ސަރުކާރުން ދައުލަތުގެ މުދާ ނަހަމަގޮތުގައި ބޭނުން ކުރި ނަމަވެސް ތާއީދުކޮށް، ކެމްޕެއިންގައި މަސައްކަތް ކުރި ހުރިހާ ފަރާތްތަކުގެ މަސައްކަތް ބަލައިގަންނަ ކަމަށް ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

އިލްޔާސް ވިދާޅުވީ ކެމްޕެއިންގައި ކުރެވުނު މަސައްކަތާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި އިލްޔާސްގެ ކެމްޕެއިން ޓީމާއި އެހެންވެސް ފަރާތްތަކުން ގިނަ މަސައްކަތްތަކެެއް ކޮށްފައިވާ ކަމަށް ވިދާޅުވެ ޝުކުރު އަދާކުރެއްވިއެވެ.

ލިބުނު ކުޑަ ވަގުތުކޮޅުގައި ކުރެވުނު މަސައްކަތާމެދު ހިތްހަމަޖެހިވަޑައިގަންނަވާކަން ފާހަގަ ކުރައްވާ އިލްޔާސް އިތުރަށް ވިދާޅުވީ ސަރުކާރުން ދައުލަތުގެ މެޝިނަރީޒް ނަހަމަ ގޮތުގައި ބޭނުން ކޮށްގެންނާއި ނާޖާއިޒް ގޮތުގައި މީހުންނަށް ވަޒީފާދީފައި ވަނިކޮށް ވެސް އިލްޔާސްއަށް ތާއީދުކޮށް ކުރި މަސައްކަތްތައް ހިތުން ރުހުމުން ބަލައިގަންނަ ކަމަށެވެ.

އެހުރިހާ ކަމަކާ ދެކޮޅަށް މާދަމާ ބާއްވާ ރިޔާސީ އިންތިހާބުން ވޯޓުން މޮޅުވެވޭނެ ކަމަށް ވެސް އިލްޔާސް ވަނީ ވިދާޅުވެފައެވެ.

ދަ ޑިމޮކްރެޓްސްގެ ފަރާތުން އިލްޔާސް ވާދަކުރައްވާއިރު އޭނާގެ ކެންޑިޑޭޓު ނަންބަރަކީ 7 އެވެ. އަދި އޭނާގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރުއެވެ.