"މަންމަ ފުރަތަމަ ތޮލާލަށް ވިސްނަދީ. އޭނަ އެކުރަނީ ރަނގަޅު ކަމެއްނޫން. އޭނައަށް ވިސްނައި ދެވިއްޖިއްޔާ މީ ދުވަހަކުވެސް ބޭޒާރު ވާނެ ހަގީގަތެއް ނޫން. އަހަރެންގެ ބައްޕައަށްވެސް ނޭނގޭނެ މިސްކު ބައްޕަ ދުނިޔޭގަ ހުރިކަމެއް. ނަޒީފްއަށް މިކަން އެނގިއްޖިއްޔާ އޭނަ ހިތް ހަލާކުވާނެ"

އަހަރެން ގޮތް ހުސްވެފައި ވާވަރު ފެނި ފާތިމާ އަހަރެންގެ ބުރަކަށީގައި އޯގާތެރިކަމާއެކު ފިރުމާލިއެވެ.

"މަންމަ ދައްކާ ވާހަކައެއް އަޑު އަހާނަމަ ގޮސް ދަރިފުޅަށް ތިވަރު އަނިޔާއެއް ނުދޭނެ. އެންމެ ރަނގަޅު ގޮތަކީ ރަށަށް ގޮސް މިވާހަކަ ނަޒީފަށް ކިޔައިދިނުން. މަންމަ ނަޒީފާ ވާހަކަ ދައްކާނަން"

ފާތިމާ އަހަރެންގެ ހިތްވަރަކަށް ވެގެން ދިއުމުން އަހަންނަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބުނެވެ.

ދިޔަވަރު ހިކިފައި އޮތުމުން ފިނޮޅަށް އަރަން އައި ދެ ޑިންގީ ދާން ޖެހުނީ ރަށުގެ އަނެއް ކޮޅަށެވެ. އެކަމާ އެންމެ އުފާކުރީ ޒާހިޔާއެވެ. އެ ޑިންގީގައި އަޒޫ ހުރިކަން އެއީ ޒާހިޔާއަށް ޚަބަރު ލިބިފައި އޮތް ކަމެކެވެ. ތޮލާލު މިރޭ ނުހާ އާއި އެކު މާފޮޅުވަން ބޭނުން ވެއްޖެނަމަ ފައިމަގުގައި ކުރަން ޖެހޭނީ ދިގު ދަތުރެކެވެ. ރޭގަނޑާ ދިމާކޮށް ތޮލާލު އެހާ ދުރަށް އެކަނި ނުދާނެކަމަށް ޒާހިޔާ އުއްމީދު ކުރިއެވެ.

އުދަރެހަށް ރަންކުލަތަށް އަރުވަމުން އިރު ފެނުގެ އަޑިއަށް ފީނަމުން ދިޔައިރު އެ ހިތްގައިމު މަންޒަރާ އެކު ސެލްފީއާ ރީތި ފޮޓޯތައް ނެގުމުގައި އާއިލާ ހޭދަކުރަމުން ދިޔައީ އުފާވެރި ވަގުތު ކޮޅެކެވެ. ނަޒީފްވެސް އަހަންނާ މިސްކު ގޮަވައިގެން އޭނަ ހިތްހަމަ ޖެހޭ ވަރަށް ފޮޓޯ ނަގާ ހެދިއެވެ. ގޭ ކުދިންނާއި އެކު އެކި ގޮތްގޮތަށް މިސްކު މޮޑެލް ކުރަމުން ދިޔަ ފޮޓޯތަށް އަހަރެންގެ ފޯނުގައިވެސް ދިޔައީ ފުނިޖެހެމުންނެވެ. ރެއަށް އިރުއޮއްސި ދުނިޔެއަށް އަދިރިކަމުގެ ކުލަވަރު ވެރިވާން ފެށިތާ މާ ގިނައިރެއް ނުވެ ގޮޑުދޮށުން ރެދަމުގެ ހިތްގައި މަންޒަރުތަށް ފާޅުވާން ފަށައިފިއެވެ. އަހަންނާ މިސްކުއަށް އެވަގުތު ކޮޅު ވެގެން ދިޔައީ އާދަޔާ ހިލާފް އުފާވެރި ވަގުތު ކޮޅަކަށެވެ. އެންމެން ގޮނޑުދޮށަށް އެރި އުޅޭތަން ފެނުމުން ދެންވެސް މޫދަށް އެރެން ގަދަ ދައްކާލާފައި އޮތީ މީކްއެވެ. މޫދާ ގާތަށް މީކް ޖެހުނަ ނުދީ ޒާހިޔާ މީކް ގޮވައިގެން އިނީ ބޭރު އަޅާފަ އޮތް ސަތަރިގަނޑު މަތީގައެވެ.

"ތި ކުއްޖާ ދޫކޮށްލަބަލަ ނިކަން. އެންމެން ތިއްބާ މޫދަށް ފުންމައެއް ނުލާނެއްނު"

ފާތިމާއަށް ކެތް ނުވެގެން ބުނެލިއެވެ.

"ހުމާ ފިހުނީމަ އުނދަގޫ ވާނީ މަށަށް. އައިސް ކަރުދޮށުގަ އަތްޖަހާލާފަ މިހާރު ރަނގަޅުހޭ އަހާލާފަ ދެވުނީމަ މަންމައަށް އެއޮތީ އަޅާލެވިފަ."

ޒާހިޔާ ޖެހިލުމެއްނެތި ބުނެލިއެވެ.

"އެހެންތަ. ގައިމު އިރުއަރާ އޮއްސިގެން ދާއިރު މީކްއަށް ގިނަފަހަރު ކާންވެސް ދެނީ މަންމަ"

ޝަނާއަށް އެއްޗެއް ނުބުނެ ނުހުރެވުނެވެ.

"ކަލޭމެންގެ ދަރިންނަށް އެކަނިތަ މަންމަ ކާންދެން ޖެހެނީ. ކަލޭމެން ވަޒީފާއަށް ފޮނުވާފަ ދަރިންތަށްވެސް ބޮޑުކޮށްފަ އެހެރީ މަންމައެއް ނޫންތަ"

ޒާހިޔާ ހީވީ ޒުވާބު ކޮށްލާނެ މީހަކު ނުވެފައި ހުރިހެނެވެ. ޝަނާ ރައްދު ދޭން އުޅުމުން އެކަން މަނާ ކުރީ އާޝިއާއެވެ. އެވަގުތު ތޮލާލު އައިސް ޒާހިޔާ އަތުން މީކް އަތުލައިގެން މޫދާ ދިމާލަށް ހިނގައިގެންފިއެވެ. ޒާހިޔާ ދުލުން ފުރަތަމަވެސް ބޭރުވީ ނުބައި އެއްޗެކެވެ. ކުދިންނަށް އަޑުއިވޭ ވަރަށް ޒާހިޔާ އެހާ ހުތުރުކޮށް އެއްޗެހި ކިޔައިގަތުމުން އަހަންނަށް ވަރަށް ބޮޑު ސިހުމެއް ލިބުނެވެ. އާޝިއާ އިތުރަށް މަޑުކުރުމެއް ނެތި ހުރިހާ ކުދިންނަށް ގޮވާލާފައި ޓެންޓަށް ވަނުމަށް އަންގައިފިއެވެ. ލަސްކުރުމެއްނެތި ކުދިންތަށް ދުއްވައިގަތީ ޓެންޓާ ދިމާލަށެވެ.

"މޫދަށް ލައިފިއްޔާ މަރާލާނަން ކަލޭ. ކަލޭ ބަލާ ދަރިއެއް ނޫނޭތީ."

ޒާހިޔާ އައިގޮތަށް ތޮލާލު އަތުން މީކް އަތުލަން މީކް ލައިގެން ހުރި ޓީޝާޓް ހިފައި ފަހަތުން ދަމައިގެންފިއެވެ. މީކް އެއްލިގެން ދިޔަ ވަގުތު ރޮއެގަތީ ވީތަދުންނެވެ. އެއާއެކު ތޮލާލު އަތްދަމާލާފައި ޒާހިޔާ މޫނުމަތީ ޖަހައިފިއެވެ. މިސްކު ހުރިހާ ކުދިންގެ ފަހަތުން ދުވެފައި ގޮސް ޓެންޓަށް ވަނީ ދެލޯ ބޮޑުވެފައި ހުރެއެވެ. ތޮލާލާ ޒާހިޔާގެ ޒުވާބަކީ އެހެން ކުދިންނަށް އާ މަންޒަރެއް ނޫނެވެ. އެކުދިން އާޝިއާގެ ބަހަށް ކިޔަމަންވި ވަރު އަވަސް ކަމުން އެވަރު ހާމަވިއެވެ.

"ދުރައްދޭ މިތަނުން. މޫދަށް ނަގާ އެއްލާލަފާނަން ތިފާޑަށް ތެޅެންޏާ. ކަލޭ މީކް ގޮވައިގެން އައީ ކީއްކުރަން މިތަނަށް"

"ކަލޭ ގަންނަ ގަނޑު ބަލަން މަމިތަނަށް އައީ...."

"ކަލެއަކާ ނުޖެހޭނެ މަ އުޅޭގޮތް ބަލާކަށް. ސަތޭކަ ފަހަރު މަ ކަލޭ ވަރިކޮށްފިން. މަގޭ އަތުން މަރުވާނެ އަންހެނެއް ތީ."

ތޮލާލު ހީވީ ދެންމެ ދެންމެ ޒާހިޔާ ކަރުގަ ހިފައިދާނެހެނެވެ. ކުޅިބަލަން ނުތިބެ ހުރިހާ އަންހެން ވެރިން އެދެމީހުން ދުރުކުރިއިރު އެމަންޒަރު ފެނުނުކަމަށްވެސް ނަހަދާ ނަޒީފް ގޮސް ވަނީ ޓެންޓަށެވެ. ތޮލާލު އަތުން މީކް އަތުލައި ޒާހިޔާ އަތަށް މީކް ދިނުމުން ކިޔުނުހައި ނުބައި އެއްޗެއް ކިޔަމުން ޒާހިޔާ ހިގައްޖެއެވެ.

އަހަރެން އެފަދަ މަންޒަރެއް ދުވަހަކުވެސް ނުދެކެމެވެ. ދަތުރުގެ ފޯރި ކެނޑިފައި އެތަށް އިރަކު އޮތުމަށްފަހު ކުދިންތަށް ދެން ބޭރަށް ނެރުނީ ހަނދު އަރަން ފެށުމުންނެވެ. އޭރު ރާޅު ބީއްސާލާ ހިސާބުން އެކީ އެކަށް އޮތީ ރެދަންލާ ފުރިފައެވެ. ކުދިންތަށް ކަށިމައްޗާ ހަމައިން ތެމިގެން މޫދު ކައިރީ އުޅެމުން ދިޔައިރު ނަޒީފްމެން މަސްބާނަން ނަނު އެއްލައިގެން އެތަނުގައި ތިއްބެވެ. ފިނޮޅު މެދުގައި ރޯކުރި ބޮނޑު އަލިފާންގަނޑު ނިވުނަ ނުދީ އޭގައަށް އެންމެންވެސް ދިޔައީ ދަރުއަޅަމުންނެވެ. އަންހެން ވެރިން ރެއަށް ކެއްކުމާ ވެގެން އުޅެމުން ދަނިކޮށް މީކް ނިންދަވާފައި ޒާހިޔާވެސް ނުކުމެއްޖެއެވެ. ނަމަވެސް ފޯނު ހިފައިގެން ގޮސް ޒާހިޔާ އިށީނީ އެހެން މީހުނާ ދުރުގައެވެ. ކުރި ޒުވާބަށްފަހު ތޮލާލު ވީތަނެއް މިހާރު އެކަކަށްވެސް ނޭނގެއެވެ.

"ދަސްވާނެ. ކަނޑަން ވެސް ވާނީ އަމިއްލައަށް. މީހަކާ އިންނަ އިރު މިއުޅޭ އަންހެނުންނަށް މިހާރު ނޭނގޭ މަހެއްގެ ހުބުޅު ޖަހާލަންވެސް."

ނަނު އެއްލައިގެން ހުރި ނަޒީފް ހިތްވަރު ދެމުން ދިޔައީ މިސްކުއަށެވެ. މިސްކު ދިޔައީ ނަޒީފް ދެންމެ ބޭނި މަހުގެ ހުބުޅު ޖަހަން މަސައްކަތް ކުރަމުންނެވެ. އަހަރެން އެމަންޒަރު ވީޑިއޯ ކުރަމުން ދިޔައީ ހެމުންނެވެ.

"އަހަރެން އިންނާނީ މަސްނުކާ މީހަކާ"

އަތުގެ އިޝާރާތުން މިސްކު ނަޒީފަށް ދިން ޖަވާބުން އަހަރެންގެ ހިނިގަނޑު ފަޅައިގެން ހިނގައްޖެއެވެ.

"ކީކޭ އެބުނީ.؟"

"މަސް ނުކާ މީހަކާއޯ އިންނާނީ"

ރީނާ ކޮށްލި ސުވާލަށް އަހަރެން ޖަވާބު ދިނުމުން އެންމެން ހީނގެންފިއެވެ. އަހަރެންގެ ފޯނަށް ތޮލާލު ގުޅީ އެވަގުތުއެވެ. އަހަންނަށް ފޯނު ތިރިކޮށްލެވުނީ ބޭއިހްތިޔާރުގައެވެ. އެރޭ ތޮލާލު ބައްދަލް ކުރަން ގުޅާނެ ވާހަކަ ކުރިން އޮތީ ބުނެފައެވެ. ވަގުތުން ފޯނު ނިވާލަމުން އަހަރެން ފޯނު ޖީބަށް ކޮއްޕާލީމެވެ. ތޮލާލު ބުނިހާ ތަނަކަށް ދާން އަހަރެން ހުރީ މޮޔަވެފެއް ނޫނެވެ. ގޮތެއް ނެތް މީހުންވެސް މިދުނިޔޭގައި އުޅެއެވެ. އެކަމަކު ތިމާގެ އެއްބަނޑު އެއްބަފައި ބޭބެގެ އަނބިމީހާއަށް މުލައްދަނޑީގެ ބާރު ދައްކަން ދިމާކުރި އެހާ ނުބައި މީހަކު އަހަރެންވާ ނުދެކެމެވެ. އަހަރެން ފޯނު ނިވާލިތާ އިރުކޮޅެއް ފަހުން ތޮލާލު ދިޔަތަނަކުން ނުކުމެގެން އައިސް އަލިފާންގަނޑު ކައިރީ އިށީނދެއްޖެއެވެ. އަހަރެން ފެނުނު ކަމަށްވެސް ނަހަދަމެވެ. އަހަރެންނާ ނަޒީފް މިސްކުއާ އެކު ހީނ ސަމާސާކޮށް އުޅެމުން ދިޔަ އުފާވެރި މަންޒަރު ދެކެން ތޮލާލު އިނީ ހަސަދަވެރިކަމުން ސިކުނޑި ފުރައިގެނެވެ. އަހަރެން ތޮލާލުގެ ދަންތުރައިގައި ދެން ޖެހޭނެކަމަށް އޭނަ ހީކުރާކަން އެއީ އޭނަގެ މޮޔަކަމެވެ. މީހަކަށް ދެރައެއް ދީފައި މީހަކަށް ވާނެ މޮޅެއް ނޯންނާނެކަން ތޮލާލަށް އޮންނާނީ ރަނގަޅަށް އެނގިފައެވެ.

މަސްތައް ކަނޑާ ނިމުމުން ކުކުޅާ ސޮސެޖާއި އެކު ބާބަކިއުއަކަށް އަލިފާންގަނޑު މަތީ މަސްތަށް އަތުރާލައިފިއެވެ. ކުޅެކުޅެ ވަރުބަލިވެފައި ތިބިވަރުން ސޮސެޖުތަކުގެ ރޯފިލާއިރަށް ކުދިންތަށް ކާން ފަށައިފިއެވެ. ހައިވެފައި ހުރުމުން ޒާހިޔާއަށް ވެސް ނުކައި ދުރަކު ނުހުރެވުނެވެ.

"އަން މީތިކޮޅު ވަރަށް މީރުވާނެ"

ނަޒީފް ދިއްކޮށްލި އެތިކޮޅު މިސްކު އަނގަޔަށް ލާފައި ހަފާލިގޮތަށް އަނގައިން ބޭރުކޮށްލައިފިއެވެ. ނަޒީފް މިސްކު އަނގަޔަށް ލެވީ މަސް ނެތް ކުކުޅު ކަށިކޮޅެކެވެ. ނަޒީފް ހޭން ފެށުމުން މިސްކު ޖެހީ ނަޒީފްގެ ގައިގައެވެ. އެއިރުވެސް ތޮލާލު ބަލަމުން ދިޔައީ އަހަރެމެންނަށެވެ. އެނަޒަރު އެހެން މީހެއްގެ ލޮލުގައި އަޅައި ނުގަތަސް އަހަރެންނާ މަންމައަށް ހުރިހާ މަންޒަރެއްވެސް ދިޔައީ ސާފުކޮށް ފެންނަމުންނެވެ. ކާން ގެންގުޅުނު ތައްޓަށް ތޮލާލުގެ މާ ބޮޑު ސަމާލުކަމެއް ނެތެވެ. އޭނަގެ ހިތުތެރޭ އަދަމުން ދިޔައީ ކާއެއްޗެއްގެ ރަހަ އެނގޭ ވަރަށް ވުރެން މާހޫނު އަލިފާނެކެވެ.

"ހަމަތެދެއް. އަހަރެން މިހުންނަނީ ވަރަށް އުފަލުން ދޮންބެ ތިހެން އުޅޭތަން ފެނުނީމަ. ކޮންތާކުން ދޮންބެ ހޯދި ޖަވާހިރެއްތަ މިއީ"

އާޝިއާ އަހަރެންގެ ކޮނޑުގައި ކޮނޑުން ޖަހާލަމުން އަހާލިއެވެ.

"އަލްހަމްދު ﷲ .. އަހަރެން މިއީ ނަސީބު ގަދަ މީހެއް."

ބޯ ޖަހާލަމުން ނަޒީފް ބުނެލިއެވެ.

"ގަބޫލު ކޮށްފިން. ދެން އުޅެބަލަ އެހެން ކުއްޖެއް ހޯދަން. އޭރުން މިސްކުވެސް ކިހާ އުފާވާނެ."

ރީނާ ބުނެލިއެވެ.

"ތިކަން ދެން ކުރިއަށް އޮތީ. އިންޝާ ﷲ އަންނަ މަހު އުފާވެރި ޚަބަރެއް ދޭނަން"

ނަޒީފް ބުނެލީ ވަރަށް ފޮނި އުއްމީދަކާއި އެކުގައެވެ. ދަރިއަކު ހޯދަން އަހަރުމެން މަސައްކަތް ކުރަން ފެށީ ހުސްވި މަހުގައި ކަމުން އަހަރެން އިން ގޮތެއް އަހަރެންނަކަށް ނޭނގެއެވެ. އެކަހަލަ މިކަހަލަ ވާހަކަތަކެއްގައި އަހަރެމެން ކާން ތިއްބައި ކުދިންތަށް ކައި ނިމިގެން އަލިފާން ގަނޑު ވަށައި ހީނ މަޖާ ކުރަމުން ދުވަން ފަށައިފިއެވެ. ކައި ނިމިގެން ނަޒީފްވެސް ނުކުތީ ބެރު ހިފައިގެނެވެ. ލަވަ ޖަހަން ގެނައި ކުޑަ ސްޕީކަރުން ބޮޑުބެރު ލަވައެއް ޖަހާލަމުން ތަނުގެ ފޯރި ގަދަކޮށްލައިފިއެވެ. ނަށައި ނުލާ އާޝިއާ މެންނަކަށް ނުތިބެވުނެވެ. ތޮލާލު ބެރު އަތުލުމުން ނަޒީފް ނަށަން އެރީ އަހަރެންނާއި ފާތިމާ ގޮވައިގެނެވެ. ނެށުމާ ލަވައިގެ ތެރޭން ދެން ފެށިގެން ދިޔައީ ފައިގަ ތަޅާ ކުޅުމެވެ. އާއިލާ ދެގުރޫޕަކަށް ބެހި ކުޅެން ފެށި ކުޅިވަރުގެ ފޯރި އެންމެ ގަދަވީ ކުދިންގެ ތެރޭގައެވެ. ހުނުމުގެ އަޑުން މާހައުލު ގުގުމާލައިފައި އޮންނަތާ ވީ ކިހާއިރެއް ކަމެއްވެސް ނޭނގުނެވެ. ހުރިހާ ކުދިންގެ ތެރޭ މިސްކުނެތްކަން އަހަންނަށް ރޭކާލީ އަހަރެން ކައިރީގައި ހުރުމަށްފަހު މިސްކު ދުވެފައި ދިޔަތާ އިރުކޮޅެއްވީ ފަހުންނެވެ.

އެކި ދިމަދިމާލަށް ނަޒަރު ހިންގަމުން ގޮސް އަހަރެން ވަނީ ޓެންޓަށެވެ. ނަމަވެސް މިސްކު އެތަނުގައިވެސް ނެތެވެ. އަހަރެންގެ ހިތުތެރޭގައި ބިރުވެރިކަން އުތުރި އަރަން ފެށިއެވެ. އަހަރެންގެ މޫނުމަތީގެ ކުލަވަރު އެކަށް ބަދަލުވިއެވެ. ބޭއިހުތިޔާރުގައި އަހަންނަށް ބަލާލެވުނީ ތޮލާލު ކޮބައިތޯއެވެ. އަހަރެންނަށް ހީވީ ރަނގަޅަށެވެ. އެތަނުގައި ތޮލާލުވެސް ފެންނާކަށް ނެތެވެ. ބިރުން އަހަރެންގެ މޭގަނޑު ހީވީ އަނގަޔަށް އައި ހެނެވެ. އަހަރެން މަނާކޮށްފައި އޮއްވައި މިސްކު މޫދަށް ނޭރޭނެކަން އެއީ ރޭގަނޑުހައި ސާފުކޮށް އަހަންނަށް ޔަގީންވާ ކަމެކެވެ.

"ނަޒީފް ..."

އަހަންނަށް ގޮވައިލެވުނީ ބާރަށެވެ. އަހަރެންގެ މޫނަށް ބަލާލީ އެންމެން އެކުގައެވެ. ސަތަރި މަތީ އޮށޯވެގެން އޮތް ޒާހިޔާވެސް ފޯނު ތިރިކޮށްލަމުން ބަލާލީ އަހަރެންގެ މޫނަށެވެ. ނަޒީފާއި ދިމާލަށް އަހަރެން އެޅި ފިޔަވަޅަށް ދިޔައީ ހުއްޓުން އަރައިގެނެވެ. ދުނިޔެއަށް ބޭޒާރު ވުމަކީ ކިހާ ބޮޑު ލަދުވެތިކަމެއްކަން އަހަންނަށް ވުރެން ބޮޑަށް އެނގޭނެ މީހަކު ހުންނާނެ ހެއްޔެވެ؟. އެއީ ވޭން ހުރި ލަދުވެތި ކަމެކެވެ. ކެތްކުރަން ދަތި އިމްތިހާނެކެވެ. އެ ހިތްދަތިކަމުގައި ރޮއެރޮއެ ނިދުނީ ކިތަށް ރޭ ހެއްޔެވެ. ހާލަށް ހަމްދަރުދީވެ އެއް އަތުން ފިރުމާލާ މީހާގެ ދުލުންވެސް ހަނދާން ކޮށްދެނީ ކުރެވުނު ކުށުގެ މަތިންނެވެ.

"ކިހިނެއްވީ؟"

އަހަރެން ހުއްޓުން އެރިތަން ފެނި ނަޒީފް އަހާލިއެވެ.

"ލޯބިން ގޮވާލެވުނީދޯ"

ގަދަކަމުން އަހަރެން ހިނިތުންވެލަން މަސައްކަތް ކުރުމުން ރީނާ ހީނގަންނަމުން ދިމާކޮށްލިއެވެ. ބޯޅައިނ ރީނާގެ ގައިގާ ޖެހުމަށްފަހު ނަޒީފް އަހަންނާ ދިމާއަށް ހިނގައިގަތެވެ.

"އުހު... މަޑުކުރޭ. އަހަރެން އުޅުނީ މަންމައަށް ގޮވާލަންވެގެން"

ނަޒީފަށް ފުރަގަސް ދެމުން އަހަރެން ބާރަށް ހިނގައިގަތީ ފާތިމާއާއި ދިމާލަށެވެ. ކާށި ފަޅިއަކާއި ހިކިމަސްގަނޑެއް ހިފައިގެން ކާން އިން ފާތިމާވެސް އޭރު ބަލަން އިނީ އަހަރެންގެ މޫނަށެވެ. ނަޒީފް އަލުން ކުޅިވަރާއިއެކު މަސްއޫލުވުމުން އަހަރެން ފޯނުނަގައި ހުޅުވަމުން ބާރަށް ހިނގާފައިގޮސް ޓެންޓު ބިއްދޮށަށް ވަނީމެވެ. ނިވިފައި އޮތް ފޯނު ހުޅުވެން އެ ނެގި މަދު ސިކުންތު ކޮޅުވެސް އެވަގުތު އަހަރެންނަށް އިހުސާސް ކޮށްދިިނީ ހާސް އަހަރެވެ. ފޯނު ހުޅުވުމާއި އެކު އަހަރެން ތޮލާލަށް ގުޅީމެވެ. ނަމަވެސް ދެފަހަރު ރިންގުވެ ކެނޑުނު އިރުވެސް ތޮލާލު ފޯނެއް ނުނެގިއެވެ. އަހަރެންނަށް ކަމެއް ވެއްޖެކަން ވިސްނިގެން ފާތިމާ އައިސް އަހަރެން ކައިރީ ހުއްޓުނު އިރު އަހަރެންނަށް ގިސްލާ ރޮވިއްޖެއެވެ.

"ކިހިނެއްވީ؟"

"މަންމާ އެ ހައިވާނު އެފިލީ މަގޭ ދަރި ގޮވައިގެން. ފޯނެއްވެސް ނުނަގައޭ. އެކުއްޖާ ބިރުން ހަލާކުވާނެ.."

ރޮމުން ފާތިމާއަށް ޖަވާބުދެމުންވެސް އަހަރެން ދިޔައީ ތޮލާލަށް ގުޅަމުންނެވެ. އަހަރެން ދިން ޚަބަރުން ފާތިމާއަށް އަތް އެޅުނީ މޭގައެވެ.

"އެކަމަކު ދެންމެވެެސް ހުއްޓެއްނު ކުޅެން. މަންމަ ދެކުނިން ނުބައިވީމަ ދުވެފައިގޮސް ޓެންޓަށް ވަތްތަން."

"މިހާރަކު ނެތޭ މަންމާ. މަށަށް ޔަގީން....."

"ކީކޭ ލޯބި."

އަހަރެންގެ ވާހަކަ ހުއްޓުނީ ތޮލާލު ފޯނު ނެގުމުންނެވެ. ތޮލާލުގެ އަޑު ރީތިކޮށް ފާތިމާއަށް ވެސް އިވުނެވެ.

"ކަލޭ ނުޖެހޭ މަގޭ ދަރި ގޮވައިގެން ފިލާކަށް"

އަހަރެން ގެންފައިވާ ބިރާއި ހިތްދަތިކަމުގެ މަައްޗަށް ސަވާރުވެގަތީ އިންތިހާއީ ރުޅިވެރި ކަމެވެ. ނަމަވެސް ތޮލާލު ޖަހާލީ ހިނިގަނޑެކެވެ.

"މަ ކޮންއިރަކު ސުދާގެ ދަރިއެއް ގެންދިޔައީ. ތިވާނީ ސުދާ ދޮންބެއާއި އެކު މަޖާ ނަގަން ހުއްޓާ މިސްކު މޫދަށް ފުއްމާލީ ކަމަށް. ދޭބަލަ ބަލަން. ނޭނގެ އެފަކީރު މަރު ނުވާކަމެއްވެސް"

"މިސްކު ވީތަނެއް ބުނޭ. ހުވާކޮށްފަ މިބުނީ ކަލޭ މަރާލާނަން އެކުއްޖާއަށް ކަމެއް ވެއްޖިއްޔާ. ހިތްބަލި ކުއްޖެއް އެއީ ކަލޭ ކީކޭ ހިތަށް އަރައިގެންތަ އެކުއްޖާ ގޮވައިގެން ތި ފިލީ."

"ކީތްކުރާނީ؟ މަ ގުޅީމާ ބުނިތަނަށް އައިނަމަ މިހިނެއް ނުވީސްދޯ. އަދިވެސް ފުރުސަތު އެބައޮތް. މިއަދު ބައްދަލު ކުރި ތަނަށް އާދޭ. އެކަމަކު އެކަނި. އަންގައިގެންވެސް ނުވާނެ އެހެން މީހަކަށް. ދަރި ސަލާމަތުން ބޭނުމިއްޔާ މަ ބުނާގޮތް ހެދީމަ ހުންނާނީ ރަނގަޅަށް. އެހެން މީހަކު ގޮވައިގެން އައީވިއްޔާ މިސްކުގެ ހިޔަނިވެސް ދައްކާ ނުލާނަން"

އިންޒާރުގެ ބަސްތަކުން އަހަންނަށް މަޖުބޫރު ކުރުމަށްފަހު ތޮލާލު ފޯނު ކަނޑާލިއެވެ. އަހަރެން އިތުރަށް މަޑެއް ނުކުރަމެވެ. ދުވެފައިގޮސް އަހަރެން ވަލަށް ވަނީމެވެ. އަހަރެންގެ ފަހަތުން އަންނަން ކިތަންމެ ބޭނުން ވިޔަސް ފާތިމާއަށް މަޖުބޫރުވީ މަޑުކުރާށެވެ.

އަހަރެންނަކީ އަނދިރީގައި އެކަނި ހުންނަން ބިރުގަންނަ މީހެކެވެ. އެހެނަސް ކޮކާ ހަނދުވަރު އެޅިފަވާ ވަލުތެރެއިން އެކަނިމާ އެކަނި އަހަރެން ދުވަމުން ދިޔައީ މަޑުޖެހިލުމެއް ނެތިއެވެ. ކޮންމެ ހާލެއްގައި ނަމަވެސް އަހަރެން ބޭނުމީ ވީ އެންމެ އަވަހަށް އަހަރެންގެ ދެލޮލުގެ ނޫރު ފަދަ ދަރިފުޅު ދެކޭށެވެ. އެދަރިފުޅަށް ކުޑަކުޑަ އަނިޔާއެއް ވުމަކީވެސް އަހަރެންގެ މައިލަގޮނޑިއަށް ކުޅަދާނަ ވާނެކަމެއް ނޫނެވެ. ދެވޭ ނުދެވޭ ނޭނގި އަހަރެންނަށް މަގު އޮޅުނު އިރުވެސް އަހަރެން މަޑެއް ނުކުރަމެވެ. ތޮލާލު އެބުނި ތަނަށް އަހަރެންނަށް ދާކަށް ނޭނގުނެވެ.

"މިސްކު... މަންމަގެ ދޫންޏާ ކޮބާތަ ދަރިފުޅު.. މިސްކު"

ފޯނުގެ ބައްތި ދިއްލާ އަލިކުރަމުން އަހަރެން ދެންވެސް ދުވަމުން ދިޔައީ ވަށައި ހޯދަމުން ކުރިއަށެވެ. އަހަރެން ބާރަށް ގޮވަން ފެށުމުން އެއަޑު އިވި އަހަރެން ފަހަތުން އައިސް އަހަރެން ކުރިމައްޗަށް ހުއްޓުނީ ތޮލާލެވެ. އަހަރެންގެ ނޯށުގައި ފުރަތަމަވެސް ޖެހުނީ ތޮލާލުގެ ގައިން ދުވަމުން ދިޔަ ކުނި ތެޔޮބިޑި ވަހެވެ. ތޮލާލުއާއި އެކު މިސްކު ނެތުމުން އަހަރެންނަށް ތޮލާލުގެ މޫނަށް ބަލައިލެވުނީ ދެލޯ ބޮޑުކޮށްގެން ހުރެއެވެ.

(ނުނިމޭ)