ރަޝިއާއިން ޔޫކްރައިން ހިފައިފިނަމަ މުޅި ޔޫރަޕަށް ވެސް އެއީ ނުރައްކަލެއް ކަމަށް ބަލައި ހުޅަނގުގެ ގައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތުގެ ހަތިޔާރު ރަޝިއާގެ ތެރޭގައި ބޭނުން ކުރުމުގެ ހުއްދަ އެގައުމުން ދީފިއެވެ.
އިނގިރޭސި ހާރިޖީ ވަޒީރު ޑޭވިޑް ކެމަރަން ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެކެންސްކީ އާ ބައްދަލު ކުރައްވައި ވިދާޅުވީ, ޔޫކްރައިން އަށް އެހީވުމަށް ދިގު މުއްދަތަކަށް ކޮންމެ އަހަރަކު 3.75 ބިލިއަން އެމެރިކާ ޑޮލަރުގެ އަސްކަރީ އެހީ ޔޫކްރައިން އަށް ދޭނެ ކަމަށާއި އެއީ ބޮޑުވަޒީރު ރިޝީ ސުނާކް ގެ ނިންމެވުމެއް ކަމަށެވެ. އެހެން ކަމުން އެ އެހީގެ ދަށުން ލިބޭ ހަތިޔާރު ބޭނުން ކުރާނެ ގޮތް އެނގޭނީ ޔޫކްރައިން އަށް ކަމަށާއި ރަޝިއާ އިން ކުރިއަރައިގެން އަންނަ އިރު ރައްދު ނުދީ ޔޫކްރައިން އަށް ނުތިބެވޭނެ ކަން އެންމެންވެސް ގަބޫލު ކުރާނެ ކަމަށެވެ.
އޭނާގެ ވާހަކަގައި އިނގިރޭސީން ޔޫކްރައިން އަށް ދޭ ދުރުރާސްތާ ސްޓޯމް ޝެޑޯ މިސައިލްގެ ވާހަކަ ވަކިން ފާހަގަ ނުކުރެއްވި ނަމަވެސް މިހާރު އޮތް އެއްބަސް ވުމަކީ އެ ހަތިޔާރު ރަޝިއާގެ ސަރަހައްދުގައި ބޭނުން ނުކުރުމެވެ. އެމެރިކާއިން ވެސް ހިފަހައްޓަމުން އަންނަނީ އެ އުސޫލެވެ. ޖަރުމަނުންވެސް އެ އުސޫލު ހިފަހައްޓަމުން އަންނަ އިރު އެ ގައުމުތަކުގައި އުފައްދާ އެންމެ އެޑްވާންސް ދުރުރާސްތާ މިސައިލުން ރަޝިއާއަށް ހަމަލާ ދިނުމުގެ ހުއްދައެއް ނުދެއެވެ. އެހެން ކަމުން ޔޫކްރައިން އިން އެފަދަ ހަތިޔާރުން ހަމަލާ ދެނީ ރަޝިއާއިން ހިފާ އަމިއްލަ ކުރި ޔޫކްރައިންގެ ސަރަހައްދު ތަކަށެވެ. އަދި ރަޝިއާގައި ހުންނަ ހަކަތައިގެ ވިއުގައަށް ޔޫކްރައިން އިން ހަމަލާ ދޭ އިރު އެ ފަދަ ހަމަލާތައް ދެނީ ޔޫކްރައިންގައި އުފައްދާ ޑްރޯން ބޭނުން ކޮށްގެންނެވެ.
ރަޝިއާގެ ހަކަތައިގެ ވިއުގައަށް ޔޫކްރައިން އިން ހަމަލާ ދޭ މައްސަލައިގައި އެމެރިކާއިން ހިތްހަމަ ނުޖެހުން ފާޅުކޮށް އެކަން އެގޮތަށް ނުކުރުމަށް ޔޫކްރައިން އަށް ވަނީ އަންގާފައެވެ. އެމެރިކާއިން ގަބޫލު ކުރާ ގޮތުގައި, ރަޝިއާގެ ހަކަތައިގެ ވިއުގައަށް ގެއްލުން ލިބޭ މިންވަރު ބޮޑުވެއްޖެ ނަމަ ހަނގުރާމަ އިތުރަށް ފުޅާވެގެން ހިނގައިދާނެއެވެ.
ޔޫކޭގެ ހަތިޔާރު ބޭނުން ކުރުމުގެ ހުއްދަ ދިނުމާ ގުޅިގެން ރަޝިއާއިން ބުނެފައި ވަނީ, މިއީ ޔޫކްރައިންގެ ހަނގުރާމަ ފުޅާކުރުމަށް ހިތްވަރު ދިނުން ކަމަށާއި އެކަމުގެ ނުރައްކާ ޔޫރަޕަށް ފޯރުން އެކަށީގެން ވާ ކަމަށެވެ.
ކްރެމްލިންގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޯވް ވަނީ މި ނޯޓުގައި ފްރާންސަށް ވެސް އިންޒާރެއް ދެއްވާފައެވެ. އޭނާ ފްރާންސަށް އިންޒާރު ކުރެއްވީ, ރަޝިއާއިން ކުރި ހޯދާ ނަމަ, ޔޫކްރައިންގެ ސިފައިންނާ ބައިވެރިވާން ފްރާންސުގެ ސިފައިން އެގައުމަށް ފޮނުވަން ޖެހިދާނެ ކަމަށް ރައީސް އެމެނުއަލް މެކަރޯން ވިދާޅުވި ވާހަކައާ ގުޅިގެންނެވެ. ޕެސްކޯވް ވިދާޅުވީ މެކަރޯން އެ ދައްކަވަނީ ވަރަށް ނުރައްކާތެރި ވާހަކައެއް ކަމަށެވެ.
ހަނގުރާމައިގެ ހަބަރުތަކަށް ބަލާއިރު ރަޝިއާއިން ދަނީ ކުރި ހޯދާ ބޮޑެތި ސަރަހައްދުތަކެއް ހިފަމުންނެވެ. އެގޮތުން ޔޫކްރައިންގެ އިރުމަތީ ބިތުގެ ގިނަ ވިލެޖްތަކެއް މިހާރު ހިފާފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ. އަދި ޔޫކްރައިން އަށް ކުއްލި ހަމަލާއެއް ދިނުމަށްޓަކައި އިތުރު 30,000 ސިފައިން ރަޝިއާއިން ތަމްރީނު ކުރަމުން ދާ ކަމަށް ވެސް ޔޫކްރައިންގެ އޮފިޝަލުން ބުނެއެވެ. މިއާއެކު ރަޝިއާއިން ކެމިކަލް ހަތިޔާރު ބޭނުން ކުރާ ކަމަށާއި އެކަމުގެ ސަބަބުން ޔޫކްރައިންގެ ސަފުތަކަށް ކުރި ނުލިބި ފަހަތަށް ޖެހެން މަޖުބޫރުވަމުން ދާކަމަށް ވެސް ބުނެއެވެ. ރަޝިއާއިން ކެމިކަލް ހަތިޔާރު ބޭނުން ކުރާ ވާހަކަ އެމެރިކާއިން ވެސް ބުނެފައި ވާ އިރު, ޔޫކްރައިން އިން ވަނީ އެކަން ސާބިތު ކޮށްދިނުމަށްޓަކައި ބޮޑު ރިޕޯޓެއް ތައްޔާރު ކޮށް އދ ގެ ކަމާބެހޭ އިދާރާއަށް ވެސް ހުށަހަޅާފައެވެ. އަދި ރޮއިޓާސް ނިއުސް އެޖެންސީންވެސް މިނިވަން ތަހުގީގެއް ހިންގަމުން ދާ އިރު, އެމެރިކާއިން ބުނެފައި ވަނީ, ރަޝިއާއިން ބޭނުން ކުރާ ކެމިކަލް ހަތިޔާރުން ރައްކާތެރިވުމަށް ބޭނުންވާ މާސްކް ޔޫކްރައިންގެ އަތުގައި ނެތް ކަމަށާއި އެއީ މިވަގުތަށް ކޮންމެހެން ފޯރުކޮށްދޭން ޖެހޭ އެއްޗެއް ކަމަށެވެ.
ހަނގުރާމައިގައި ބޭނުން ކުރާ ކޮންމެ ކޮންމެ މާސްކް އަކުން ކެމިކަލްގެ ވިހައިން ރައްކާތެރިކަމެއް ނުލިބެއެވެ. އެ ދާއިރާގައި އެންމެ ކާމިޔާބު މާސްކް އުފައްދާ ގައުމަކީ އިނގިރޭސިވިލާތް ކަމަށް ވާއިރު އެމެރިކާގެ ފައުޖުތަކުން ވެސް ބޭނުން ކުރަނީ އިނގިރޭސީންގެ މާސްކެވެ. އެހެން ކަމުން އެމެރިކާގެ އޮފިޝަލުން ވަނީ އެ މާސްކް ޔޫކްރައިން އަށް ދިނުމަށް ގޮވާލާފައެވެ.
ކެމިކަލް ހަތިޔާރަކީ ރަޝިއާއިން ސީރިއާ ހަނގުރާމައިގައި ވެސް އުކެޅެއްގެ ގޮތުގައި ބޭނުން ކުރި ކާމިޔާބު ހަތިޔާރެކެވެ. އެ ހަތިޔާރުން 5-10 މިނެޓާ ދެމެދުގެ ވަގުތަކަށް ކެމިކަލްގެ އަސަރު ހަމަލާ އަމާޒުވާ ސަރަހައްދުގައި ހުންނަ އިރު, ނޭވާލުމަށް ދަތިވެ ސަފުތަށް ފަހަތަށް ޖެހެން މަޖުބޫރު ކުރުވައެވެ. އެއާއެކު ރަޝިއާގެ އެހެން ފައުޖުތަކުން އެ މަގާމުތަކަށް ހަމަލާ ދީ އެ ސަރަހައްދެއް ހިފައެވެ.