އިންތިހާބާ ގުޅޭ އެކި އެކި ހާދިސާތަކުގައި ހައްޔަރުކުރި ހަ މީހުން ދޫކޮށްލާ، އިތުރު މީހަކު ހައްޔަރު ކޮށްފިއެވެ.

އެކަމުގެ މާ ބޮޑު ތަފްސީލެއް ނުދިން ނަމަވެސް ކުރިން ހައްޔަރުކުރި މީހުން ދޫކޮށްލިކަން ފުލުހުން އިއުލާނު ކޮށްފައި ވަނީ މީގެ 15 ވަރަކަށް މިނެޓު ކުރިންނެވެ.

މިއަދުގެ ރިޔާސީ އިންތިހާބު ކުރިއަށް ދިޔައިރު މާ ބޮޑު ހަމަނުޖެހުމެއް ނުހިނގި ނަމަވެސް ވޯޓު ކަރުދާހުގެ ފޮޓޯ ނެގި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން ބ. ތުޅާދޫގައި ވޯޓުލުމަށް ބޭނުންކުރި ގަލަމުން ފޮޓޯ ނެގި މައްސަލަ ހޫނުވެ އެ މައްސަލަ ވަނީ އީސީއަށްވެސް ހުށަހަޅާފައެވެ.

ހަވީރު 4 ޖެހުމާއެކު ކިއު ބަންދުކުރި ފަހުން ކިއުއަށް އަރަން މަސައްކަތްކޮށް، ހަމަނުޖެހުންތަކެއް ހިންގާފައިވާއިރު އޭގެ ތެރޭގައި އައްޑޫ ސިޓީގެ މީދޫގައި ހުންނަ ސ އަތޮޅު ސްކޫލުގައި ވަނީ މިފަދަ ހަމަ ނުޖެހުމެއް ހިނގާފައެވެ. އަދި މިހާރު އެ ހަަމަނުޖެހުމުގައި ބައިވެރިވި މީހުން އެތަނުން ނެރެ، ގޭޓު ވަނީ ބަންދުކޮށްފައެވެ.

އޭގެ އިތުރުން ކިއުއަށް އަރަން މަސައްކަތްކޮށް، ދަރުމަވަންތަ ސްކޫލާއި ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލާއި އަމީނިއްޔާ ސްކޫލުގައިވެސް ވަނީ ހަމަނުޖެހުންތަކެއް ހިންގާފައެވެ.