ހުޅުމާލޭގައި އޮންނަ ކޮންޓެއިނާ ޕާކްގެ ކޯ ވޯކިން ސްޕޭސް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

މިއީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމެންޓް، ބިޒްނަސް ސެންޓާ ކޯޕަރޭޝަން އަދި އާބަންކޯ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އާބަންކޯ އިން ބުނީ، ކޮންޓެއިނާ ޕާކް އަކީ، ހުޅުމާލެ ޒަމާނީ "އާބަން" ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއު ކަމަށާއި މިއީ ޒަމާނީ އަދި "އާޓިސްޓިކް" ޕްލޭނެއްގެ ދަށުން، ހުޅުމާލެއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ ގޮތަށް ތައްޔާރު ކޮށްފައިވާ ތަނެއް ކަމަށެވެ.

މިއަދު ކޯ ވޯކިންގް ސްޕޭސް ހުޅުވާ އިރު، ވަރަށް އަވަސް މުސްތަގްބަލެއްގައި މިތަނުގައި ޓޭކްއަވޭ ކެފޭ އަކާއި، ފާސްޓް ފުޑް އައުޓްލެޓް އަދި މީޓިން ރޫމެއް ހެދާނެ ކަމަށާއި މި ސަރަހައްދުގެ އޯޕަން އޭރިއާ އާންމުންނަށް އެއްވެ އުޅެވޭ ޕާކެއްގެ ގޮތުގައި ތަރައްގީ ކުރާނެ ކަމަށް އާބަންކޯ އިން ބުނެއެވެ.

ހަމައެއާއެކު މި ކޯ ވޯކިން ސްޕޭސް މެދުވެރިކޮށް ހުޅުމާލޭގައި އަލަށް ވިޔަފާރިތައް ފަށާ ފަރާތްތަކަށާއި، އެފަދަ ފުރުސަތުތައް ބޭނުންވާ މީހުންނާއި، ގްރޫޕްތަކަށް އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް އާބަންކޯއިން ބުނެއެވެ. ކޯ ވޯކިން ސްޕޭސް ފުރަތަމަ މަހު ދިނުމަށް ހަމަޖެހިފައި ވަނީ ހިލޭ ކަމަށާއި އެ ސްޕޭސް އަށް އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ބުކްކުރެވޭނެ ކަމަށް ވެސް އާބަންކޯއިން ބުނެއެވެ. ކޯ ވޯކިން ސްޕޭސް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން އިރުއޮއްސި 6:00 އަށް ހުޅުވާފައި ހުންނާނެ ކަމަށް ވެސް އާބަންކޯއިން ބުނެއެވެ.

މި ކޮންޓެއިނާ ޕާކުގެ މައިގަނޑު މަގްސަދަކީ ލައިވްލީ އަދި ކޮމިއުނިޓީ އެންގޭޖިން މާހައުލެއް ބިނާކުރުމެވެ. މީގެއިތުރުން އާޓިސްޓުންނަށް ވެސް ފުރުސަތު ލިބިގެންދާނެ ފަދަ ހަބެއް ތައްޔާރުކުރުމާއި މި ޕާކް މެދުވެރިކޮށް ހުޅުމާލޭގެ ގިނަ ޒުވާނުންތަކަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް އާބަންކޯ އިން ބުނެއެވެ.