އިންޑިއާގެ ލަވަކިޔުންތެރިޔާ އަދި އެކްޓަރު ދިލްޖީތު ދޮސާންޖުގެ "ސަރްދާރުޖީ 3" ގައި ޕާކިސްތާނުގެ ތަރިއެއް ކަމަށްވާ ހާނިއާ އާމިރް ހިމެނޭތީ ގިނަ ބައެއްގެ ނުރުހުން ދިލްޖީތު އަށް އަމާޒުވެއްޖެއެވެ.
އިންޑިއާ އާއި ޕަކިސްތާނުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކާއެކު، ޕާކިސްތާނުގެ އެކްޓަރުންނަށް އިންޑިއާގެ ސިނާމާތަކުން ފުރުސަތު ނުދިނުމަށް ގޮވާލާ އަޑު ގަދަވެފައިވާ މި ދަނޑިވަޅު ދިލްޖީތު ފިލްމީ ދާއިރާއިން ބޮއިކޮޓްކޮށް، އޭނާ މިހާރު މަސައްކަތްކުރަމުން އަންނަ ފިލްމު "ބޯޑާ 2" އިން އޭނާ ވަކިކުރަން ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.
ދިލްޖީތުގެ "ސަރްދާރުޖީ 3"ގެ ޓްރައިލާ އާންމުކުރުމާއެކު އެ ފިލްމުގެ މުހިއްމު ރޯލަކުން ޕާކިސްތާނުގެ ތަރިއަކަށް ފުރުސަތު ދީފައިވާ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އަދި ޕާކިސްތާނުގެ ތަރިއަކާއެކު ހަދާފައިވާ މި ފިލްމު ރިލީޒްކުރާތީ އިންޑިއާގެ އާންމުން ވަނީ ދިލްޖީތު އާއި ދެކޮޅަށް ނުކުމެ ސޯޝަލް މީޑިއާގައި އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން ދިލްޖީތަކީ ގައުމު ދެކެ ލޯބިވާ މީހެއް ނޫންކަމަށް ފާޑުކިޔާ ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި އޭނާ ޕްރޯ-އިންޑިއާ ވެދާނެ ކަމަށް އުއްމީދުވެސް ނުކުރާކަމަށް ގިނަ ބަޔަކު ބުނެފައިވާއިރު އިންޑިއާ ޕާކިސްތާނުގެ މަޝްރަހު ހޫނުވި ދަނޑިވަޅުވެސް އޭނާ ހަނުހުރި އަސްލު ސަބަބު މިހާރު އެނގިފައިވާކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
އާންމުންގެ ރުޅިވެރިކަމާއި އިންޒާރުތަކާ ގުޅިގެން، ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕްލޮފީސްވަނީ ދަލްޖީތުގެ ކުރިއަށް އޮތް ފިލްމު 'ބޯޑާ 2' ގެ ޕްރޮޑެކްޝަން ޓީމަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި 'ބޯޑާ 2' ގައި ދިލްޖީތު ބައިވެރިކުރާ ނަމަ، އެ މީހުންނާ ދެކޮޅަށް ދައުވާކުރާނެ ކަމަށް ވަނީ ބުނެފައެވެ. އަދި ޕާކިސްތާނުގެ އެކްޓަރުންނާ އެކުގައި މަސައްކަތްކުރާނީ ގައްދާރުން ކަމުގައިވަނީ ބުނެފައިވެއެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ގޯސްވީ ކަޝްމީރުގެ އިންޑިއާ ސަރަހައްދުގައި މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހު 26 މީހަކު މަރާލުމާއި ގުޅިގެންނެވެ.