ސިނަމާލޭ ބުރިޖު ހައިވޭ މަތީގައި މިއަދު އެކްސިޑެންޓެއް ހިނގާ، އަނިޔާވި މީހާ ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، ހުޅުމާލެއިން މާލެއަށް އަންނަ ލޭންގައި ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތް ކުރާކަން އަންގައިދޭން ބަހައްޓާފައި ހުރި ކޯންއެއްގައި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު ހެނދުނު 8:19 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުވި މީހާ ފަރުވާ ދިނުމަށް ޓަކައި އައިޖީއެމްއެޗަށް ގެންދިޔަ ނަމަވެސް 9:05 ހާއިރު ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓުގައި ނިޔާވެފައިވަނީ ބަންގްލަދޭޝްގެ ފިރިހެނެކެވެ. އެކްސިޑެންޓާއި ގުޅޭ އިތުރު މައުލޫމާތެއް ހިއްސާ ނުކޮށް ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މީގެ ކުރިން ވެސް ބްރިޖުގައި އެކްސިޑެންޓު ހިނގާ އެކި މީހުންނަށް އެކި އަނިޔާ ލިބިފައިވާއިރު ބައެއް މީހުންގެ ފުރާނަވެސް ގެއްލިފައި ވެއެވެ.