ފާސްނުވެ ގިނަ ދުވަސްތަކަށް ކޮންގްރެސްގައި ހުއްޓިފައި އޮތް 61 ބިލިއަން އެމެރިކާ ޑޮލަރުގެ އަސްކަރީ ޕެކޭޖް ކޮންގްރެސް އިން ފާސްކޮށްފިއެވެ.
އިޒްރޭލަށް އީރާނުން ހަމަލާދިން ދަނޑިވަޅުގައި އަސްކަރީ ޕެކޭޖްގެ މުހިންމު ކަމުގެ ވާހަކަ އަލުން ފެންމަތިކޮށް ކޮންގްރެސް އިން ޕެކޭޖް ފާސްކުރި އިރު, ބޮޑުބައި ލިބެނީ ޔޫކްރައިން އަށެވެ.
މި ޕެކޭޖުން އިޒްރޭލަށް 26 ބިލިއަން ޑޮލަރުގެ އެހީ ލިބޭ އިރު ޓައިވާނަށް 8 ބިލިއަން ޑޮލަރުގެ އެހީ ލިބެއެވެ.
ޔޫކްރައިނަށް ދޭ އަސްކަރީ ހަތިޔާރާއި އާލަތްތަކުގެ ބޭރުން އިގްތިސޯދީ ހާލަތުން އަރައިގަތުމަށް އަނބުރާ ދައްކަން ނުޖެހޭ ގޮތަށް 9 ބިލިއަން ޑޮލަރުގެ ފައިސާގެ އެހީއެއްވެސް އެގައުމަށް ދެއެވެ.
މިއަދު ކޮންގްރެސް އިން މި ޕެކޭޖް ފާސްކުރުމާއެކު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ މިއީ ތާރީހު ބަދަލުކޮށްލާނެ އެހީއަކަށް ވާނެ ކަމަށެވެ. އެމެރިކާގެ މި ޕެކޭޖަކީ ޔޫކްރައިން އަށް ކޮންމެހެން ބޭނުންވެފައި ވާ ޕެކޭޖެއް ކަމަށް އެގައުމުން ބުނެފައި ވާ ދަނޑިވަޅެއްގައި މި ޕެކޭޖް ފާސްވުމުން ޔޫކްރައިން އިންވެސް ވަނީ ބައިޑަން އަށް ޝުކުރު އަދާކޮށްފައެވެ.
މި ޕެކޭޖުގައި އެންމެ ޒަމާނީ ހަތިޔާރު ހިމެނޭ އިރު ވައިގެ ދިފާއު ވަރުގަދަ ކުރުމަށް ބޭނުންވާ އެއާ ޑިފެންސް ސިސްޓަމްތަކަކާއި ބަރުހަތިޔާރު ހިމެނެއެވެ. އަދި ކޮންމެ ދުވަހަކު ބޭނުން ކުރާ ބޮޑުބަޑީގެ އުންޑައާއި އާދައިގެ ބަޑީގެ ވަޒަންވެސް ހިމެނެއެވެ.
އެމެރިކާއިން އިޒްރޭލަށް ދޭ އެހީފައި އެފް16 މަރުކާގެ ބޮން އަޅާ ބޯޓާއި ބަރުހަތިޔާރާއި އިތުރު އެއާ ޑިފެންސް ސިސްޓަމްސް ހިމެނެއެވެ.
އެމެރިކާއިން ޓައިވާނަށް އަސްކަރީ އެހީ ދިނުމަކީ ޗައިނާއިން ރުޅި އަންނާނެ ކަމެއް ނަމަވެސް އެމެރިކާއިން ބުނެފައި ވަނީ ޗައިނާގެ ނުރައްކަލުން ޓައިވާން ހިމާޔަތް ކުރުމަށް ބޭނުންވާ އަސްކަރީ އެހީ, އެ ޕެކޭޟޖެގެ ތެރޭގައި ހިމެނޭ ކަމަށެވެ.
މި ކަމާ ގުޅިގެން ޗައިނާއިން އަދި އެއްޗެއް ބުނެފައި ނުވާ އިރު ޓައިވާނަކީ ޗައިނާގެ އައްސޭރީގައި އޮންނަ, ޗައިނާއިން ގަބޫލު ކުރާ އެމީހުންގެ މުގައްދަސް ރަށެކެވެ. އެތަނުގެ މައްޗަށް ފުރިހަމަ ކޮންޓްރޯލާއި ބާރު އޮންނަން ވާނީ ޗައިނާ އަށް ކަމަށް އެގައުމުން ބުނެއެވެ.