ހިޔާ ފްލެޓުން ކަރަންޓް ކަނޑާލާ ކަމަށް ބުނެ، ފެތުރެމުންދާ ވާހަކަ ސްޓެލްކޯއިން ދޮގުކޮށްފިއެވެ.

އެކަމާ ގުޅޭގޮތުން "ދިޔަރެސް" ގައި ޝާއިއުކޮށްފައިވާ ހަބަރުގައި ބުނެފައިވަނީ ހިޔާ ސަރަހައްދަކީ 50،000 އާ ގާތްކުރާ އަދަދަކަށް މީހުން ދިރިއުޅޭ ސަރަހައްދެއް ކަމަށާއި އެ ސަރަހައްދުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް އޮތް ތާއީދު ކުޑަވުމާ ގުޅިގެން މިއަދު އެ ސަރަހައްދުން ކަރަންޓް ކަނޑާލަން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފާވަނީ ހަވާލުކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް އެކަން ދޮގުކޮސް ސްޓެލްކޯއިން ބުނީ ހިޔާ ފްލެޓުތަކުން މިއަދު ކަރަންޓު ކަނޑާނެ ކަމަށްބުނެ "ދިޔަރެސް" ނޫހުގައި ޝާއިއު ކޮށްފައިވާ ހަބަރަކީ ކަނޑައެޅިގެން ހަގީގަތާއި ހިލާފު ދޮގު ހަބަރެއް ކަމަށެވެ.

ސްޓެލްކޯގެ ކަރަންޓުގެ ވިއުގައަށް ގެންނަންޖެހޭ އަޕްގްރޭޑްތައް ގެނައުމުގެ ބޭނުމަށް އެއްވެސް ސަރަހައްދަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލާ ކަމުގައިވާނަމަ އަބަދުވެސް އަމަލު ކުރަމުން އަންނަ އުސޫލުގެ މަތިން އެކަން އެ ސަރަހައްދެއްގައި ހިމެނޭ ކަސްޓަމަރުނަަށް އަންގާނެ ކަމަށާއި ސްޓެލްކޯގެ ސޯޝަލް މީޑިއާގެ ވަސީލަތްތަކާއި މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އަންގަމުންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ސްޓެލްކޯއިން ބުނީ އެފަދަ ނޯޓިސްއެއް އެ ކުންފުނިން ނެރެފައި ނުވާއިރު އަދި ރިޔާސީ އިންތިހާބުގައި ވޯޓުލާނެ އެތަކެއް ބައެއްގެ ހައްގަށް ދަތިވާ ގޮތަށް އެ ކުންފުނިން އަމަލު ކުރާނެ ކަމަށް ބުނެ މިފަދަ ދޮގު ހަބަރުތައް ފެތުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމުގައި ދެކޭ ކަމަށާއި މާލެ ސަރަހައްދުގެ އެއްވެސް ތަނަކުން ކަރަންޓުގެ ހިދުމަތް މެދު ކެނޑުމަށް މިއަދު ތާވަލް ކުރެވިފައިނުވާނެ ކަމަށެވެ.