ތެލެގޫ، ތަމިލް އަދި ބޮލީވުޑްގައި ވެސް މަސައްކަތް ކުރަމުން އަންނަ ކުޅަދާނަ ބަތަލާ ތަމަންނާ ބާޓިއާ 33އ، ބޮލީވުޑްގެ ތަރި ވިޖޭ ވަރުމާ 37އ، އާ ލޯބީގެ ގޮތުން ގުޅިއްޖެއެވެ.

ދެމީހުންގެ ގުޅުމާ ގުޅޭގޮތުން މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ތަމަންނާ ބުނީ ދެމީހުން ދިމާވީ "ލަސްޓް ސްޓޯރީސް 2" ގެ ސެޓުން ކަމަށާއި އެ ސެޓުން ދެމީހުންގެ އެކުވެރިކަން ބަދަހިވެ އެ ގުޅުން ލޯތްބަށް ބަދަލުވި ކަމަށެވެ. ތަމަންނާ އާއި ވިޖޭ އެކުގައި އުޅޭކަމަށް އެންމެ ފުރަތަމަ އަޑުފެތުރެން ފެށީ މިއަހަރު ކުރީކޮޅު ގޮއާގައި ދެމީހުން އެކުގައި ނަގާފައި ހުރި ވީޑިއޯތަކެއް އާންމުވުމާ ގުޅިގެންނެވެ. އޭގެ ފަހުން މުމްބާއީ އަށް ދެމީހުން އައިސް ރެސްޓޯރަންޓު ތަކުން ބައްދަލުކުރާ ތަން ޕަޕަރާޒީންނަށް ފެނި އެކަމާމެދު ސުވާލުވެސް ކުރިއެވެ. ނަމަވެސް އޭރު ދެމީހުންވެސް ދިޔައީ އެކަމަށް އިންކާރު ކުރަމުންނެވެ.

ބަތަލާ ބުނީ ކޯ ސްޓާ އަކަށްވުމުން މީހެއް ދެކެ ގަޔާ ނުވާ ކަމަށާއި މީގެ ކުރިންވެސް ގިނަ ތަރިންނާއެކު ފިލްމު ކުޅެވިއްޖެ ކަމަށާއި އެކަމަކު އެކަހަލަ އިހުސާސެއް މީގެ ކުރިން ނުކުރެވޭ ކަމަށެވެ. އަދި މީހެއް ދެކެ ގަޔާވާއިރު ގަޔާވެވެނީ އެމީހެއްގެ ޕާސަނަލަޓީ އަށްކަމަށާއި އޭގެ ފަހުން ވާހަކަ ދައްކާ އިތުރު ހަރުފަތަކަށް ގުޅުން ގެންދަނީ ކަމަށްވެސް ތަމަންނާ ބުންޏެވެ. ވިޖޭ އާ ގުޅޭގޮތުން ތަމަންނާ ބުނީ، ވިޖޭ އަކީ އޭނާ އަބަދުވެސް ބޭނުންވި ކަހަލަ މީހެއް ކަމަށާއި ވިޖޭ އަކީ ހުރިހާ އެންމެންނަށްވެސް ވަރަށް އިހުތިރާމް ކުރާ މީހެއް ކަމަށެވެ. ވިޖޭ އަކީ ތަމަންނާގެ ހުރިހާ އިހުސާސެއް އެނގޭ އެކަމަށް އިހުތިރާމްކުރާ ފިރިހެނެއް ކަމަށާއި، މިހާރު އޭނާ އަކީ ހަޔާތުގެ ވަރަށް މުހިއްމު މީހެއް ކަމަށްވެސް ބަތަލާ ވަނީ ބުނެފައެވެ.