ޔޫކްރައިން އާމީ ފޯސަސްގެ ވެރިޔާ ވެލެރީ ޒަލުޒްނީގެ މުޝީރު އުމުރުން 39 އަހަރުގެ ހެންނާދީ ޝަސްޓިޔަކޯވް އަށް ލިބުނު ބާތްޑެ ގިފްޓެއް ގެއަށް ގޮސް ހުޅުވި ތަނުން ގޮވާ އޭނާ މަރުވެއްޖެއެވެ.

ޔޫކްރައިންގެ ދާހިލީ ވަޒީރު އިހޯރު ކްލައިމެންކޯ ވިދާޅުވީ، މުޝީރުގެ އުފަންދުވަހުގެ ހަދިޔާއަކަށް ޕާރުސަލް ކޮށްފައި އަތުބޮމެއް ދިނީ އޭނާގެ ގާތް އެކުރިންތަކެއް ކަމަށާއި އެ ޕާރުސަލް ހިފައިގެން އޭނާ ދިޔައި ގެއަށް ކަމަށެވެ. އަދި ޕާރުސަލް ކެނޑީ ގޭގައި އުމުރުން 13 އަހަރުގެ އޭނާގެ ދަރިފުޅާ އެކީގައި ކަމަށާއި އަތުބޮން ގޮވާ އޭނާވެސް ޒަހަމްވެފައި ވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޕާރިސަލް ކެނޑުމަށް ފަހު ބޮން ނަގާ އޭގެ ޕިން ދަރިފުޅު އަނބުރަން ފެށުމުން އޭނާގެ އަތުން ބޮން އަތުލައި މުޝީރު އޭގެ ޕިން ދަމާލި ތަނުން ގޮވީ ކަމަށެވެ.

މި ހާދިސާގެ ތަހުގީގެއް މިހާރު ފަށާފައި ވާ އިރު، ރިޕޯޓަށް އިންތިޒާރު ކުރުމަށް ވެސް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ. ފުލުހުން ބުނީ، މިހާދިސާ ހިނގާފައި ވަނީ، ގޮވާތަކެތި ގެންގުޅުމުގައި ފަރުވާ ކުޑަވުމުން ކަމަށެވެ.