މީގެ ކުރިން މާލެއާއި ހުޅުލެ އަދި ހުޅުމާލެއާ ދެމެދުގައި ރައްޔިތުން ކަނޑުމަގުން ކުރަމުން އައި ދަތުރުތަކަށް ނިމުމެއް ގެނެސްދިން ސިނަމާލެ ބްރިޖަށް މިއަދު އެ ފުރުނީ 5 އަހަރެވެ. މީގެ 5 އަހަރު ކުރިން އޮގަސްޓް 30، 2018 ގައި އެ ބްރިޖު ހުޅުވިގެން ދިޔައީ އެއީ ނުވާނެ ކަމަށް ބުނި ކިތަންމެ ބައެެއްގެ ބަހަށް ބެލުމެށް ނެތިއެވެ.

ކަނޑުގެ ބިޔަ ރާޅުތަކަށް ބެލުމެއް ނެތި ގަދަ ކަނޑުގައި މައިން ދަރިން ގޮވައިގެން ކުރިން ވިއްސަކަށް މިނެޓުގެ މަޖުބޫރު ދަތުރުތަކަށް ނިމުން މިފަދަ ގޮތަކަށް އަންނާނެ ކަމަށް އޭރު ބައެއް ދިވެހިން ގަބޫލެއް ނުކުރެއެވެ. ވެހިކަލްތައް ހިފައިގެން މާލެއާއި ހުޅުމާލެއާ ދެމެދު ފެރީގައި ކުރި ދަތުރުތައް މިއަދު މާޒީވެ ހިނގައްޖެއެވެ.

މީގެ ކުރިން އެތައް ވެރިންނެއް މިފަދަ ބްރިޖެއްގެ ހުވަފެންތައް ދެކެވަޑައިގެންނެވި ކަމުގައި ވިޔަސް ސިނަމާލެ ބްރިޖަކީ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދުފުޅެކެވެ.

އެ ވައުދުފުޅާއެކު ދުނިޔޭގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ޗައިނާއާ ދެމެދު ޒަމާނުންސުރެ ރާއްޖެއިން އޮންނަ ގުޅުމުގެ ރަމްޒެއްގެ ގޮތުން ބްރިޖުގެ މަޝްވަރާތައް ކުރެވި އެކަމުގެ ހުށަހެޅުންތައްވެސް ހުށަހެޅިގެން ދިޔައެވެ. އަދި އެ ގައުމުގެ ސީސީސީސީ ކުންފުނިން އެ މަޝްރޫއު ކުރިއަށް ގެންދިޔައެވެ.

ސިނަމާލެ މާލެ ބްރިޖުގެ މަސައްކަތް ކުރަމުންދިޔައިރު ނަގާފައިވާ ފޮޓޮއެއް/ ފޮޓޯ: މުހައްމަދު ސައީދު

ރާއްޖޭއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަން ރަމްޒުކޮށްދޭ ބްރިޖަށް 200 މިލިއަން ޑޮލަރު ހަރަދުވި އިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީއެވެ. އެގޮތުން އެ ގައުމުގެ ސީސީސީސީ ކުންފުންޏާ ހަވާލުކޮށްގެން ބާރު ސްޕީޑެއްގައި އެ މަޝްރޫއު ކުރިއަށް ގެންގޮސް ނިންމާލި އިރު ބްރިޖުގެ މަސައްކަތް ސަރުކާރުގެ ފަރާތުން ބައްލަވަމުން ގެންދެވީ އޭރުގެ ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒެވެ.

އެ މަޝްރޫއަކީ ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި އެންމެ ބިޔަ މަޝްރޫއު ކަމަށް ވާއިރު މީގެ 5 އަހަރު ކުރިން ބޭއްވި ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެތައް ހާސް މީހުންނެއް ކޮންމެ ދުވަހަކު ކަނޑު ހުރަސްކޮށް މާލެ އަންނަން ޖެހޭ ކަމަށާއި އެހެންކަމުން އެ ދެމެދުގައި ބުރިޖެއް އަޅަން ޖެހޭ ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި އެފަދަ ކުޅަދާނަކަމެއް ނެތުމުގެ ސަބަބުން ޗައިނާގެ ރައީސް ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ އަރިހުގައި ދިވެހި ރައްޔިތުންގެ ފަރާތުން ބަރިޖެއް ހައްދައިވައިދެއްވަން ހުށަހެޅުއްވިތާ ތިން އަހަރާއި 11 މަސް ފަހުން އެކަން ހަގީގަތަކަށް ވެގެންދިޔަ ކަމަށް ޔާމީން ވިދާޅުވިއެވެ.

ސިނަމާލެ މާލެ ބްރިޖު ހުޅުވި ރަސްމިއްޔާތު/ ފޮޓޯ: ޑރ. މުހައްމަދު މުއިއްޒު

އެ ރަސްމިއްޔާތުގައި ޗައިނާގެ ގުޅުމަށް އިޝާރާތް ކުރައްވާ ޔާމީން ވަނީ ހެޔޮ ރަނގަޅު ގުޅުމެއްގައި ހަގީގަތަކަށް ނުހެދޭނެ އެއްވެސް ކަމެއް ނެތް ކަމަށާއި އެކަން ސާބިތުވަމުންދާ ކަމަށް ވިދާޅުވެފައެވެ.

"ހެޔޮ ރަނގަޅު ގުޅުމެއްގައި ހަގީގަތަކަށް ނުހެދޭނެ އެއްވެސް ކަމެއް ނެތް. އެކަން ސާބިތުވަމުން މިދަނީ"
ރައީސް ޔާމީން

އެ ރަސްމިއްޔާތުގައި ވާހަ ކަދައްކަވަމުން މިހާރުގެ އިދިކޮޅު ގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ވިދާޅުވީ ބްރިޖަކީ ރައީސް ޔާމީން އާއި ޝީ ޖިންގްޕިންގެ ގުޅުމުން އުފެދުނު ބުރިޖެއް ކަމަށާއި ކުރީގެ ރައީސުން ދެއްކެވި ވާހަކަފުޅުގައި އޮތް "ނަމަ" ކަނޑާލާފައި ހަގީގަތަކަށް ހައްދަވައި ދެއްވީ ރައީސް ޔާމީން ކަމަށެވެ.

ސިނާމާލެ ބްރިޖު ހުރަސްކުރަން ދަތުރު ކުރާ މީހުން / ފޮޓޯ: ދަ ޕްރެސް

މީގެ ކުރިން އެ ބްރިޖު ބަލައިދިނުމަށް އެ ކުންފުންޏާ ހަވާލުކުރީ 2 އަހަރަށް ނަމަވެސް އެ މުއްދަތު ހަމަވެ އިތުރު ފަސް އަހަރަށް ބްރިޖު ބަލައިދިނުމަށް މިދިޔަ 2020 ވަނަ އަހަރުގެ ތެރޭގައި ވަނި ހަވާލުކޮށްފައެވެ. އަދި އެގޮތަށް ހަވާލުކުރީ 2021 ވަނަ އަހަރުގެ ބަޖެޓުގައި "ބްރިޖް މެއިންޓަނަންސް" އަށް ފައިސާ ހިމަނާފައި ނުވާތީ ޗައިނާއިން އިތުރު ފަސް އަހަރު ދުވަހަށް ބްރިޖު ބަލަހައްޓަން ހަވާލުވުމާއެކު މެއިންޓަނަންސް ކަންކަމަށް ހަރަދު ކުރާނީ އެ ގައުމުން ރާއްޖެއަށް ދީފައިވާ "ގްރާންޓް އެސިސްޓެންސް" ގެ ތެރެއިން ކަމަށް ވާތީއެވެ.

މިއަދު ބްރިޖަށް 5 އަހަރު ފުރުން ޗައިނާގެ ސަރުކާރުންނާއި އޭރުގައި ރާއްޖޭގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ފާހަގަ ކުރައްވަމުން ގެންދަވާއިރު ސިފަކުރައްވަނީ އެ ބްރިޖަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ރަމްޒު ކޮށްދޭ ވަރުގަދަ ހެއްކެއްގެ ގޮތުގައެވެ.