އިހަވަންދޫ 3 ނަންބަރު ވޯޓް ފޮށި ގުނަން ފެށިތަނާ ހަމަނުޖެހުމެއް ހިނގައި އެކަކަށް އަނިޔާ ވެއްޖެެެވެ.

"ދަ ޕްރެސް" ގެ މަންދޫބުން ބުނީ، ވޯޓު ގުނަން ފެށިއިރު އެތެރޭގައި ތިބީ މަދު އަދަދެއްގެ އޮބްޒާވަރުންނާއި މަންދޫބުން ކަމަށެވެ.

ހަމަނުޖެހުމާ ގުޅިގެން ފުލުހުން ވަނީ ބައެއް އޮބްޒާވަރުންނާއި މަންދޫބުން ބޭރަަށް ނެރެފައެވެ.

މި ހަމަނުޖެހުން ހިނގަން މެދުވެރި ވީ، އިހަވަންދޫގެ 3 ނަންބަރު ވޯޓް ފޮށީގައި އޮތް ވޯޓެއް ބާތިލް ވޯޓެއް ކަމަށް ކަނޑައެޅި ވޯޓްކާ މެދު އުފެދުނު ހިޔާލު ތަފާތުވުމުގެ ސަބަބުންނެވެ.

އެއާއެކު ވޯޓު ގުނުން މެދުކަނޑާލާފައި އޮތުމަށް ފަހު އަލުން ފެށުމާއެކު ހަމަނުޖެހުން އިތުރަށަ ހޫނުވެ ހިނގަމުންދާ ހަމަނުޖެހުމުގައި އިހަވަންދޫ ކައުންސިލް މެމްބަރު އަހްމަދު ރިޟްވާނަށް ވަރަށްބޮޑަށް އަނިޔާވެގެން އާމިނާދިޔޯ ސިއްޙީމަރުކަޒުގައި ފަރުވާދެމުން ދާކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ހަބަރު ލިބޭ ގޮތުން އޭނާގެ އަތް ވަނީ ދުޅަވެފައެވެ.

މިހާތަނަށް ވޯޓުގެ ނަތީޖާ ދައްކާގޮތުން އެންމެ ކުރި ހޯއްދަވާފައި ވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދަވާފައި ވަނީ އެމްޑީީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއެވެ. އެގޮތުން ބަލާއިރު މުއިއްޒުއަށް 71،009 (44.5 ޕަސެންޓު) ވޯޓު ލިބިވަަަޑައިގެންފައި ވާއިރު ރައީސް ސޯލިހްއަށް ލިބިވަޑައިގެންފައި ވަނީ 62،576 (39.4 ޕަސެންޓު) ވޯޓެވެ. މި ދެ ކެންޑިޑޭޓުންނާ ކައިރިނއ ވާދަ ކުރެވޭ އެހެން ކެންޑިޑޭޓެއް ނެތް އިރު 3 ވަނައިގައި އޮތީ 9،904 (6.5 ޕަސެންޓު) ވޯޓާއެކު ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބެވެ. ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާފައި ވާއިރު މިހާތަނަށް ވަނީ 426 ވޯޓު ފޮށީގެ ވޯޓު ގުނާ ނަތީޖާ އިއުލާނު ކޮށްފައެވެ. އެހެންކަމުން ދެން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓު ވޯޓު ލިބޭނެ ކަމަކަށް ލަފައެއް ނުކުރެވެ. ރައީސް ސޯލިހް އަދި މުއިއްޒު ވެސް ވަނީ މި އިންތިހާބު އެއްބުރުން ކާމިޔާބު ކުރެއްވޭނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.