އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ވޭޕް ބޭނުންކުރުން މަނާކުރަން އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމައިފިއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ބުނީ އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ވޭޕްސް (3000 ޕަފްސް ނެގޭކަހަލަ ވޭޕް) ބޭނުންނުކުރެވޭ ގޮތަށް މަނާކުރަން ނިންމީ އެ ގައުމުގެ ގިނަ ޒުވާނުނެއް މި ވަބާގައި ޖެހި، ވޭޕް ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސަބަބުން އެކަމަށް ހައްލެއް ހޯދުމުގެ މަގްސަދުގައި ކަމަށެވެ.

އެގައުމުގެ ޕްރައިމް މިނިސްޓަރު ރިޝީ ސުނަކް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާން މަސައްކަތްކުރާ ބޮޑެތި ހަރު މީހުންނަށް ވަކި ގަވައިދެއްގެ މަތިން ވޭޕް ވިއްކާނެ ކަމަށެވެ. އެގައުމުގެ ގަވާއިދު އޮންނަ ގޮތުން މިހާރުވެސް 18 އަހަރުން ދަށުގެ އެއްވެސް ކުއްޖަކަށް އެއްވެސް ވައްތަރެއްގެ ވޭޕެއް ވިއްކުމަކީ ގާނޫނާ ހިލާފު ކަމެކެވެ. ނަމަވެސް އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ވޭޕްސް ތައް އެކި ޑިޒައިންތަކުގެ އިތުރުން އެކި ކުލަތަކުގައި ވިއްކަމުން އަންނަކަމަށް ޕްރައިމް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. "ދުންފަތުގެ އިސްތިއުމާލު ނުކުރާ ޖީލެއް" އުފެއްދުމަށް ކުރާ މަސައްކަތުގެ ތެރެއިން 2009ވަނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން އުފަންވާ ކޮންމެ މީހަކަށް ސިނގިރޭޓް ވިއްކުން މަނާކުރާނެ ކަމަށް ވެސް އިނގިރޭސިވިލާތުން މިދިޔަ އަހަރު ވަނީ އިއުލާނުކޮށްފައެވެ.

އިނގިރޭސިވިލާތުގެ އިތުރުން އޮސްޓްރޭލިޔާ، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް އަދި ނިއުޒީލޭންޑުން ވެސް ވަނީ ޑިސްޕޯސަބަލް ވޭޕް ބޭނުންކުރުން މަނާ ގާނޫނެއް އުފައްދާނެ ކަމަށް ބުނެފައެވެ. ނަމަވެސް މިހާތަކަށް އެކަން ކުރި ހަމައެކަނި ގައުމަކީ ނިއުޒިލޭންޑެވެ. އެގައުމުގައި ޑިސްޕޯސަބަލް ވޭޕް މިހާރު ބޭނުމެއް ނުކުރެވޭނެއެވެ.