލައްވައިފައެވެ.