ރަޝިއާއިން ޔޫކްރައިން އަށް އަރާ ހަނގުރާމަ ފެށިތާ ކުރީކޮޅު، ޔޫކްރައިންގެ ވައިގެ ބާރުގައި ބޭނުން ކުރާ ބޮން އަޅާ ބޯޓުތަކުގައި ހުނަރުވެރި ދަތުރުތަކެއް ކޮށް މަގުބޫލުކަން ހޯދާފައި ވާ ކުޅަދާނަ ޕައިލެޓް މަރުވެއްޖެއެވެ.

ޔޫކްރައިންގެ އުތުރުގައި އޮންނަ ޓްރެއިނިން ފީލްޑެއްގައި އެލް-39 މަރުކާގެ ތަމްރީނު ފްލައިޓް ތަކެއްގައި އުދުހެނިކޮށް 2 ބޯޓު ޖެހި ހިނގި އެކްސިޑެންޓްގައި މަރުވި ކުޅަދާނަ ޕައިލެތްގެ އިތުރުން އަނެއް ބޯޓުގައި ތިބި 2 ޕައިލެޓުންވެސް ވަނީ މަރުވެފައެވެ.

އެންޑްރީ ޕިލްސްޗިކޯކް ނަމަކަށް ކިޔަ ޕައިލެޓަކީ، ޔޫކްރައިންގައި ނަންބަރު 1 އެވެ.

މި މައްސަލައިގެ ތަހުގީގެއް މިހާރު ފަށާފައި ވާ އިރު، އާދަވެގެން ކޮންމެ ރެއަކު ދެއްވާ ވީޑިއޯ އެޑްރެސްގައި އެގައުމުގެ ރައީސް ވްލަޑިމިއާ ޒެލެންްކީ ވިދާޅުވީ، ޔޫކްރައިންގެ ވައިގެ ސަރަހައްދު ދިފާއު ކުރުމުގައި ފިދާވާ އެއްވެސް މީހެއްގެ ނަން ފަޑުވެގެން ނުދާނެ ކަމަށާއި އެއީ ހީރޯ އިން ކަމަށެވެ. އަދި އެމައްސަލައިގެ ތަހުގީގެއް ފައްޓަވާފައި ވާ ކަމަށާއި ޓެސްޓަށް އުދުހުމުގައި އަމަލުކުރަން ޖެހޭ ހުރިހާ އުސޫލުތަކެއް ރަނގަޅަށް ބަލައި އަމަލު ކޮށްފައިވޭތޯ ތަހުގީގު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ޕިލްސްޗިކޯކް އަކި، ހަނގުރާމަ ފެށުނުތާ ކައިރީގައި ރަޝިއާއިން ޔޫކްރައިންގެ ވެރިރަށް ކީވް އަށް އަމާޒު ކޮށް ފޮނުވަމުން ދިޔަ ގިނަ މިސައިލާއި ޑްރޯން ގޮއްވާލުމުގައި އޭނާގެ ބޯޓުގައި އުދުހި އެ ކަމިޔާބު ހާސިލު ކޮށްފައިވާ ކުޅަދާނަ ޕައިލެޓެކެވެ.

އޭނާ މީގެ ކުރިން ބީބީސީ އަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ ރަޝިއާއިން ފޮނުވާލައި ކްރޫޒް މިސައިލްތައް ބައިބަޔަށް އަމާޒުވަމުން އަންނަ އިރު އެތަކެތި ގޮއްވާލުމަކީ ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އެތަކެތި ގޮއްވާލުމުގައި މަސައްކަތް ނުކޮށްފިނަމަ ވެއްޓޭނީ އާންމުންގެ ތެރެއަަށް ކަމުން މީހުންގެ ފުރާނަ ސަލާމަތް ކުރުމަކީ އޭނާގެ އެންމެ މުހިންމު މަސައްކަތް ކަމަށެވެ.

އެންމެ ކުޅަދާނަ ޕައިލެޓްގެ މަރާއެކު ޔޫކްރައިން އަށް ހިތާމަވެރިކަން ކުރިމަތިވެފައި ވާ އިރު، މި ދަނޑިވަޅަކީ ހުޅަނގުން ދޭން ބުނީ އެންމެ ޒަމާނީ ބޮން އަޅާ ބޯޓު ކަމަށް ވާ އެފް16 މަރުކާރުގެ ބޯޓުތައް ދިނުމަށް ތައްޔާރުވެފައި ވެސް ވާ ދަނޑިވަޅެކެވެ.