ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވައިފިއެވެ.

ނަޝީދު ވޯޓު ލައްވާފައިވަނީ އިސްކަންދަރު ސްކޫލުގައި ބަހައްޓާފައިހުރި ވޯޓު ފޮށްޓަކަށެވެ.

ވޯޓުލެއްވުމަށްފަހު ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިން މަސައްކަތް ކުރަމުންދަނީ ސުލްހަވެރިކަމާއެކު ވޯޓުދީ ކުރިއަށް އޮތް 5 އަހަރަށް ރައީސުލްޖުމްހޫރިއްޔާއެއް ކަނޑައެޅުމަށްޓަކައި ކަމަށެވެ. އަދި ވޯޓުލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ވޯޓުލާން ވާނީ ވަރަށް ވިސްނުމަށްފަހުގައި ކަމަށެވެ. އިންތިހާބުން ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށްޓަކައި މިދިޔަ ޖެނުއަރީ 28 ވަނަ ދުވަހު ބޭއްވި ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ރައީސް މުހައްމަދު ނަޝީދު ވަނީ 8 ހާސް ވޯޓުގެ ތަފާތުން ބަލިވެފައެވެ. ދާއިމީ ނަތީޖާ އިން ދައްކާގޮތުން ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 15،641 ވޯޓެވެ. އަދި ރައީސް ސޯލިހަށް 24،566 ވޯޓު ލިބިވަޑައިގަތެވެ. އެ އިންތިހާބުގައި 57،255 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނު އިރު ވޯޓުލާފައި ވަނީ 40،887 މީހުންނެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބޭއްވި އެ ޕާޓީގެ ޕްރައިމަރީ ނާކާމިޔާބުވެ ރައީސް ނަޝީދު ވަނީ އެމްޑީޕީ ދޫކުރައްވާ އެމްޑީޕީއިން ވަކިވެވަޑައިގަތް ގިނަ އަދަދެއްގެ މެންބަރުންނާއެކު "ދަ ޑިމްކޮރެޓްސް"ގެ ނަމުގައި ޕާޓީއެއް އުފައްދަވާފައެވެ. އަދި އެ ޕާޓީއިން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އިލްޔާސް ލަބީބް ދަނީ މި ރިޔާސީ އިންތިހާބުގައި ވާދަކުރައްވަމުންނެވެ.

ރައީސް ނަޝީދުގެ އިތުރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެމްއެންޕީގެ ކެންޑިޑޭޓު މުހައްމަދު ނާޒިމް، ޖޭޕީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަދި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބް ވަނީ ވޯޓުލައްވާފައެވެ.