މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު ރައްޔިތުންގެ މަޖިލީހުުގެ ޖަލްސާތައް ފެށުމަށް ތައްޔާރު ވެއްޖެއެވެ.
19 ވަނަ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މިދިޔަ މަހުގެ 21 ގައި ފެށިއިރު، ކުރިއަށް ގެންދެވުނީ އެންމެ ދެ ޖަލްސާއެވެ. ކޯރަމް ހަމަނުވެގެން މަޖިލީހުގެ ތިންވަނަ ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ.
އެހެންކަމުން، މާދަމަ އަށް މަޖިލީހުން ތާވަލު ކޮށްފައި ވަނީ މި ދައުރުގެ ތިންވަނަ ޖަލްސާ ބާއްވާ ގޮތަށެވެ. އެ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު، އެ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު ކުރިއަށް ގެންދާނެ ގޮތަކާ މެދު މެންބަރުން ގޮތެއް ނިންމާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ނިމި، ދައުރުން ބޭރުގައި ބޭއްވި ފަހު ޖަލްސާގައި ވަނީ، މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ތަމްސީލުކުރާ ގޮތަށް ބަދަލު ގެނައުމަށް ފާސްކޮށްފައެވެ. އެކަމަކު މި ދައުރުގެ ފުރަތަމަ ޖަލްސާގައި ނަޝީދު ނިންމެވީ ޑިމޮކްރެޓްސް ތަމްސީލުކުރައްވާ 12 މެންބަރުންގެ ތެރެއިން ނުވަ މެންބަރަކު އަދިވެސް މަޖިލީހުގެ އިދާރާ އަށް އެކަން އަންގަވާފައި ނުވާތީ ކޮމިޓީތަކަށް މެންބަރުން އައްޔަނުކުރުމަށް ފަސްކުރުމަށެވެ. ހަމަ އެއާއެކު، ޑިމޮކްރެޓްސް ދޫކުރައްވައި ދެ މެންބަރަކު އަލުން އެމްޑީޕީ އާ ގުޅިވަޑައިގެންފައި ވެސް ވެއެވެ.
ނަމަވެސް ޑިމޮކްރެޓްސް ތަމްސީލުކުރައްވާ ބައެއް މެންބަރުން އެކަން މަޖިލީހުގެ އިދާރާ އަށް އަންގަވާފައި ނުވާކަމާއި، އެމްޑީޕީ އާ އަލުން ގުޅިވަޑައިގަތް ދެ މެންބަރުން އެކަން އަންގަވާފައި ނުވާކަން ސާފުވާން ނެތުމުން، މަޖިލީހުގެ ޖަލްސާތައް މާދަން ފެށޭއިރު ކޮމިޓީތައް އެކުލަވާލެވިފައިވޭތޯ ނުވަތަ ނޫންތޯ ސާފެއްނޫނެވެ. މިކަމާ ގުޅިގެން މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު އަށް ގުޅުމުން، އޭނާ ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.
މިދިޔަ ދައުރު ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް ކަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރުމަށްޓަކައި ދެ ބޭފުޅުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ވަނީ ވައްދައިފައެވެ.
54 މެންބަރެއްގެ ސޮޔާއެކު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނަޝީދުގެ މައްޗަށް އިތުބާރު ނެތްކަމަށް ހުށަހެޅި ގަރާރުގައި ބުނީ، ނަޝީދު ވަކިކުރުމަށް ނިންމީ މަޖިލީހުގެ ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް ތަކުރާރުކޮށް އަމަލުކުރަމުންދާތީ ކަމަށެވެ. އޭގެ ތެރޭގައި މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމަށް ނަޝީދު ފުރުސަތު ނުދެއްވުމާއި، މަޖިލީހުގެ ނިޒާމް ގެއްލުވާލެއްވުމަށް ބައެއް މެންބަރުން ކުރައްވާ މަސައްކަތްތަކުގައި ބައިވެރިވުން ހިމެނޭ ކަމަށް އެ ގަރާރުގައިވެއެވެ.
އަވަހައް ވަކިކުރޭ ލާދީނީ ނަސީދު.