ލ. ގަން ލިންކް ރޯޑުގައި ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެއްގައި ސައިކަލު ދުއްވަން އިން މީހާ މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ގަން ލިންކްރޯޑުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ އިއްޔެ އިރުއޮއްސި 18:25 ހާއިރު ކަމަށެވެ.
އެ އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާ އާއި ކާރުގައި ތިބި ދެ މީހުންގެ ތެރެއިން އެކަކަށް އެކިވަރުގެ އަނިޔާ ވެފައިވާތީ ފަރުވާދިނުމަށް ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި އޭގެ ތެރެއިން ސައިކަލު ދުއްވި 41 އަހަރުގެ ދިވެހި ފިރިހެން މީހާއަށް ފަރުވާ ދެމުންދަނިކޮށް ރޭ ދަންވަރު 1:51 ހާއިރު މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް އަންގާފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
އެ އެކްސިޑެންޓުގައި ކާރު ދުއްވަން އިން 28 އަހަރުގެ މީހާއަށް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށާއި އަދި އޭނާ އަތުގައި ކާރު ދުއްވުމުގެ ލައިސެންސް ނެތް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ލައިސަންސް ނެތި އުޅަނދުފަހަރު ދުއްވުމަކީ މަނާ ކަމަކަށްވާއިރު ދާދި ފަހުން އީދު ދުވަހު ފަތިހު މަގުމަތިން ހުރަސް ކުރި މީހެއްގެ ގައިގައި ސައކަލުން ޖެހި މާލޭގައި ހިނގި އެކްސިޑެންޓެއްގައި މަގު ހުރަސް ކުރި މީހާއަށް ބޮޑެތި އަނިޔާތަކެއްވެ ރާއްޖެއިން ބޭރުގައި ފަރުވާދީފައި ވެއެވެ. އެ ހާދިސާގައިވެސް ސައިކަލު ދުއްވަން އިން މީހާ އަތުގައި ލައިސެންސް ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެކްސިޑެންޓުގައި އަނިޔާވި އުމުރުން 50 އަހަރުގެ އަލީ ހަފީޒަށެވެ. އޭނާ އަކީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ލެކްޗަރާއެކެވެ.