އިންތިހާބާ ގުޅޭ އެކި އެކި ހާދިސާތަކުގައި މިއަދުގެ މިހާތަނަށް ހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި އެކިއެކި ހާދިސާތަކާ ގުޅިގެން މިހާތަނަށް 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޭގެތެރެއިން މިހާރު ބަންދުގައި ތިބީ ދެމީހުން ކަމަށް ފުލުހުން ބުނެއެވެ.

ތުޅާދޫގައި ގަލަމަކުން ވޯޓު ކަރުދާސް ފޮޓޯ ނެގި މައްސަލައެއް ކުރިމަތިވެފައިވާއިރު ވޯޓު ލެވުނު ނަމަވެސް އެ ކުރި އަމަލަކީ ކުށަކަށްވާތީ އެކަން ފުލުހުން މެދުވެރިކޮށް ބަލާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ވޯޓު ކަރުދާސް ދައްކައިފިއްޔާ ނުވަތަ ފޮޓޯ ނަގައިފިއްޔާ އެކަން އީސީއިން ގަބޫލު ނުކުރާނެ ކަމަށް ވެސް އީސީއިން ވަނީ ބުނެފައެވެ. އަދި ވޯޓު ކަރުދާސް ދައްކައިފިނަމަ ނުވަތަ ފޮޓޯ ނަގައިފިނަމަ އެކަން ތަހުގީގުކޮށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާނެ ކަމަށް ވެސް އީސީއިން ވަނީ ބުނެފައެވެ.

މީގެއިތުރުން އއ. ރަސްދޫގައި ވޯޓުލުން މެދުކެނޑިފައިވާއިރު ރަސްދޫގައި ވޯޓުލުން މެނދުކެނޑިފައިވަނީ އެ ރަށުގެ ވޯޓުލާ މަރުކަޒުގެ 2 ވޯޓު ފޮށީގެ 2 އޮފިޝަލަކު އިގުރާރާ ހިލާފްވެގެންނެވެ. ނަމަވެސް އެ 2 އޮފިޝަލުން ވެސް އެކަމަށް އެއްބަސްވާ ކަމަށާއި އިގްރާރާ ހިލާފްވުމުން އޮފިޝަލުންގެ ތެރެއިން އިތުރު 2 މީހުން އެ ޖާގައަށްލުމަށްފަހު މިހާރު އެ ރަށުގައި ވެސް ވޯޓުލުން އެބަ ކުރިއަށް ދެއެވެ.

ކ. އަތޮޅު ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބޭ މީހުންނަށް ވޯޓު ނުލެވޭ މައްސަލައެއް ވެސް ހުށަހަޅާފައިވާއިރު ރަޖިސްޓްރީކޮށްފައިވާ ފާރާތްތަކުގެ ވޯޓު ކަރުދާސް އެ ރަޖިސްޓްރީވެފައިވާ ފޮއްޓަކަށް ފޮނުވާފައިވާނެ އީސީއިން ބުނެއެވެ،

އިއްޔެ ހަވީރު 6 އިން މިއަދުގެ މެންދުރު 12އާ ހަމައަށް 14 މައްސަލައެއް ހުށަހެޅިފައިވާކަމަށާއި އެ މައްސަލަތަކުގެ ތެރޭގައި ބޫތު ހުންނަ ގޮތުގެ ޝަކުވާ، ވީޑިއޯ ނުވަތަ ފޮޓޯ ނަގާކަމުގެ ޝަކުވާ އަދި މޫނު ބުރުގާ އަޅާ މީހުން އެއީ ކާކުތޯ ބަލަން ޗެކު ކުރާއިރު އެހެން މީހުންނަށް ފެންނަ ކަމުގެ ޝަކުވާ ކަމަށް އީސީއިން ބުނެއެވެ.