5 ވަނަ ދައުރެއް ޔާގީން ކުރައްވާނެ ކަން އެންމެނަށް ވެސް ޔަގީންވާ މިހާރުގެ ރައީސް ވަލްޑިމިއާ ޕުޓިން އިންތިހާބަށް ނިކުވެވަޑައިގެންފާ ވާއިރު ރަޝިއާގައި މިހާރު ކުރިއަށް ދާ ވޯޓުގައި, ރަޝިއާއިން ހިފި ޔޫކްރައިންގެ ސަރަހައްދުތަކުގައި ވޯޓު ލައްވަނީ ބަޑިޖައްސައިގެންނެވެ.
ބޭރުގެ ބައެއް މީޑިއާތަކުން އެ ފަދަ ސަރަހައްދުތަކުއި އުޅޭ މީހުންނާ ހަވާލާދީ ބުނީ, ވޯޓުލާން އޮފިޝަލުން ދަނީ އަތަށް ފައިލް ބޮނޑި ލައިގެން މޫނު ނިވާކޮށްފައި ހުންނަ ހަތިޔާރު އެޅި ސިފައިންގެ މީހަކާ އެކުގައި ކަމަށާއި ހިފާފައި ވާ ސަރަހައްދުތަކުގެ ގޭގެއަށް ގޮސް ދޮރުމަތީގައި ތިބެ އެމީހުން ލައްވާ އޮފިޝަލުން ވޯޓު ކަރުދާހުގައި ފާހަގަ ޖައްސުވާ ކަމަށެވެ. އެ ފާހަގަ ފެންނަ ހިސާބުގައި ހަތިޔާރު އެޅި ސިފައިންގެ މީހާ ހުންނަ އިރު, ތަންކޮޅެއް ދުރުގައި އިތުރު ސިފައިން އަރާ އޮންނަ ވެހިލަކެއް އޮންނަ ކަމަށް ވެސް ބުނެފައި ވެއެވެ.
ބަޑި ޖައްސައިގެން އެ ސަރަހައްދުތަކުގައި ވޯޓުލަމުން ގެންދާ އިރު, އެ ސަރަހައްދުތަކުގެ ގިނަ މީހުން ވޯޓުގައި ބައިވެރިވާ ދެކޮޅު ހަދާ ކަމަށާއި ނަމަވެސް ބަޑީގެ ބިރަށް ވޯޓުލުން ނޫން ގޮތެއް ނޯންނަ ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ރަޝިއާގެ އިންތިހާބުގައި ޕުޓިން އާ ވާދަ ކުރަން ކްރެމްލިންގެ ސަޕޯޓަރުންގެ ގޮތުގައި ހިމެނޭ 3 މީހަކު ކުރިމަތި ލައެވެ. އެމީހުން ކުރިމަތިލަނީ މި އިންތިހާބަކީ ޑިމޮކްރެޓިކް އިންތިހާބެއްކަން ދެއްކުމަށް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ޔޫކްރައިން ހަނގުރާމަ ފެށިފަހުން ރަޝިއާއިން ވަނީ ޔޫކްރައިންގެ 5 ސަރަހައްދެއް ހިފައި އަމިއްލަ ކޮށްފައެވެ. އެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަކީ މިހާރު ރަޝިއާގެ ރައްޔިތުން ކަމުގައި ކަނޑައަޅާފައި ވާ އިރު, ވޯޓުގައި ބައިވެރި ނުވާ މީހަކު ވިއްޔާ ބިންގަރާހަށް ގެންދާ ކަމަށް ވެސް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ބައެއް މީހުން ބުނެއެވެ.
ރަޝިއާގެ އިންތިހާބާ ބެހޭ ގާނޫނު ބުނާގޮތުން ވޯޓު ލުމަށްޓަކައި ރަޝިއާގެ ރަށްވެއްސެއްކަން އަންގައިދޭ ލިޔުމެއް އޮންނަ ޖެހުނު ނަމަވެސް އެ ސަރަހައްދަ ތަކުގައި ޔޫކްރައިންގެ ޕާސްޕޯޓް އޮތަސް އެމީހަކަށް ވޯޓުލެވެއެވެ.
ޕުޓިން 5 ވަނަ ދައުރެއް ކާމިޔާބު ކުރައްވާނެކަން ޔަގީން ކުރެވޭ އިރު މިއީ ވެރިކަމުގައި ދެމިހުންނެވުމަށް ޕުޓިން ހިންގަވާ ޖަރީމާއެއް ކަމަށް ޔޫކްރައިންގެ އޮފިޝަލުން ވަނީ ބުނެފައެވެ. އަދި ދުވަހަކުވެސް ހިފި ސަރަހައްދު ތަކަކީ ރަޝިއާގެ ތަންތަނަށް ނުވާނެ ކަމަށާއި ބާރުގެ ބޭނުންކޮށްގެން ވެރިކަމުގައި ދެމިހުރެވިދާނެ ކަމަށް ބުނެފައި ވެއެވެ.